ކުށް ކުރާ ކުޑަކުދިން ބައިތިއްބާ މަރުކަޒެއް ފުވައްމުލަކުގައި ހުޅުވައިފި

ފުވައްމުލަކުގައި ކުޑަކުދިންގެ ކަސްޓޯޑިއަލް މަރުކަޒު މިއަދު ހުޅުވުން --

ކުށް ކުރާ ކުޑަކުދިން ބައިތިއްބާ މަރުކަޒެއް ފުވައްމުލައް ސިޓީގައި މިއަދު ހުޅުވައިފިއެވެ.

ފުވައްމުލަކުގައި މި ހުޅުވީ ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ ދަށުން ގާއިމުކުރި ފުރަތަމަ، ކުޑަކުދިންގެ ކަސްޓޯޑިއަލް މަރުކަޒެވެ.

މި މަރުކަޒު ހުޅުވުމަށް ފުވައްމުލަކުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ މަރުކަޒު ހުޅުއްވާދެއްވީ ރައްޔިތުން މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެންބަރު އަދި ހިއުމަންރައިޓްސް އެންޑް ޖެންޑާ ކޮމެޓީގެ މުޤައްރިރު ޖީހާން މަޙްމޫދާއި ފުވައްމުލައް ސިޓީގެ މޭޔަރު އިސްމާއީލް ރަފީގެވެ.

ފުލުހުން ބުނީ މިހުޅުވި ކުޑަކުދިންގެ ކަސްޓޯޑިއަލް މަރުކަޒުގައި، ކުޑަކުދިންނަށް ޚާއްސަކޮށްގެން އިންޑޯ އަދި އައުޓް ޑޯ ކުޅިވަރުތައް ކުޅެވޭނެ ތަނަކާއި ލައިބްރަރީއަކާއި، ކްލާސްރޫމެއްގެ އިތުރުން ކޮމްޕިއުޓަރު ލެބެއް ގާއިމުކޮށްފައި ވާނެ ކަމަށެވެ.

ފުވައްމުލަކުގައި ކުޑަކުދިންގެ ކަސްޓޯޑިއަލް މަރުކަޒު ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް އަބްދުލްމަންނާން ޔޫސުފް ވަނީ މީގެ 28 އަހަރު ކުރިން މީހުން ބަންދުކުރާއިރު ކުޑައެއް ބޮޑެއް ތަފާތެއްނުކުރާކަން ފާހަގަކުރައްވާފައެވެ.

މަންނާން ވިދާޅުވީ އޭރު އަމަލުކުރަމުންދިޔަ ގޮތްތަކަށް ވިސްނާލުމުން މިއަދަށް ވަރަށް ރަނގަޅު ފިލާވަޅެއް ލިބޭ ކަމަށެވެ. އަދި އޭރު މީހަކު ކުށެއް ކުރީމާ އިންޒާރެއް ދިނުމަށް ފަހު އެ ކުށް ތިންވަނަ ފަހަރަށް ތަކުރާރުކޮށްފި ނަމައާއި އެއީ ދައުވާކުރެވޭވަރުގެ މައްސަލައެއް ނަމަ ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވާކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތަށް ކަންތައްކުރުމުން ދެވަނަ ފަހަރަށް ކުށްކޮށްގެން އަންނަ މިންވަރު މަދުވާކަމަށް މަންނާން ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ މިހާރު އޮތް ޖުވެނައިލް ޖަސްޓިސްއަށް ބަލާއިރު ކުއްޖަކު ދެވަނަ ފަހަރަށް ކުށެއްކޮށްގެން ގެނެވޭ ހިނދު އެކުއްޖަކު ބައިންދައިގެން ނަސޭހަތްދިނުމަށްފަހު ދެން ކަންކަން ކުރަންވީ ގޮތުގެ މައުލޫމާތު އެކުއްޖާގެ ބެލެނިވެރިޔާއަށް ހިއްސާކުރާ ކަމަށެވެ.

"ކުޑަކުދިން ކުރާ ކުށްތައް މަދުކުރުމަށް ފުލުހުން ކުރާ މަސައްކަތުން، ކުޑަކުދިންނަކީ ކުށްތަކާ ދުރުވެ މުޖުތަމައަށް ބޭނުންތެރި ދަރިންތަކަށް ވެގެން ދިއުމަށް އުންމީދު ކުރަން،" މަންނާން ވިދާޅުވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ފުވައްމުލައް ސިޓީގެ ކައުންސިލްގެ އިސްވެރިންގެ އިތުރުން އެކިއެކި މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވިއެވެ.

comment ކޮމެންޓް