ބްރަސަލްސް (17 ނޮވެމްބަރު 2022): ޔޫކްރެއިންގެ ސަރަހައްދީ ރޮނގުގެ ކައިރީގައިވާ ޕޮލެންޑްގެ އަވަށަކަށް އިއްޔެ އެރި މިސައިލް ހަމަލާ އައީ ރަޝިއާގެ ފަރާތުން ނޫންކަމާއި އެއީ ޔުކްރެއިނުން އައި ހަމަލާއެއްކަމަށް ނޭޓޯއިން ކަށަވަރުކޮށްދީފިއެވެ.
މިހަމަލާއާ ގުޅިގެން ކުރާ ތަހުގީގުތަކާއެކު ނޭޓޯއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޕޮލެންޑަށް އެރި މިސައިލް ހަމަލާއަކީ އެއްވެސް ފަރާތަކުން ގަސްދުގައި ދިން ހަމަލާއެއް ނޫންކަމަށާއި ނަމަވެސް އެ ހަމަލާއައީ ރަޝިއާގެ ބަދަލުގައި ޔުކްރެއިނުން ކަމުގައެވެ. އަދި އެއީ ރަޝިއާގެ މިސައިލަކަށް ހުރަސްއެޅުމަށް ޔުކްރެއިން ފޮނުވާލި މިސައިލްތަކެއްގެ ތެރެއިން ޓެކްނިކަލް މައްސަލައެއް ޖެހި އަމާޒު ކަސިޔާރުވެގެން އައި މިސައިލެއްކަމަށްވެސް ނޭޓޯގެ ބަޔާން ބުނެއެވެ.
ޕޮލެންޑްގެ ރައީސް އަންދްރޭޒް ޑޫޑާ ވެސްވަނީ މިމޭރުމުން ވާހަކަ ދައްކަވާފައެވެ. ޑޫޑާ ވިދާޅުވިގޮތުގައި ޔުކްރެއިންގެ ސަރަހައްދީ ރޮނގު ކައިރީގައި އޮންނަ ޕޮލެންޑުގެ އަވަށަކަށް ވެއްޓި ގޮވާފައިވަނީ ރަޝިއާގެ މިސައިލެއް މަތަކުރަން ޔޫކްރެއިނުން ފޮނުވައިލި ދިފާއީ މިސައިލެކެވެ.
އެމެރިކާގެ ރައީސް ޖޯ ބައިޑެން ވެސް ވަނީ މިމޭރުމުން ވާހަކަ ދައްކަވާފައެވެ. ނަމަވެސް ޔުކްރެއިންގެ ރައީސް ވްލަދިމީރު ޒެލެންސްކީ ވަނީ ޕޮލެންޑަށް އެރީ ރަޝިއާގެ ހަމަލާއެއްކަމަށް ވިދާޅުވެ ދޮގު ހައްދަވާފައެވެ. އަދި ޒެލެންސްކީވަނީ މިއީ ޕޮލެންޑްގެ ދިފާއުގައި ނޭޓޯގެ ގައުމުތައް ރަޝިއާއާ ދެކޮޅަށް ނުކުންނަންވީ ވަގުތު ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައެވެ. ޒެލެންސްކީގެ ވާހަކަތަކުން ރަޝިއާއާ ދެކޮޅަށް ނޭޓޯ ނެރެން އޭނާ ކެތްމަދުވެފައިވާ މިންވަރު ހާމަވެގެންދިޔަ ކަމެއްކަމަށްވަނީ ބެލެވިފައެވެ.
ޕޮލެންޑަށް އެރި މިސައިލް ހަމަލާއާ ގުޅިގެން ނޭޓޯގެ ގައުމުތައްވަނީ ނޭޓޯގެ ޗާޓަރުގެ ހަތަރު ވަނަ މާއްދާގައި ބުނާގޮތުގެ މަތިން ސަފީރުންގެ ފެންވަރުގައި ބައްދަލުވުމެއް ބާއްވައި މަޝްވަރާ ކުރުމަށްފަހު ކަމާބެހޭ ތަހުގީގުތައް ފަށާފައެވެ. ނޭޓޯގެ ޗާޓަރުގެ ހަތަރު ވަނަ މާއްދާ ބުނަނީ ނޭޓޯގެ ގައުމަކަށް އެހެން ގައުމެއްގެ ހަމަލާއެއް އަރައިފިނަމަ ނުވަތަ އުދުވާނެއް ކުރިމަތި ވެއްޖެނަމަ އެޖަމާއަތުގެ ޗާޓަރުގެ ފަސް ވަނަ މާއްދާގައި ބުނާކަންކަން ތަންފީޒު ކުރުމާ ބެހޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުމަށެވެ.
ނޭޓޯގެ ޗާޓަރުގެ ފަސް ވަނަ މާއްދާގައި ވަނީ ނޭޓޯގެ ގައުމަކަށް އެހެން ގައުމެއްގެ ހަމަލާއެއް އަރައިފިނަމަ ނުވަތަ އުދުވާނެއް ކުރިމަތި ވެއްޖެނަމަ އެގައުމުގެ ދިފާއުގައި މުޅި ނޭޓޯ ތެދުވާންޖެހޭނެ ކަމުގައެވެ. ނަމަވެސް މިގޮތަށް ތެދުވުމުގެ ކުރިން މިކަންކުރުމަށް ނޭޓޯގެ މެންބަރު ގައުމުތައް އެއްބަސްވާން ޖެހެއެވެ. ނޭޓޯގެ މެންބަރު ގައުމުތަކުގެ ތެރެއިން އެންމެ ގައުމަކުންވެސް އެއްބަސްނުވާނަމަ ޗާޓަރުގެ ފަސް ވަނަ މާއްދާ ތަންފީޒެއް ނުކުރެވޭނެއެވެ.
ޕޮލެންޑަށް މިސައިލް ހަމަލާ އެރި މައްސަލާގައި ޒެލެންސްކީގެ ބަސް ގަބޫލުކުރުމުގެ ބަދަލުގައި އެމެރިކާވެސް އަދި ނޭޓޯވެސް އަމަލުކުރީ ވަރަށް ޕްރޮފެޝަނަލްކޮށް ކަމަށް ބުނެ ރަޝިއާވަނީ އެމެރިކާއަށާއި ނޭޓޯއަށް ތައުރީފުކޮށްފައެވެ. އެއީ ކަމުގެ ހަގީގަތް ބެލުމުގެ ކުރިން އެކަމުގެ ޒިންމާ ރަޝިއާގެ ބޮލުގައި އަޅުވާފައި ނުވާތީއެވެ.
މި ހަގީގަތް އޮޅުވާލުމަށް ޔުކްރެއިންގެ ރައީސް ޒެލެންސްކީ އުޅުއްވި ހުތުރު ގޮތްތައް ނޭޓޯއަށާއި ދުނިޔެއަށް ބޭޒާރުވުމުން ޒެލެންސްކީގެ ހަގީގަތް އޭނާގެ ރަހުމަތްތެރިންނަށްވެސް މިހާރު ހާމަވެފައިވާކަމަށް ރަޝިއާ ބުނެފައިވެއެވެ. ޕޮލެންޑަށް އެރި ޔުކްރެއިންގެ މިސައިލް ހަމަލާގެ ސަބަބުން ޕޮލެންޑްގެ ދެމީހުން މަރުވިއެވެ.