މަސްވެރިންގެ ޑިމާންޑުތައް ފުއްދައި، އެއްބަސްވުމެއް ހެދުމަށްފަހު އިހްތިޖާޖު ހުއްޓާލައިފި

މަސްވެރިން ލ. މާންދޫގައި ކުރި އިހްތިޖާޖުގެ ތެރެއިން --

މަސްވެރިންގެ ޑިމާންޑުތައް ފުއްދައިދޭން ހޮރައިޒަން ފިޝަރީޒްއިން އެއްބަސްވެ ފައިސާ ޖަމާކުރަން ފެށުމުން މަސްވެރިން ލ. މާންދޫގައި ކުރި އިހްތިޖާޖު ހުއްޓައިލައިފިއެވެ.

ހޮނިހިރު ދުވަހު ފެށި އިހުތިޖާޖު ހޫނުވެ ބައެއް ފުލުހުންނަށާއި މަސްވެރިންނަށް ވެސް ވަނީ އަނިޔާވެފައެވެ.

ހޮރައިޒަން ފިޝަރީޒްގެ އެންމެ ބޮޑު ފެކްޓްރީ ހުންނަ މާންދޫގައި މަސްވެރިން އިހުތިޖާޖު ކުރަން ފެށީ އެ މީހުން ކިރާ މަހަށް ފައިސާ ނުދޭ މައްސަލަ ބޮޑުވެގެންނެވެ.

މަސްވެރިންވަނީ 20 މިލިއަނަށްވުރެ ގިނަ ރުފިޔާ މަސްވެރިންނަށް ލިބެންޖެހޭކަމަށް ބުނެފައެވެ. އެގޮތުން އިހްތިޖާޖުގައި ބައިވެރިވި 28 ދޯނީގެ ވެރިންނަށް މިހާރު އެ ފައިސާ ޖަމާކުުރަންވަނީ ފަށައިފައެވެ.

"އިއްޔެ ހަވީރުން ފެށިގެން ފައިސާ ޖަމާކުރަންވަނީ ފަށައިފައި. އެއާއެކު މިހާރު ހަމަ ޖަމާވަމުން އަންނަނީ މުޒާހަރާގައި ބައިވެރިވި މަސްވެރިންނަށް ވެސް. އެހެންވެ މި ނިންމާލީ،" ތ. ގުރައިދޫ މަސްވެރިންގެ ޖަމްޢިއްޔާގެ ނައިބު ރައީސް މުހައްމަދު ހާނިމް ވިދާޅުވިއެވެ.

މަސްވެރިން ލ. މާންދޫގައި ކުރި އިހްތިޖާޖުގެ ތެރެއިން --

ހާނިމް ވަނީ މާންދޫގެ ބަނދަރު ވަރަށް ބޮޑަށް ހަލާކުވެފައިވާއިރު އެ ތަން އަޕްގްރޭޑްނުކުރާތީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މީގެ އިތުރުން މަސްވެރިންނާއި ހޮރައިޒޯން ކުންފުންޏާ ދެމެދު ކްރެޑިޓަށް މަސް ގަންނާނެ ގޮތުގެ އެއްބަސްވުމެއް ވެސް ވެފައިވާކަމަށް ހާނިމް ވިދާޅުވިއެވެ.

އެގޮތުން ކްރެޑިޓަށް މަސް ކިރައިފިނަމަ މަސް ކިރާ ދުވަހުން ފެށިގެން އެއް މަސް ދުވަހުގެ ތެރޭ އޭގެ ފައިސާ ދޭންޖެހޭނެކަމަށްވަނީ އެއްބަސްވެފައެވެ. އަދި ހަމަ އެ، އެއް މަސް ދުވަހުގެ ތެރޭ އިތުރަށް ކިރައިފިނަމަ އެ ފައިސާ ވެސް އެ އެއް މަސް ދުވަހުން ދޭންޖެހޭ ފައިސާގެ ތެރެއަށް ވަންނާނެކަމަށް ހާނިމް ވިދާޅުވިއެވެ.

"ދެން އެ މީހުން ބުނެފައި އޮތީ، އެ މީހުންގެ ބޯޓެއް ކޮންމެ ހިސާބެއްގައި އޮތަސް މަސް ކިރައިފައި ހުރި ބިލްތަކަށް، އެ ބިލްތަކުން ކެނޑޭގޮތަށް އެ ބޯޓަކަށް ތެޔޮ ވެސް ލިބޭނޭ، އަދި ހަމަ މާންދޫން ވެސް އައިސް އާއި ތެލާ އެ ބިލްތަކުން ކެނޑޭގޮތަށް ލިބޭނޭ،" ހާނިމް ވިދާޅުވިއެވެ.

އެއްބަސްވުން އެކުލަވައިލައިފައިވަނީ ހޮރައިޒަންއާއި މަސްވެރިން ވެސް އެއްބަސްވީ ގޮތަށެވެ. އެހެންނަމަވެސް ލަހުން ފައިސާ ލިބުމަކީ ދަތިތަކާ ކުރިމަތިވާނެ ކަމެއްކަން ފާހަގަކުރައްވަމުން ހާނިމް ވިދާޅުވީ އެންމެ ގިނަވެގެން ދެ ހަފްތާ ތެރޭ ކިރާ މަހަށް ފައިސާ ލިބުމަކީ އެދޭގޮތްކަމަށެވެ.

އޭނާ ވަނީ ކޮންމެ ސަރުކާރެއްގައި ވެސް މަސްވެރިންނަށް ނިކަމެތިކަމާ ކުރިމަތިލާންޖެހޭކަމަށް ވިދާޅުވެފައެވެ.

"މަސްވެރިންނާ ދޭތެރޭ އެބަޖެހޭ ފުންކޮށް ވިސްނަން. ކޮވިޑު19ގެ ހާލަތު އަދި ހަނދާނުން ނެތޭހާ ދުވަހެއް ނުވޭ އެހެންނޫންތޯ. ރާއްޖޭގެ އެންމެންނަށް ދޭންޖެހޭ މުސާރަދީ އިގްތިޞާދު ހިފެހެއްޓީ، މަސްވެރިންނޭ ރައީސުލްޖުމްހޫރިއްޔާ ވެސް ވިދާޅުވީ. ރާއްޖޭގެ އިގްތިސާދު ހިފެހެއްޓީމާ މަސްވެރިންނަށް ލިބުނީ ކޯންޗެއް؟ އެކައްޗެއް ވެސް ނުލިބޭ،" އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް