އިންޑިއާ ފަދަ ގައުމުތަކަށް ޓެސްލާއިން އަގުހެޔޮ ކާރެއް އުފައްދަނީ

ޓެސްލާގެ ކާރެއް ކައިރީގައި އެ ކުންފުނީގެ ވެރިޔާ މަސްކް -- ފޮޓޯ/ ރޮއިޓާސް

އިންޑިއާ ފަދަ ގައުމުތަކުގައި ވިއްކަން ޓެސްލާ ކުންފުނިން އަގުހެޔޮ ކާރެއް އުފައްދާނެ ކަމަށް ދޭހަވާ ގޮތަށް އެ ކުންފުނީގެ ވެރިޔާ އީލޯން މަސްކް ވާހަކަދައްކައިފިއެވެ.

އިންޑޮނޭޝިއާގައި މިހާރު ކުރިއަށްދާ ޖީ20 ސަމިޓުގައި ވާޗުއަލްކޮށް ބައިވެރިވަމުން، ޓެސްލާއަށް ލިބިފައިވާ ޕްރޮޕޯޒަލްއަކާ ބެހޭ ގޮތުން މަސްކް ބުނީ އިންޑިއާ އާއި އިންޑޮނޭޝިއާ ފަދަ މާކެޓްތަކަށް އަގުހެޔޮ ޓެސްލާ ކާރެއް އުފެއްދުމަށް ވިސްނަމުންދާ ކަމަށެވެ.

"އަގުހެޔޮ އުޅަނދެއް ހެދުމަކީ ކުރަން ޖެހޭ ކަމެއް ކަމަށް އަޅުގަނޑުމެން ދެކެން،" މަސްކް ބުނި ކަމަށް ދަ ޓެލެގްރާފްގައި ރިޕޯޓްކޮށްފައިވެއެވެ.

މަސްކް މިފަދަ މޭރުމަކުން ވާހަކަ ދައްކާފައިވާއިރު، ޓެސްލާގެ ވިޔަފާރި އިންޑިއާއަށް ފުޅާ ކުރަން އެ ކުންފުނިން މަސައްކަތް ކުރާތާ ދުވަސްތަކެއްވެއްޖެއެވެ. ރިޕޯޓްތަކުގައިވާ ގޮތުން، ޓެސްލާގެ ސަބްސިޑަރީއެއް ބެންގަލޫރުގައި ހުޅުވާފައި ވަނީ އެގައުމުގައި އެ ކުންފުނިން ވިޔަފާރި ކުރުމާ ބެހޭ ގޮތުން އިންޑިއާ ސަރުކާރާއެކު މަޝްވަރާ ކުރުމަށެވެ.

އިންޑިއާއަކީ އެގައުމުގައި ތަކެތި އުފައްދައިގެން ވިއްކަން ބާރު އަޅާ ގައުމެއްކަމުން، އެގައުމުން ބޮޑު އިމްޕޯޓް ޑިއުޓީއެއް ނަަގައެވެ. ރިޕޯޓްތަކުގައިވާ ގޮތުން ޓެސްލާއިން ވަނީ، އެ ކުންފުނީގެ ކާރުތައް އިންޑިއާގައި އުފެއްދުމަށް އިންވެސްޓް ކުރުމުގެ ކުރިން އެގައުމުގެ މާކެޓުގެ އަޖުމަ ބަލާލަން ފުރުސަތު ދިނުމަށް، ފުރަތަމަ އިމްޕޯޓް ޓެކްސް ކުޑަކޮށްދޭން އެދިފައެވެ. ނަމަވެސް އިންޑިއާ ސަރުކާރުން ވަނީ އެކަމަށް އިޖާބަ ދޭން ދެކޮޅު ހަދާފައެވެ.

އިންޑިއާގެ ކަސްޓަމްސްއާއި ޓެކްސްއާ ގުޅުން ހުރި ސިޔާސަތުތައް ހަދާ ސެންޓްރަލް ބޯޑް އޮފް އިންޑައިރެކްޓް ޓެކްސް އެންޑް ކަސްޓަމްސްގެ ޗެއާމަން ވިވެކް ޖޯހްރީ ވިދާޅުވީ، ޓެސްލާގެ މައްސަލައިގައި ޓެކްސްއަށް ބަދަލު ގެންނަން ޖެހޭތޯ އެ ޑިޕާޓްމެންޓް ބަލާފައިވާ ކަމަށެވެ. ނަމަވެސް މިހާރު އެގައުމުގައި ގެންގުޅޭ ސިޔާސަތުތަކުގެ ސަބަބުން އިންވެސްޓްމެންޓުތައް ލިބި، ބޭރުގައި އުފައްދާ ތަކެތި އެގައުމުގައި އުފެއްދުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ. އެހެންކަމުން ޓެކްސް ސިޔާސަތަކީ ޓެސްލާއަށް އޮތް ހުރަހެއް ނޫންކަން ސާފުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އިންޑިއާ ސަރުކާރާއި ޓެސްލާއާ ދެމެދު ދެބަސްވުން އުފެދިފައި ވަނިކޮށް، އިލެކްޓްރިކް ކާރު އުފައްދާ އެހެން ކުންފުނިތަކުން ދަނީ އެގައުމުގެ މާކެޓަށް ވަންނަން މަސައްކަތް ކުރަމުންނެވެ.

ޓެސްލާއާ ވާދަކުރާ ކުންފުނިތަކުގެ ތެރެއިން އެއް ކުންފުނި ކަމަށްވާ ފިސްކާ އިން ވަނީ އިންޑިއާގައި އެ ކުންފުނީގެ ކާރުތައް ވަރަށް އަވަހަށް ވިއްކަން ފަށާނެކަން އިއުލާންކޮށްފައެވެ. އެގޮތުން އެ ކުންފުނީގެ އިލެކްޓްރިކް ކާރު އަންނަ އަހަރު އިންޑިއާގެ މާކެޓަށް ނެރެވޭނެ ކަމަށް ފިސްކާއިން ލަފާކުރެއެވެ.

ފިސްކާއިން ރާވާފައި ވަނީ އެ ކުންފުނީގެ އުފެއްދުންތަކަށް އިންޑިއާގައި މަގުބޫލުކަން ހޯދުމަށް އަހަރުތަކެއް ހޭދަ ކުރުމަށް ފަހު، އިންޑިއާގައި އެ ކުންފުނީގެ ކާރުތައް އުފެއްދުމުގެ މަސައްކަތް ވެސް ފަށާށެވެ.

comment ކޮމެންޓް