އެފްކޮންސް ޖޫރިމަނާ ކުރި ކަމުގެ ސުވާލަށް ޖަވާބު ދިނުމަކީ ގާނޫނީ ގޮތުން މިވަގުތަށް ރަނގަޅު ކަމެއް ނޫން: ނައީމް

ބްރިޖް ޕްލެޓްފޯމް ތިލަމާލެ ފަރަށް އަރާފަ -- ފޮޓޯ/ އަބްދުﷲ ޖަވާދު

ތިލަމާލެ ބްރިޖު މަސައްކަތަށް ބޭނުންކުރާ ޕްލެޓުފޯމެއް ފަރަށް އެރި މައްސަލައިގައި އެ މަސައްކަތް ކުރި އެފްކޮންސް ޖޫރިމަނާ ކޮށްފިތޯ ކުރާ ސުވާލަށް ޖަވާބު ދިނުމަކީ ގަނޫނީ ގޮތުން މިވަގުތު ކުރަން އެންމެ ރަނގަޅު ކަމެއް ނޫން ކަމަށް އެންވަޔަރަންމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން ބުނެފިއެވެ.

ބްރިޖު ޕްލެޓުފޯމް ފަރަށް އެރީ އޯގަސްޓު މަހުގެ 16ވަނަ ދުވަހެވެ. ޕްލެޓުފޯމް ފަރުން ނެގުނީ އޭގެ 12 ދުވަސް ފަހުންނެވެ.

އެ މައްސަލައިގައި އީޕީއޭއިން 69.4 މިލިއަން ރުފިޔާއިން އެފްކޮންސް ޖޫރިމަނާ ކޮށްފައިވާ ކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ.

އީޕީއޭއިން އެ ކުންފުނި ޖޫރިމަނާކުރިތޯ ސުވާލުކުރުމުން އެ އެޖެންސީގެ ޑިރެކްޓަރު ޖެނެރަލް އިބްރާހީމް ނައީމް މިއަދު "ސަން"އަށް ވިދާޅުވީ މި ވަގުތަކީ ގާނޫނީ ގޮތުން އެ ސުވާލަށް ޖަވާބު ދިނުމަށް އެންމެ ރަނގަޅު ވަގުތު ނޫން ކަމަށެވެ.

"އަޅުގަނޑުމެން އަދި އެއްވެސް އެއްޗެއް އިއުލާނެއް ނުކުރަން. އެއްވެސް ގޮތަކަށް އިއުލާނުކުރުމުގެ ކުރިން ފުރިހަމަ ކުރަން ޖެހޭ ކަންކަން އެބަހުރި،" އޭނާ ވިދާޅުވިއެވެ.

ނައީމު ވިދާޅުވި ގޮތުގައި ގާނޫނީ ގޮތުން ފުރިހަމަ ކުރަން ޖެހޭ ބައިވަރު ކަންކަން އަދި އެބަހުއްޓެވެ. އެހެންކަމުން އެފްކޮންސް ޖޫރިމަނާ ކުރިތޯ ނުވަތަ ނޫންތޯ އިއުލާނުކުރާނީ އެ މަސައްކަތްތައް ފުރިހަމަވުމުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އީޕީއޭ އިން ހެދި ސާވޭ ގަބޫލުނުކޮށް އެފްކޮންސް އިން އަމިއްލައަށް ވަނީ ސާވޭއެއް ހަދައި އެ ރިޕޯޓް އީޕީއޭއަށް ހުށަހަޅާފައެވެ.

ޕްލެޓްފޯމް ފަރަށް އެރިތާ މާދަމާއަށް ތިން މަސް ދުވަސްވާއިރު އަދިވެސް ކުރިއަށްދަނީ އެ މައްސަލައިގައި ލިބުނު ގެއްލުންތައް ތަހުގީގުކޮށް ތައްޔާރުކުރަންޖެހޭ ރިޕޯޓުތައް ހެދުމުގެ މަސައްކަތް ކަމަށް މީގެ ކުރިން ނައީމް ވަނީ ވިދާޅުވެފައެވެ.

ނަމަވެސް އޭރުވެސް އީޕީއޭއިން ބުނެފައިވަނީ އެ މައްސަލައިގައި އެފްކޮންސްއާ ދެކޮޅަށް ފިޔަވަޅު އަޅަންޖެހޭނަމަ އެކަން ކުރާނެ ކަމަށެވެ.

comment ކޮމެންޓް