ބޮޑު ސްކްރީނުން ވޯލްޑްކަޕް ބެލޭނެ، މަނަލީ އެކަމުން ވިޔަފާރިކުރުން: މީޑިއާނެޓް

ބޮޑް ސްކްރީނުގައި މެޗެއް ދައްކަނީ ---ސަން ފޮޓޯ

ފީފާ ވޯލްޑްކަޕްގެ މެޗުތައް ބޮޑު ސްކްރީނުން އެޅުވުމަކީ އެއްވެސް މައްސަލައެއް ނޫންކަމަށާއި އެކަން ކުރެވޭނެކަމަށް މީޑިއާނެޓުން ބުނެފިއެވެ.

މީޑިއާނެޓުގެ އިސް އޮފިޝަލަކު ވިދާޅުވީ ބޮޑު ސްކްރީނުން އެޅުވުން މަނާކަމަށް ބުނެ ދައްކާ ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ނެތްކަމަށެވެ.

ބޮޑު ސްކްރީންގައި ވޯލްޑްކަޕް އެޅުވިޔަސް މަނަލީ އެކަން ވިޔަފާރި އުސޫލުން ކުރުންކަމަށް އޮފިޝަލް ވިދާޅުވިއެވެ. އަދި ބޮޑު ސްކްރީނުން ވޯލްޑްކަޕް ދައްކާއިރު ކުޅިވަރުގެ ރޫހާ ޚިލާފުނުވާހެން އެކަން ކުރެވޭނެކަމަށް އެ ކުންފުނިން ބުންޏެވެ. އަދި ފީފާއިން އެ ކަމުގައި އަންގައިފައިވާ ގޮތަށް އެކަން ކުރުމަކީ މުހިންމު ކަމެއްކަމަށް މިޑީއާ ނެޓުން ބުންޏެވެ.

"ގޮނޑި ވިއްކައިގެން، ޓިކެޓު ނަގައިގެން މީހުން ވައްދައި، ސްޕޮންސަރ ނަގައިގެން ޕްރޮޖެކްޓަރު ބަހައްޓައި، ވިޔަފާރި އުސޫލުން މިކަން އެއްވެސް ބަޔަކު ކޮށްގެން ނުވާނެ. މިސާލަކަަށް ޓިކެޓު ވިއްކައިގެން އޮލިމްޕަހުގައި ދެއްކުން. އެއީ ގޯސްކަމެއް، މަނާކަމެއް،" މީޑިއާ ނެޓުގެ އިސް އޮފިޝަލަކު "ސަން"އަށް ވިދާޅުވިއެވެ.

މީޑިއާ ނެޓުން ބުނީ އެ ކުންފުނިން އެންމެ އިސްކަން ދެނީ ވޯލްޑްކަޕްގެ ރޫހާއި ފޯރި އިތުރުކުރަންކަމަށެވެ. އަދި މި ފަހަރުގެ ވޯލްޑްކަޕަކީ ވެސް ހުރިހާ ދިވެހީންގެ މެދުގައި ކުޅިވަރުގެ ރޫހު ބަދަހިކުރުވާނެ އީދަކަށް ހެދުމަށް އެ ކުންފުނިން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް މީޑިއާ ނެޓުން ބުންޏެވެ.

ގަތަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑްކަޕް ރާއްޖޭގައި ދެއްކުމުގެ ލައިސެންސް ފީފާގެ ފަރާތުން ލިބިފައިވަނީ މީޑިއާ ނެޓަށެވެ.

އެއާއެކު މީޑިއާ ނެޓުން ވަނީ، ރާއްޖޭގައި ވޯލްޑްކަޕް ދެއްކުމުގެ ސަބް ލައިސެންސް ތިން ޗެނަލަކަށް ދީފައެވެ. އެ ތިން ޗެނަލަކީ، ރާއްޖެޓީވީ، ޔެސްޓީވީ އަދި އައިސްޓީވީއެވެ.

ޔޫތު މިނިސްޓްރީން އިއްޔެވަނީ ކުރިއަށް އޮތް ވޯލްޑްކަޕަށް ޚާއްސަކޮށް 100 ޕްރޮޖެކްޓަރު ދޫކުރަން ނިންމައިފައެވެ. މި ޕްރޮޖެކްޓަރުތައް ދޫކުރުމަށް ނިންމާފައިވަނީ މަދަނީ ޖަމްޢިއްޔާތަކަށެވެ.

އެހެންކަމުން ސަބްލައިސަންސް ދޫކޮށްފައިވާ ޗެނަލްތަކުން ދައްކާ މަންޒަރުތައް މެދުވެރިކޮށް ވޯލްޑްކަޕްގެ މަންޒަރުތައް ބޭނުންކޮށްގެން ހިލޭ ބޮޑު ސްކްރީނުގައި ވޯލްޑްކަޕް ބެލޭނެއެވެ. ނަމަވެސް އެކަމުން ވިޔަފާރިކޮށް ފައިސާ ނަގައިގެން ދެއްކުމަކީ މަނާކަމެކެވެ.

comment ކޮމެންޓް