ގިނަ ބައެއްގެ ފުރާނަ ދުއްވާލަން މަސައްކަތްކުރި 14 މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، މިހާރު ކުރިއަށްދާ ކައުންޓަރ ޓެރަރިޒަމް އޮޕަރޭޝަންގެ މައުލޫމާތު ހިއްސާކުރަމުން އިންސްޕެކްޓާ އޮފް ޕޮލިސް އުސްވަތު އަހްމަދު ވިދާޅުވީ އެ މީހުން ރާވަމުން އައީ ގޮވާތަކެތި ބޭނުންކޮށްގެން ރާއްޖޭގައި ޓެރަރިޒަމްގެ ހަމަލާއެއް ދީ ގިނަ ބައެއްގެ ފުރާނައަށް ނުރައްކާވާ ފަދަ ހަމަލާއެއް ދިނުމަށްކަމަށެވެ.
ޓެރަރިޒަމްގެ މައްސަލައާ ގުޅިގެން ބަލައި ފާސްކުރި ގެތަކުން މައްސަލައާ ގުޅުންހުރި ތަކެތި ވެސް ވަނީ ފެނިފައެވެ.
މި އޮޕަރޭޝަނުން އައްޑޫ ސިޓީގައި ހަރުކަށި ފިކުރަށް ތާއީދު ކުރާ މީހުން އައިއެސްއާ ގުޅި ރާއްޖެއަށް ޓެރަރިޒަމްގެ ހަމަލާއެއް ދީ ގައުމީ ސަލާމަތަށް ނުރައްކާ ކުރަން އުޅުނުކަން ފުލުހުންނަށް ވަނީ ހާމަވެފައެވެ.
އެއާއެކު ޓެރަރިޒަމްގެ އޮޕަރޭޝަންގައި ހައްޔަރުކުރި 14 މީހުންނަކީ އައްޑޫ ސިޓީއަށް ނިސްބަތްވާ މީހުންކަމަށް ވެސް އުސްވަތު ވިދާޅުވިއެވެ. އޭގެތެރެއިން ނުވަ މީހުންނަކީ މީގެކުރިން ވެސް ޓެރަރިޒަމްގެ މައްސަލަތަކުގައި ހައްޔަރުކޮށްފައިވާ މީހުންނެވެ.
ޓެރަރިޒަމްގެ އޮޕަރޭޝަންގައި އައްޑޫ ސިޓީން 10 ފިރިހެނަކު ހައްޔަރުކޮށް 11 ގެއެއް ބަލައި ފާސްކޮށްފައިވާކަމަށް ފުލުހުން ބުނެއެެވެ. އެގޮތުން އެ އޮޕަރޭޝަންގައި މާލެއިން ދެ ފިރިހެނަކު ހައްޔަރުކޮށް ހަތަރު ގެއެއް ބަލައި ފާސްކޮށްފައިވާއިރު، ކ. ގުރައިދޫން ދެ ފިރިހެނަކު ހައްޔަރުކޮށްފައިވެއެވެ.