އާސިއާންއާއި ޖީ20ގެ ސަމިޓްތައް އަމިއްލަ ޖިއޮޕޮލިޓިކަލް ބޭނުންތަކަށް "ގަޑުބަޑު" ނުކުރުމަށް އެދެން: އިންޑޮނީޝިއާ

ބާލީއަށް ވަޑައިގެން ބައިޑެެން އިންޑޮނީޝިއާގެ ރައީސް އާ ބައްދަލުކުރައްވަނީ

ނޮންޕެން (14 ނޮވެމްބަރު 2022): އާސިއާން ޖަމާއަތުގެ ސަމިޓާއި ޖީ20ގެ ސަމިޓް، ބޮޑެތި ބާރުތަކުގެ ޖިއޮޕޮލިޓިކަލް އަރާރުންތަކާއި ވާދަވެރިކަމާއި ކޯޅުންތަކުގެ ނާރެހަކަށް ނުހެދުމަށް އިންޑޮނީޝިއާގެ ރައީސް ޖޯކޯ ވިޑޯޑޯ އިލްތިމާސް ކުރައްވައިފިއެވެ.

އާސިއާން ޖަމާއަތުގެ އިސްވެރިންގެ ސަމިޓަށްފަހު އެނބުރި ގައުމަށް ވަޑައިގަތުމުގެ ކުރިން ދެއްވި ބަޔާނެއްގައި އިންޑޮނީޝިއާގެ ރައީސް ވިދާޅުވީ އާސިއާން ޖަމާއަތުގެ ސަމިޓް ތެރެއަށް ބޮޑެތި ބާރުތަކުގެ އަރާރުންތައް ވައްދަންއުޅުނުތަން ފެނިވަޑައިގެންނެވި ކަމަށާއި އެގޮތަށް ޖީ 20ގެ ސަމިޓްގެ ތެރެއަށްވެސް ބޮޑެތި ބާރުތަކުގެ މެދުގައިވާ ކޯޅުންތައް ވައްދަން މަސައްކަތްކުރާތަން ފެންނަ ކަމަށާއި މިއީ އިންޑޮނީޝިއާ ދެކޮޅު ހަދާކަމެއްކަމުގައެވެ.

ބައިޑެން ބާލީ އަށް ވަޑައިގަންނަވަނީ

އިންޑޮނީޝިއާގެ ރައީސް މިހެން ވިދާޅުވީ ޗައިނާއާއި ރަޝިއާއާ ދެކޮޅަށް އެމެރިކާ ގެންގުޅޭ ސިޔާސަތުތަކަށް އާސިޔާންގެ ގައުމުތަކުގެ ތާއީދު ހޯދުމަށް އެސަމިޓް ބޭއްވި ކެންބޯޑިއާގެ ވެރިރަށް ނޯންޕެންއަށް ވަޑައިގެން އެމެރިކާގެ ރައީސް ޖޯ ބައިޑެން ކުރެއްވި މަސައްކަތްތަކަށް އިޝާރާތްކުރައްވައި ކަމަށް މުރާސިލުން ބުނެއެވެ.

އާސިއާންގެ ސަމިޓުން ނެރުނު ގުޅިފައިވާ ބަޔާނުގައި ޔުކްރެއިން އާ ދެކޮޅަށް ރަޝިއާ ފަށާފައިވާ ހަނގުރާމައިގައި ޔުކްރެއިންއަށް ތާއީދުކޮށް ރަޝިއާ ކުށްވެރި ކުރުން ހިމެނުމަށް އެމެރިކާގެ ރައީސްވަނީ ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ.

އަދި ދެކުނު ޗައިނާ ކަނޑުގައި އޮންނަ ޓައިވާން ކަނޑުއޮޅީގައި ބައިނަލްއަގްވާމީ ދަތުރުފަތުރު ކުރުމުގެ މިނިވަންކަން ނަގާލުމުގެ ސިޔާސަތެއް ޗައިނާ ގެންގުޅޭކަމަށް ބުނެ އެބަޔާނުގައި އެކަން ކުށްވެރި ކުރުމަށްވެސް ބައިޑެން މަސައްކަތްތަކެއް ކުރެއްވިއެވެ. ނަމަވެސް އާސިއާން ސަމިޓުން ނެރުނު ގުޅިފައިވާ ބަޔާނުގައި މިއިން އެއްވެސް ކަމެއްގެ ވާހަކައެއްނެތެވެ. މިއިން ކަމަކަށް އިޝާރާތްކޮށްފައެއްވެސް ނުވެއެވެ.

އަނެއްކޮޅުން ދުނިޔޭގައި އިގްތިސާދީ ގޮތުން އެންމެ ބޮޑަށް ކުރިއަރާފައިވާ ޖަމާއަތް ކަމަށްވާ ޖީ20ގެ ގައުމުތަކުގެ އިސްވެރިންގެ ސަމިޓް މާދަމާ އިންޑޮނީޝިއާގެ ބާލީގައި ފެށޭއިރު އެމެރިކާގެ ރައީސް ޖޯ ބައިޑެން މަސައްކަތް ކުރައްވަމުން ގެންދަވަނީ ޗައިނާއާއި ރަޝިއާ ދެކޮޅަށް އެމެރިކާ ގެންގުޅޭ ޖިއޮޕޮލިޓިކަލް ވާދަވެރިކަމުގެ މައްސަލަ އެސަމިޓަށްވެސް ގެންދަވާށެވެ.

ޗައިނާގެ ރައީސް ޝީ ބާލީ އަށް ވަޑައިގަންނަވަނީ

ޖީ20ގެ ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށްޓަކައި އެމެރިކާގެ ރައީސް ޖޯ ބައިޑެން މިއަދުވަނީ ބާލީއަށް ވަޑައިގެންފައެވެ. ޖީ20ގެ ސަމިޓަށް ރަޝިއާގެ ރައީސް ވްލަޑިމީރު ޕޫޓިން އަށް ދައުވަތު ނުދިނުމަށް އެދި އެމެރިކާ އެދުނު އެދުމަށްވެސް އިންޑޮނީޝިއާގެ ރައީސް ވަނީ ދެކޮޅު ހައްދަވާފައެވެ. ނަމަވެސް ޕޫޓިންވަނީ އެސަމިޓްގައި ބައިވެރިވެވަޑައިނުގަތުމަށް ނިންމަވައި ރަޝިއާގެ ވަފުދުގެ އިސްވެރިއަކީ އެގައުމުގެ ޚާރިޖީ ވަޒީރު ސަރްގީ ލާވްރޯވް ކަމުގައި ހަމަޖައްސަވާފައެވެ.

ޖީ20ގެ ސަމިޓް ފެށުމުގެ ކުރިން ބާލީގައި އެމެރިކާގެ ރައީސް ޖޯ ބައިޑެން އާއި ޗައިނާގެ ރައީސް ޝީޖިންޕިން ބައްދަލުކުރައްވާގޮތަށްވަނީ ހަމަޖެހިފައެވެ. މިބައްދަލުކުރެއްވުމުގައި ބައިޑެން ޗައިނާގެ ރައީސަށް އިންޒާރުތަކެއް ދެއްވާނެކަމަށް އެމެރިކާގެ ނޫސްތައް ބުނެއެވެ. ނަމަވެސް ބައިޑެންގެ އެއްވެސް އިންޒާރަކަށް ޗައިނާ ބޯނުލަނބާނެކަމަށް މުހައްލިލުން ދެކެއެވެ.

ޗައިނާއާ މުއާމަލާތް ކުރުމުގައި އެމެރިކާ ގެންގުޅޭ ސްޓްރެޓެޖީ ބިނާވެފައިވަނީ، ޓައިވާނުގެ ހިމާޔަތުގައި ކަމަށްބުނެ ޓައިވާނުގެ މައްސަލައިގެ ތެރެއަށް ވަދެގަތުމަށާއި ދެކުނު ޗައިނާ ކަނޑާއި ޓައިވާން ކަނޑުއޮޅީގައި ބައިނަލްއަގްވާމީ ދަތުރުފަތުރު ކުރުމުގެ މިނިވަންކަމުގެ މައްސަލަތައްފަދަ ކަންކަން ނަގައި ހައިޖާނު އުފެއްދުމަށާއި އިންސާނީ ހައްގުތަކުގެ ނަމުގައި އެކި މައްސަލަތައް ނަގައި ޗައިނާގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަދެގެން ޗައިނާގެ އިގްތިސާދީ އަދި އަސްކަރީ ކުރިއެރުމަށް ހުރަސްއެޅުމުގެ މައްޗަށެވެ.

comment ކޮމެންޓް