ބީޓީއެސްގެ ޖިން ސިފައިންނާ ގުޅޭނީ އަންނަ މަހު

މަޝްހޫރު ކޭޕޮޕް ބޭންޑު "ބީޓީއެސް"ގެ އެންމެ ދޮށީ މެމްބަރު އަންނަ މަހުގައި ސިފައިންގެ ހިދުމަތާ ގުޅޭނެ ކަން ހާމަކޮށްފިއެވެ.

އުމުރުން 30 އަހަރުގެ ކުރިން ހުރިހައި ފިރިހެނުން ސިފައިންގެ ޚިދުމަތާ ގުޅި، 18 މަހަށް ހިދުމަތްކުރަން ދެކުނު ކޮރެއާގެ ގާނޫނުން ލާޒިމުކުރެއެވެ.

ބީޓީއެސްގެ އެންމެ ދޮށީ މެމްބަރު ޖިންގެ އުމުރަކީ 29 އަހަރެވެ. އެގޮތުން ޖިން އެންމެ ލަސްވެގެން ވެސް މިއަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި އެންލިސްޓު ކުރަން ޖެހޭނެއެވެ. އެހެން ނޫން ނަމަ ޖިނާއީ ހުކުމެއް އޭނާއަށް އައުމަކީ އެކަށީގެންވާ ކަމެކެވެ.

ޖިން އެންމެފަހުން އިއުލާނުކޮށްފައިވަނީ އަންނަ މަހުގެ ތެރޭގައި އޭނާ ސިފައިންގެ ހިދުމަތަށް އެންލިސްޓު ކުރާނެ ކަމަށެވެ. އަދި ލާޒިމުވާ 18 މަސް ފުރިހަމަ ކުރާނެ ކަމަށް ވެސް އޭނާ ފާހަގަކޮށްފައިވެއެވެ.

ޖިން ބުނިގޮތުގައި އެންމެ ފުރަތަމަ 2020 ވަނަ އަހަރުގައި އޭނާ އެންލިސްޓު ކުރަން ބޭނުންވިއެވެ. ނަމަވެސް އެ ދުވަސްވަރަކީ ހޮލީވުޑްގައި ބީޓީއެސް އެންމެ ގަދައަށް ނަން ވިދަމުން ދިޔަ ދުވަސްވަރެވެ. ދެން އެއަށްފަހު މިއަހަރުގެ ޖޫން މަހުގެ ތެރޭގައި ވެސް އެންލިސްޓު ކުރަން ބޭނުންވި ކަމަށް ޖިން ބުންޏެވެ. ނަމަވެސް ބޭންޑުގެ މެމްބަރުން އޭނާ މަޑުކުރަން އެދުމުން އޭނާ މަޑުކުރީ ކަމަށް ބުނެފައިވެއެވެ.

ދާދި ފަހަކާ ޖެހެންދެން ސިފައިންގެއަށް ވަންނާން އޮތް އުމުރެއްގެ ގޮތުގައި އޮތީ 28 އަހަރެވެ. ނަމަވެސް 2020 ވަނަ އަހަރު އެ އުމުރު ވަނީ 30 އަށް އިތުރުކޮށްފައެވެ. މީގެ ސަބަބުން ބީޓީއެސްގެ މެންބަރުންނަށް ވަނީ ފާއިދާވެފައެވެ.

comment ކޮމެންޓް