ސްޓެލްކޯގެ އެމްޑީ ޝަރީފް އެމްޑީޕީއަށް

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ އަހްމަދު ޝަރީފް އެމްޑީޕީއަށް ސޮއިކޮށް ފޯމް ހަވާލުކުރުން -- ފޮޓޯ/ އެމްޑީޕީ

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފް އެމްޑީޕީއަށް ސޮއިކުރައްވައިފިއެވެ.

ޝަރީފް އެމްޑީޕީއަށް ސޮއިކުރެއްވިކަން އެމްޑީޕީއިން ވަނީ ރަސްމީކޮށް އިއުލާންކޮށްފައެވެ. އެމްޑީޕީއަށް ޝަރީފް ވެއްދުމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަތީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި އެ މަނިކުފާނަށް ތާއީދުކުރައްވާ މެމްބަރުންނެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ އަހްމަދު ޝަރީފް އެމްޑީޕީއަށް ސޮއިކުރެއްވުން -- ފޮޓޯ/ އެމްޑީޕީ

ޝަރީފް ވަނީ ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރައްވައި ހޮވުމަށް ފަހު ތިމަރަފުށީ ދާއިރާގެ މަޖިލިސް މެމްބަރުކަން ވެސް ކުރައްވައިފައެވެ.

ދެހާސް އަށާރަ ވަނަ އަހަރު ޝަރީފް ހުންނެވީ އިލެކްޝަންސް ކޮމިޝަންގެ ރައީސްގެ މަގާމުގައެވެ. އޭނާ އެ މަގާމުގައި ހުންނަވައި ބޭއްވި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ނާކާމިޔާބުވުމާއެކު ޝަރީފަށް ފާޑުކިޔުންތައް އަމާޒުވިއެވެ.

އެއާއެކު ޕީޕީއެމާއި އޭނާއާ ދެމެދު ޚިޔާލު ތަފާތުވުންތައް އުފެދި އެ ޕާޓީން އޭނާއާމެދު އަމަލުކުރި ގޮތާމެދު ޝަރީފް ނުރުހުން ފާޅުކުރެއްވިއެވެ. އަދި ރައީސް ޔާމީނާ ވެސް ސިޔާސީ ގޮތުން ދެކަފިވިއެވެ.

އެއަށް ފަހު ޝަރީފް ވިދާޅުވެފައި ވަނީ މި ސަރުކާރުގެ ސިޔާސީ މަގާމަކުން ވެސް ފެނުމުގެ ފުރުސަތު ކުޑަ ކަމަށާއި ވިޔަފާރި ކުންފުންޏެއްގެ ނުވަތަ އަމިއްލަ މަސައްކަތެއްގައި ފެނުމުގެ ފުރުސަތު ބޮޑު ކަމަށެވެ. އެހާ ހިސާބުން އޭނާގެ ސިޔާސީ މަސައްކަތްތައް ފެނިދާނެ ކަމުގެ އިޝާރާތެއް އޭރު ޝަރީފް ކުރެއްވިއެވެ.

2018ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ބާއްވާނެ ތާރީހެއް އިއުލާންކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ޝަރީފް އީސީގެ ރައީސްގެ މަގާމުން އިސްތިއުފާ ދެއްވީ މިދިޔަ އަހަރެވެ. އޭގެ ފަހުން މިދިޔަ މާޗު މަހު އޭނަ ވަނީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަންކޮށްފައެވެ.

ޝަރީފާއެކު އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ނައިބު ރައީސް އަހުމަދު އަކްރަމް ވެސް ވަނީ އެމްޑީޕީއާ އަނެއްކާ ވެސް ގުޅިފައެވެ.

comment ކޮމެންޓް