ހަސަން ކުރުސީއަކީ ޖިސްމާނީ ގޮތުން އަޅުގަނޑެއް ނޫން: ނަޝީދު

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ޓްވިޓާގައި ދީނާ ޚިލާފު ހިޔާލުތައް ޝާއިއުކުރަމުންދާ އެކައުންޓެއް ކަމުގައިވާ "ހަސަން ކުރުސީ"އަކީ ޖިސްމާނީ ގޮތުން އެމަނިކުފާނު ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެނަމުގައި ފޭކް ޓްވިޓާ އެކައުންޓަކުން ޓްވީޓުކުރައްވަނީ ރައީސް ނަޝީދުކަމަށް ގިނަ ބަޔަކު ތުހުމަތުކުރެއެވެ. އެމްޑީޕީގެ އެތެރޭގައި މިހާރު ހިނގަމުންދާ ކޯޅުމާ ގުޅިގެން އެމްޑީޕީގެ ބައެއް މެމްބަރުން އެކަކު އަނެކަކަށް ރޭ ވަނީ ޓްވިޓާ މެދުވެރިކޮށް ރައްދު ދެއްވާފައެވެ.

އަދި، އެ އެކައުންޓުން ކުރި ޓްވީޓެއްގައި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމްގެ ސްޕެލިން ލިޔުއްވާފައިވާ ގޮތަށް ނިސްބަތްކުރައްވައި، އެގޮތަށް އޭނާގެ ނަން ލިޔުއްވައި އުޅުއްވަނީ ހަމައެކަނި ރައީސް ނަޝީދު ކަމަށާއި، ހަސަން ކުރުސީ އަކީ މިހާރު ކާކުކަން ސާފުކޮށް ފަޅާ އަރާފައިވާ ކަމަށް ރޮޒައިނާ ވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދު މިއަދު ކުރައްވި ޓްވީޓެއްގައި ވިދާޅުވީ، ހަސަން ކުރުސީއަކީ އެމަނިކުފާނުގެ ބައެއް ލިޔުންތަކުގެ ހަގީގީ-ޚިޔާލީ ޝަޚްސެއް ކަމަށާއި، އޭނާއަކީ އެމަނިކުފާނުގެ ތަބިއްޔަތު ބަޔާން ނުކޮށްދޭ ޝަޚްސިއްޔަތެއް ކަމަށް ވިދާޅުވާން އުނދަގޫ ކަމަށެވެ.

އެހެންނަމަވެސް އޭނާއަކީ ޖިސްމާނީ ގޮތުން ރައީސް ނަޝީދު ނޫން ކަމަށާއި، ލިޔުމަކުން އުފެދުނު ޝަޚްސެއް އެދަރަޖައަށް ދާ ކަމީ އެމަނިކުފާނަށް ލިބޭ ވަރަށް ބޮޑު އުފަލެއްގެ ގޮތުގައި ސިފަ ކުރެއްވިއެވެ. ނަމަވެސް، ރައީސް ނަޝީދު ވަނީ މީސްމީޑިއާގައި ހަސަން ކުރުސީގެ ނަމުގައި ޝާއިރު ކުރައްވަނީ ކަށަވަރުންވެސް އެމަނިކުފާނު ނޫން ކަމަށް ވިދާޅުވެފައެވެ.

މީގެކުރިން ވެސް އެކިފަހަރުމަތިން އެއެކައުންޓުން ކޮށްފައިވާ ބައެއް ޓްވީޓްތަކަށް ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވެފައިވާއިރު، އިސްލާމް ދީނާ ޚިލާފު ޚިޔާލުތަކެއް ޝާއިއު ކުރުމާއި ގުޅިގެން ފުލުހަށްވެސް މައްސަލައެއް ހުށަހަޅާފައިވެއެވެ.

އެލެކްސް އަޙްމަދުގެ ނަމުގައި ހިންގަމުން އަންނަ ޓްވިޓާ އެކައުންޓަކީ ވެސް އެމަނިކުފާން ނޫން ކަމަށް ނަޝީދު ކުރިން ވިދާޅުވިއެވެ. ނަމަވެސް މިހާރު އެ އެކައުންޓް ބޭނުން ކުރައްވަނީ އެމަނިކުފާންގެ ނުރަސްމީ އެކައުންޓްގެ ގޮތުގައެވެ.

comment ކޮމެންޓް