ނަޝީދުގެ އައްޑޫ އޮފީހާއި އައްޑޫ ސިޓީ ކައުންސިލް އިދާރާގެ ފާރުގައި 'އިންޑިއާ އައުޓް' ޖަހައިފި

އައްޑޫ ސިޓީ ކައުންސިލް އިދާރާގެ ފާރުގައި 'އިންޑިއާ އައުޓް' ޖަހައިފައި--- ފޮޓޯ/ އައްޑޫ ސިޓީ ކައުންސިލް

ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުޙައްމަދު ނަޝީދުގެ އޮފީހާއި އައްޑޫ ސިޓީ ކައުންސިލް އިދާރާގެ ފާރުގައި 'އިންޑިއާ އައުޓް' ޖަހައިފިއެވެ.

އައްޑޫ ސިޓީގެ ޑެޕިއުޓީ މޭޔަރު މުޙައްމަދު ޝުއާއު 'ސަން' އާ ވާހަކަދައްކަމުން ވިދާޅުވީ ކައުންސިލް އިދާރާގެ ފާރާއި ހިތަދޫގައި ހުންނަ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެން ޝަހީމް (އަނދުން ހުސެން) ގެ ގޭގެ ފާރުގައި ވެސް އެފަދައިން ޖަހާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ހިތަދޫގައި ހުންނަ އައްޑޫގެ މޭޔަރު އަލީ ނިޒާރުގެ ގެ އާއި ހިތަދޫ މެދު ދާއިރާގެ މެމްބަރު އަޙުމަދު ރަޝީދުގެ ގޭގައި ވެސް 'އިންޑިއާ އައުޓް' ޖަހާފައިވާ ކަމަށް ޝުއާއު ވިދާޅުވިއެވެ.

ހިތަދޫގެ އެކި ހިސާބުތަކުގައި 'އިންޑިއާ އައުޓް' ޖަހާފައި---ފޮޓޯ/ އައްޑޫ ސިޓީ ކައުންސިލް

ޝުއާއު ވިދާޅުވީ އެ ކަން ކޮށްފައިވަނީ ރޭ ދަންވަރު ނުވަތަ ފަތިހުގެ ވަގުތުގައި ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

އިދިކޮޅު ކޯލިޝަނުން ދަނީ އިންޑިއާއިން ރާއްޖެއަށް ބާރުފޯރުވަމުންދާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އިދިކޮޅު ކޯލިޝަނުން އިންޑިއާ އައުޓް ހަރަކާތް ފަށާފައިވަނީ ރާއްޖޭގެ ތިން ސަރަހައްދެއްގައި އިންޑިއާ ސިފައިން ގާއިމުވެ ތިބުމާ ދެކޮޅަށެވެ.

އިންޑިއާ އައުޓް ހަރަކާތް ހުއްޓުވަން ރައީސް އިބްރާހީމް މުހައްމަދު ޞާލިހް ނެރުއްވި ގަރާރާއެކު މިހާރު އެ ހަރަކާތް ވަނީ މަޑުޖެހިފައެވެ.

ނަމަވެސް ދޭތެރެދޭތެރެއިން ފާރުތަކުގައާއި ދައުލަތުގެ ބައެއް ވަޒީރުންގެ ކާރުކޮޅުގައި 'އިންޑިއާ އައުޓް' ޖަހާ މައްސަލަތައް ފެންމަތިވެއެވެ.

އެގޮތުން އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރުގެ ކާރުގައާއި ހިތަދޫގައި ހުންނަ ފެނަކަ އޮފީހުގެ ފާރުގައި ވެސް 'އިންޑިއާ އައުޓް' ސްޕްރޭކޮށްފައިވެއެވެ. އަދި ރައީސް ނަޝީދުގެ އާއިލީ ގެކޮޅު, ގ. ކެނެރީގޭ ފާރުގައި ވެސް ދާދި ފަހުން ވަނީ އެ ސްލޯގަން ސްޕްރޭކޮށްފައެވެ.

comment ކޮމެންޓް