މެދުޒިޔާރަތުގައި ނެގި ދިދަތައް ގިނަބަޔެއްގެ ފާޑުކިޔުން އަމާޒުވުމާއެކު ބާލައިފި

މެދު ޒިޔާރަތް / ފޮޓޯ: ސަން

އަހަރުތަކަކަށް ފަހު މެދު ޒިޔާރަތުގައި ނެގި ދިދަތައް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވުމާއެކު ބާލައިފިއެވެ.

އެތައް އަހަރުތަކަކަށްފަހު މެދު ޒިޔާރަތުގައި އަލުން ދިދަނަގަން ފެށީ އިއްޔެއެވެ. އެގޮތުން އެންމެ އިހު ޒަމާނުގައި ހުންނަ ފަދައިން މެދު ޒިޔާރަތުގައި ވަނީ ހުދު ދިދަ ނަގާފައެވެ.

ތިރީހަކަށް އަހަރު ފަހުން އަލުން ދިދަ ނަގަން ނިންމާފައިވަނީ ޖުމްހޫރީ ދުވަހާ ގުޅުވައިގެން، އެންމެ ކުރިންސުރެ ވެސް ރާއްޖޭގައި ހުރި ތާރީޚީ ތަންތަން އޭރު ހުރިގޮތަށް ދެއްކުމުގެ ބޭނުމުގައި ކަމަށް ހެރިޓޭޖް މިނިސްޓްރީގެ ކޮމިޔުނިކޭޝަން ޑިރެކްޓަރު އިސްމާއީލް ނާއިލް ނަޝީދު ވިދާޅުވިއެވެ.

މެދުޒިޔާރަތުގެ އިތުރުން އިހުގައި ދިދަ ނަގައި އުޅުނު ކޮންމެ ތަނެއްގައި ވެސް ދިދަ ނަގާނެ ކަމަށާއި، އެކަން ކުރުމުގެ މަގުސަދަކީ ދިވެހީންގެ ތާރީޚާއި އާދަކާދަ އިހުގައި އޮތް ގޮތަށް މިހާރުވެސް ދައްކައިދިނުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެހެން ނަމަވެސް، ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީއަށް ނިސްބަތްވާ ބައެއް ދީނީ އިލްމުވެރިންވެސް ހިމެނޭހެން، ބައެއް ބޭފުޅުން ވަނީ ޒިޔާރަތްތަކުގައި ދިދަ ނެގުމަކީ އުވިފައިވާ ބިދުއައެއް އަލުން އިޔާދަ ކުރުން ކަމަށް ބުނެ އެކަން ހުއްޓާލަން ގޮވާލާފައެވެ.

އެގޮތުން، އަދާލަތު ޕާޓީގެ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް އަބްދުއްލަތީފް ވިދާޅުވީ މެދުޒިޔާރަތުގައި ދިދަ ނެގުމަކީ މީސްތަކުންގެ ތެރޭގައި ފެތުރިފައިވާ ބޮޑުވެގެންވާ މުންކަރާތެއް ކަމަށެވެ. އަދި އެކަން އަލުން ދިރުވަން އުޅުމަކީ ވަރަށް ބޮޑު ގޯހެއްގެ ގޮތުގައިވެސް ސިފަކުރައްވާފައިވެއެވެ.

އެކަމާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު "ސަން" އަށް ވިދާޅުވީ މެދު ޒިޔާރަތުގައި ނެގި ދިދަތައް ބާލަން އިރުޝާދު ދީފައިވާނެ ކަމަށާއި، އެފަދަ ތަންތަނުގައި ދިދަ ނެގި ނަމަވެސް، ދެން ނަގާނީ ޚާއްސަ މުނާސަބަތުތަކުގައި ކަމަށެވެ.

ފާޑުކިޔުންތަކަށް ރައްދުދެއްވައި ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވީ އެކަމަކީ އެއްވެސް ހާލެއްގައި ދީނީ ގޮތުން ކުރާ ކަމެއް ނޫން ކަމަށާއި، އެއީ ސަގާފީ ކަމެއް ކަމަށެވެ. އެއީ އެފަދަ އާސާރުތައް ބަލައިލުމަށް ދިވެހީންނާއި ފަތުރުވެރީން ޝައުޤުވެރިވާނެ ކަމެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މެދު ޒިޔާރަތަކީ މީލާދީން 1153ވަނަ އަހަރު ރާއްޖެއަށް އިސްލާމް ދީން ގެނެސްދެއްވި އަބުލް ބަރަކާތު ޔޫސުފުލް ބަރުބަރީ ފަސްދާނުލެވިފައިވާ ތަނެވެ. އެ ޒިޔާރަތަށް ކުރިން މީހުން ނަދުރު ބުނެ އުޅުނު ނަމަވެސް، 1957ވަނަ އަހަރު ސަރުކާރުން ވަނީ އެ ތަނަށް ނަދުރު ބުނުން މަނާކޮށްފައެވެ.

comment ކޮމެންޓް