އެއް ޖިންސުން ޖިންސީ ގުޅުން ހިންގި ކަމުގެ ހަ މައްސަލައެއް ސާބިތުވެ ބަންގްލަދޭޝްގެ އަލަމްގީރު އިތުރު ނުވަ މަހާއި 13 ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.
އެއް ޖިންސުން ޖިންސީ ގުޅުން ހިންގުމާއި އޮރިޔާން ކާޑު ހެދުމުގެ ދައުވާތަކެއް ސާބިތިވެފައިވާ އަލަމްގީރު މިހާރު ވެސް އަންނަނީ ތިން އަހަރާއި ހަތަރު މަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ.
އެއް ޖިންސުން ޖިންސީ ގުޅުން ހިންގި ކަމުގެ ތުހުމަތުގައި އަލަމްގީރުގެ މައްޗަށް އުފުލާފައިވާ ހަ ދައުވާގެ އަޑުއެހުން މިއަދު ވަނީ ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފައެވެ.
އެ ހަ ދައުވާއަށް ވެސް އޭނާ އިއުތިރާފްވެފައިވާތީ ކްރިމިނަލް ކޯޓުން ވަނީ އަލަމްގީރުގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ނިންމާފައެވެ. އަދި ހަ ދައުވާއަށް އިއްވާފައިވަނީ އެކި އަދަދުތަކުގެ ޖަލު ހުކުމެވެ.
އެގޮތުން އެއް ދައުވާއަށް ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އިއްވިއިރު ދެވަނަ ދައުވާ ސާބިތުވުމުން އިއްވާފައިވަނީ ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެކެވެ. އަދި ތިން ވަނަ ދައުވާ ސާބިތުވުމުން އިއްވާފައިވަނީ އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ.
ހަތަރުވަނަ ދައުވާއަށް 18 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު ފަސް ވަނަ ދައުވާއަށް އިއްވާފައިވަނީ ނުވަ ދުވަހުގެ ޖަލު ހުކުމެކެވެ. އަދި ހަ ވަނަ ދައުވާ ސާބިތުވުމުން އިއްވާފައިވަނީ ހަތަރު ދުވަހުގެ ޖަލު ހުކުމެކެވެ.
މުޖުތަމައުގެ އަޚްލާޤީ އުސޫލުތައް ހިފެހެއްޓުމުގެ ގޮތުން އެ ހުކުމްތަކުގެ ތަފްސީލް އާންމުކޮށްފައި ނުވާތީ ބައެއް ދައުވާތަކާ ގުޅިގެން ކުޑަ ދުވަސްކޮޅެއްގެ ޖަލު ހުކުމެއް އިއްވި ސަބަބު ވަނީ ސާފުވާ ގޮތް ނުވެފައެވެ.
ގިނަ އަދަދެއްގެ ފިރިހެނުންނާ އެކު އެއް ޖިންސުން ޖިންސީ ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯތަކެއް ލީކްވެފައިވާ އަލަމްގީރު ވަނީ މިހާތަނަށް އޭނާގެ މައްޗަށް އުފުލި ހުރިހާ ދައުވާތަކަށް ވެސް އިއުތިރާފުވެފައެވެ. އަދި އޭނާއާ އެކު އެ ހުތުރު އަމަލު ހިންގި އެހެން ބައެއް މީހުން ވެސް ވަނީ ކުށަށް އިއުތިރާފްވެ ކުދި އަދަބުތަކެއް ލިބިގަތުމަށް އެއްބަސްވެ ހުކުމް ތަންފީޒު ކުރަން ފަށާފައެވެ.