މުވައްޒަފުން ވަކިކުރުމަކީ 18 އަހަރު ތެރޭ ކުރަން ޖެހުނު އެންމެ އުނދަގޫ އެއް ކަންތައް: ޒަކަބާގް

ފޭސްބުކްގެ ސީއީއޯ މާކް ޒަކަބާގް: -- ފޮޓޯ/ އޭއެފްޕީ

މެޓާގެ ސީއީއޯ މާކް ޒަކަބާގް އޭނާގެ ކުންފުނިން 13 ޕަސެންޓް މުވައްޒަފުން ވަކިކުރާކަން އިއުލާން ކުރިތާ ގަޑިއެއްހާއިރު ފަހުން މުވައްޒަފުންނާ ބައްދަލުކޮށް، އެއީ ފާއިތުވި އަހަރުތަކުގައި ކުރަން ޖެހުނު އެންމެ އުނދަގޫ އެއް ކަންތައް ކަމަށް ބުނެފިއެވެ.

ޒަކަބާގް އޭނާގެ މުވައްޒަފުންނާ ބައްދަލުކުރީ އޮންލައިންކޮށެވެ. އެ ވީޑިއޯ ކޯލްގައި އޭނާ ވަނީ މުވައްޒަފުން ވަކިކުރަން ނިންމި ނިންމުމުގެ ފުރިހަމަ ޒިންމާ އަމިއްލައަށް ނަގާނެ ކަމަށް ބުނެފައެވެ.

"އަޅުގަނޑަކީ ފައުންޑާ އަދި ސީއީއޯ، އަޅުގަނޑުމެންގެ ކުންފުނީގެ ހާލަތާއި، އަޅުގަނޑުމެންގެ މިސްރާބާއި، އަދި މިފަދަ ކަންތައްތައް ފަދަ ކަންކަން ކުރިއަށް ގެންދާނެ ގޮތެއް ނިންމުމުގެ ޒިންމާ އުފުލަންޖެހޭނީ އަޅުގަނޑު ކަމުގައި ދެކެން،" ޒަކަބާގް ބުންޏެވެ.

އެއީ އެ ކުންފުނި ހިންގުމުގެ 18 އަހަރުގެ ތެރޭގައި ނިންމި އެންމެ އުނދަގޫ އެއް ނިންމުންކަން ފާހަގަކުރަމުން އޭނާ ބުނީ އެ ނިންމުމުގެ ސަބަބުން ވަޒީފާ ގެއްލޭ މީހުންގެ ދިރިއުޅުމަށް ވަރަށް ބޮޑު އަސަަރެއް ކުރާނެކަން އެނގޭ ކަމަށެވެ. އަދި އެ މުވައްޒަފުން ދޫކޮށްލުމަކީ ކުންފުނީގެ މަަސައްކަތަށް ވެސް ލިބޭ ގެއްލުމެއް ކަމަށް އޭނާ ބުންޏެވެ.

"ތިޔައިން ކޮންމެ މީހަކީވެސް ހުނަރުވެރި އަދި ކުރާ ކަމަކަށް ލޯބިކުރާ މީހެއް. މެޓާއަށް ލިބިފައިވާ ކޮންމެ ކާމިޔާބީއެއް ހާސިލް ކުރުމަށްޓަކައި ތިޔައިން ކޮންމެ މީހަކުވެސް ދައުރެއް އަދާކޮށްފައިވާކަން ކަށަވަރު. ކޮންމެ ޓީމެއްގައި މަސައްކަތް ކުރި ނަމަވެސް، ތީގެ ތެރެއިން ކޮންމެ މީހަކު ވެސް ވަނީ ކޮންމެ ދުވަހަކު އެތައް ބިލިއަން ބަޔަކު ބޭނުންކުރާ އުފެއްދުންތަކުގައި މަސައްކަތްކޮށްފަ،" ޒަކަބާގް ބުންޏެވެ.

މީގެ ކުރިން، ބުދަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ޒަކަބާގް އޭނާގެ މުވައްޒަފުންނަށް ލިޔެފައިވާ ލިޔުމެއްގައި ވަނީ މެޓާގެ ހުރިހާ ދާއިރާތަކަކުން ވެސް މުވައްޒަފުން މަދުކުރަމުންދާ ކަމަށެވެ. އަދި 2023 ވަނަ އަހަރުވެސް މަދު ބަޔަކު ވަޒީފާތަކަށް ނެގުމަށް ރާވާފައިވާ ކަމަށް އެ ލިޔުމުގައިވެއެވެ.

ވަޒީފާއިން ވަކިކުރި މުވައްޒަފުންނަށް 16 ހަފުތާގެ މުސާރަ އާއި ޚިދުމަތުގެ ކޮންމެ އަހަރަކަށް އިތުރު ދެ ހަފުތާގެ މުސާރަ ލިބޭނެ ކަމަށް ޒަކަބާގް އެ ސިޓީގައި ބުނެފައިވެއެވެ. އަދި މެޓާއިން ހެލްތު އިންޝުއަރެންސް ކަވަރު ކުރާނީ ހަ މަސް ދުވަހަށް ކަމަށްވެސް އެސިޓީގައި ބަޔާންކޮށްފައިވެއެވެ.

comment ކޮމެންޓް