ރައީސް ނަޝީދަށް ފުރައްސާރަ ކުރަނީ ސީދާ ސަރުކާރުން އަންގައިގެން: އިންތި

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 11 ވަނަ ޖަލްސާ -- މަޖިލިސް

ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ ބައެއް މެމްބަރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ފުރައްސާރަ ކުރަނީ ސީދާ ސަރުކާރުން އިރުޝާދު ދީގެން ކަމަށް މާފަންނު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށް އޮތް އަހަރުގެ ބަޖެޓަށް ބަހުސް ކުރައްވަމުން އިންތި ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙްގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ރައީސް ނަޝީދުގެ ދިފާއުގައި ވާހަކަދައްކަވާފައެވެ.

އެގޮތުން، އަދުގެ ސަރުކާރުގައި ކޮރަޕްޝަންގެ އަމަލުތައް އިންތިހާއަށް ގިނަކަން ފާހަގަކުރައްވައި މެމްބަރު ވިދާޅުވީ ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތް ކުރާ ކަމުގައިވަނީ ނަމަ އެކަން ކުރެވޭނީ އެމްޑީޕީގެ ރައީސާ އެކު ކަމަށާއި، އެ ނޫންގޮތަކަށް އެ މަސައްކަތް ނުކުރެވޭނެ ކަމަށެވެ.

"މިރާއްޖޭގެ ޑިމޮކްރަސީގެ ސްޓްރަގްލް ގަޔާއި މިރާއްޖެއަށް ހެޔޮ ގޮތްތައް ގެނައުމުގައި މިރާއްޖެ ބަދަލު ކުރުމުގައި ރައީސް ނަޝީދު އެކުރެއްވި މަސައްކަތްޕުޅާ ގާތަކަށްވެސް މީން މީހަކަށް މަސައްކަތެއް ނުކުރެވޭނެ. އެއިން އަރާފަހުރި ލަކުނެއްވެސް މީން މީހަކާ ގާތަށްވެސް އަރާފައެއް ނޯންނާނެ. އެއިން ލިބިވަޑައިގެންނެވި އަނިޔާއެއްވެސް ގާތަކަށް ލިބިފައެއް ނުވާނެ." އިންތި ވިދާޅުވިއެވެ.

އެހެންނަމަވެސް މަޖިލީހުގެ ބައެއް އެމްޑީޕީ މެމްބަރުން މެދުވެރިކޮށް، ރައީސް ނަޝީދަށް ގަދަރު ކުޑަކޮށް އިހާނެތި ބަސްތައް ރައްދުކުރަމުން ދަނީ ސަރުކާރުން އަމުރުކޮށްގެން ކަމަށް އިންތި ވިދާޅުވިއެވެ.

މީގެއިތުރުން، އޭނާ ވިދާޅުވީ ސަރުކާރުން ވެރިކަން ކުރުމަށް ލިބުނު ފުރުސަތުގެ ބޭނުން ހިފަނީ ވައްކަން ކުރުމަށާއި، ޚިޔާނާތްތެރިވުމަށް ކަމަށެވެ. އަދި ކޮރަޕްޝަނަށް ސަރުކާރުން ގެންގުޅޭނެ ކަމަށް ބުނި ޒީރޯ ޓޮލަރެންސްގެ ބުރަދަނަކީ ޒީރޯ ކަމަށް ވެސް މެމްބަރު ވިދާޅުވިއެވެ.

ބަޖެޓާއި ގުޅޭގޮތުން ވާހަކަދައްކަވަމުން އިންތި ވިދާޅުވީ ބައެއް މެމްބަރުން އަންނަ އަހަރަށް ލަފާކުރާ ބަޖެޓަކީ އުންމީދީ ބަޖެޓެއް ކަމަށް ވިދާޅުވިނަމަވެސް، މިއީ އެއްވެސް އުއްމީދީ ބަޖެޓެއް ނޫން ކަމަށެވެ. އަންދާޒާ ކުރާ އަދަދާއި ދައުލަތަށް ވަންނަ އާމްދަނީ ދިމާނުވި ކަމުގައި ވީނަމަވެސް ހިތުހުރި ގޮތަކަށް އަދަދުތައް ޖަހަމުންދާ ކަމަށް ވިދާޅުވިއެވެ.

އެމްޑީޕީގެ ކޮންގްރެސްއަށް ފަހު އަނެއްކާވެސް ރައީސް ޞާލިޙާއި ރައީސް ނަޝީދާ ދެ ބޭފުޅުންގެ މެދުގައި ވާދަވެރިކަން އިތުރުވެ، ޕާޓީ ތެރޭގައި ވަނީ ބައިބައިވުން އުފެދިފައެވެ. އެގޮތުން، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެޕާޓީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓެއް ހޮވުމަށް ބާއްވާ ޕްރައިމަރީގައި ރައީސް ޞާލިޙަށް ތާއީދު ކުރެވެން ނެތް ކަމަށް ރައީސް ނަޝީދު ވަނީ ދާދި ފަހުން ވިދާޅުވެފައެވެ.

އަދި، ރައީސް ނަޝީދު މަޖިލީހުގެ މެމްބަރު ކަމުން ވަކިކުރުމަށް އެދި ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅާފައިވާއިރު، އެމައްސަލައިގެ އަޑީގައިވެސް ވަނީ ސަރުކާރު ކަމަށް ވިދާޅުވެ ރައީސް ނަޝީދަށް ތާއީދު ކުރައްވާ އެމްޑީޕީގެ ގިނަ މެމްބަރުން ދަނީ ނުރުހުން ފާޅުކުރަމުންނެވެ.

comment ކޮމެންޓް