ދިވެހި ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާއަށް ވީ ކިހިނެއް؟

ދިވެހި ގައުމުގެ ފުރަތަމަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް، ސުމުއްވުލް އަމީރް މުހައްމަދު އަމީން ދޮށަމޭނާ ކިލެގެފާން--

އެންމެ ހަތް މަހާއި ދުވަސްކޮޅެއްގެ ޖުމްހޫރިއްޔަތެކެވެ. ރާއްޖޭގެ ތާރީޚުގައިވެސް އެންމެ ކުރު މުއްދަތަކަށް ވެރިކަން ކުރެއްވި ރައީސުލްޖުމްހޫރިއްޔާއެވެ. ރާއްޖޭގެ ތާރީޚުގައިވެސް އެންމެ އަނިޔާވެރިކޮށް ވެރިކަމުން ވައްޓާލެވުނު، އަދި ހަމައެކަނި އަވަހާރަކޮށްލެވުނު ރައީސުލްޖުމްހޫރިއްޔާއެވެ. ދިވެހި ގައުމަށް އެތަކެއް ޚިދުމަތްތަކެއް ކޮށްދެއްވި ދިވެހި ގައުމުގެ ފުރަތަމަ ރައީސުލްޖުމްހޫރިއްޔާއެވެ. އެއީ ދިވެހި ގައުމުގެ ފުރަތަމަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް، ސުމުއްވުލް އަމީރު މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނެވެ.

ދިވެހިރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް މުހައްމަދު އަމީންގެ އަމިއްލަ ދިރިއުޅުމަށް އަޅުގަނޑުމެން އެންމެންވެސް ވަރަށް ފަރިތައެވެ. ހަމަ އެބީދާއިން، އެމަނިކުފާނުގެ "ބަނަ" ސިޔާސީ ހަޔާތުގައި ކަންކަން ހިނގައިދިޔަ ގޮތް އެނގުމަކީވެސް މުހިއްމުކަމެކެވެ. އެމަނިކުފާނުގެ ސިޔާސީ ދައުރު ފެށިގެން އައި ގޮތާއި، ހަތް މަސް ދުވަހުގެ ތެރޭގައި ގައުމާއި ރައްޔިތުންނަށް ލިބުނު ކުރިއެރުންތަކާއި، އެ ޖުމްހޫރިއްޔަތަށް އަނދިރިކަން ވެރިވީ ކޮން ހިސާބަކުންކަން އެނގުމަކީ މުހިއްމު ކަމެކެވެ.

އަމީން ދީދީގެ ސިޔާސީ ހަޔާތް

އެމަނިކުފާނު ސެންޓް ޖޯސެފްސް ކޮލެޖްގައި ކިޔަވާ ވިދާޅުވުމަށްފަހު 1929ގައި އެނބުރި ދިވެހިރާއްޖެއަށް ވަޑައިގެންނެވި ހިސާބުން ސިޔާސީ ހަޔާތް ފެށުނެވެ. ސަރުކާރުގެ އެކި ދާއިރާތަކުގެ، އެކި ފަންތީގައި މަސައްކަތް ކުރުމުގެ ފުރުސަތު އެމަނިކުފާނަށް ލިބިވަޑައިގަތެވެ. އެގޮތުން ބަލާއިރު، 1932 ވަނަ އަހަރު އެކުލަވާލި ދިވެހިރާއްޖޭގެ ފުރަތަމަ ގާނޫނު އަސާސީ ޑްރާފްޓް ކުރެއްވި ކޮމިޓީގެ މެންބަރަކަށް ވުމާއި، ހަމަ އެއަހަރު ވަޒީރުއް ތިޖާރާކަން ކުރެއްވުމާއި، 1942 ވަނަ އަހަރު ދައުލަތް ހިންގާ މަޖިލިސްގެ ރައީސްކަން ކުރެއްވުން ފަދަ އިސް މަގާމްތައް އެމަނިކުފާނު ފުރުއްވިއެވެ.

އަމީން ދީދީ ހޯރަފުށީގެ އިސް ރަށްވެހިންނާއި ބައެއް އަންހެނުންނާ އެކު

މި ހުރިހާ މަގާމްތަކާ އެކުވެސް، 1952 ވަނަ އަހަރު އޭރު ދިވެހި ތަޚްތުގައި އިންނެވި، ހުރާ ދަރިކޮޅުގެ އަބްދު މަޖީދު ދީދީ ނުވަތަ އަބްދުލް ރަންނަ ބަނޑޭރި ކިލެގެފާނު އަވާހަވުމުގެ ސަބަބުން، ރާއްޖޭގެ ތަޚްތަށް އައުމަށް އެމަނިކުފާނަށް ދަޢުވަތު އެރުވުނެވެ.

ނަމަވެސް، އެމަނިކުފާނަކީ ރަސްކަމަށް ތާޢީދު ކުރައްވާ ބޭފުޅަކަށް ނުވުމުމުގެ ސަބަބުން، އެމަނިކުފާނު އެދިލެއްވީ ރައްޔިތުންގެ ފަރާތުން ހޮއްވެވޭ ވެރިއެއްގެ ގޮތުގައި އެމަނިކުފާނު އިސްކުރުމަށެވެ. މިއާއެކު، ދިވެހިރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާ 1 ޖެނުއަރީ 1953 ގައި އިޢުލާން ކުރެވި، އެޖުމްހޫރިއްޔާގެ ފުރަތަމަ ރައީސެއްގެ ގޮތުގައި އެމަނިކުފާނު އިސްކުރެވުނެވެ.

ދިވެހި ދައުލަތުގެ ފުރަތަމަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް

ސުމުއްވުލް އަމީރް މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނަށް ދިވެހި ދައުލަތުގެ ވެރިކަން ކުރެއްވުމަށް ލިބިވަޑައިގެންނެވީ އެންމެ ހަތް މަހާއި 26 ދުވަހުގެ މުއްދަތެކެވެ. އެދައުރުގެ ނާއިބު ރައީސެއްގެ ގޮތުން ހުންނެވީ ވެލާނާގެ އިބްރާހީމް ދީދީއެވެ.

އަމީން ދީދީ އެމަނިކުފާނުގެ ނައިބުއާ އެކު

އަމީން ދީދީއަށް ލިބިވަޑައިގެންނެވި އެންމެ ހަތް މަސް ދުވަހުގެ ތެރޭގައި އެމަނިކުފާނަކީ ދިވެހި ގައުމަށް އެތަކެއް ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެކެވެ. އެގޮތުން، ދިވެހި ގައުމަށް ފަތުރުވެރިކަން ތަޢާރަފްކޮށްދެއްވުމަށް އެމަނިކުފާނު ކޮށްދެއްވި މަސައްކަތްތަށް ފާހަގަ ކޮށްލެވެއެވެ. މީގެ އިތުރުން، ދިވެހި ރައްޔިތުންނަކީ އަބުރުވެރި، ފުދުންތެރި ބައެއްގެ ގޮތުގައި ހެއްދެވުމަށްޓަކައި ދަނޑުވެރިކަން ދަސްކޮށްދިނުމާއި، ޝިޕިންގ ދާއިރާ ދިވެހި ގައުމަށް ތަޢާރަފްކޮށް ކުރިއެރުވުމަށްޓަކައި ކޮށްދެއްވި މަސައްކަތްތައް ވެސް ހިމެނެއެވެ. ހަމައެއާއެކު އުމްރާނިއްޔަތު ކުރިއެރުވުމަށް މަސައްކަތް ކުރެއްވިއެވެ.

ރައީސްކަމުގެ ހުވާ ކުރެއްވުމަށްފަހު ރާއްޖޭގެ ރަށްރަށަށް ވަޑައިގެން ތަގުރީރުކުރައްވައި އެކި ކުޅިވަރުތައް ކުޅުއްވައި އުޅުއްވިއެވެ. ރައްޔިތުންނާއި ގާތުން މަސައްކަތް ކުރެއްވި ރައީސަކަށް އެމަނިކުފާނު ވެ ވަޑައިގެންނެވިއެވެ.

އެމަނިކުފާނަކީ ޢިލްމީ ބޭފުޅަކަށް ވުމުގެ ސަބަބުން އެންމެ ބޮޑު ތަފާތެއް ދިވެހި ގައުމަށް ފެނުނީ އަންހެނުންގެ ކުރިއެރުމަށްޓަކައި އެމަނިކުފާނު ކޮށްދެއްވި ބުރަ މަސައްކަތްތަކެވެ. އެގޮތުން، އަންހެނުންގެ ކުރިއެރުމަށްޓަކައި ބޮޑެތި ފުރުސަތުތައް ހޯއްދަވައިދެއްވައި، ދިވެހި މުޖްތަމައުގައި އަންހެނުންނަކީ މުހިއްމު ބައެއް ކަމުގައި އެމަނިކުފާނު ސާބިތުކޮށްދެއްވިއެވެ.

ޢިލްމީ ގޮތުންނާއި ދިވެހި ބަހަށާއި އަދަބިއްޔާތަށް ހިދުމަތް ކުރެއްވުމުގައި އެމަނިކުފާނު އޭރު ކުރެއްވީ ބުރަ ބޮޑު މަސައްކަތްތަކެކެވެ. ބަހުސް ކުރުމާއި، ޅެން ހެދުމާއި އަދި ވާހަކަ ދެއްކުމުގެ ފަންނު ދިވެހި ގައުމުގައި އެންމެ ބޮޑަށް ކުރިއަރައި ދިޔައީ އެމަނިކުފާނުގެ ޒަޢާމަތުގައިއެވެ.

ހަތް މަހާއި 26 ދުވަހުގެ ހިތި ނިމުން

ދިވެހި ދައުލަތުގެ ފުރަތަމަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސްގެ ދައުރަށް ވެރިވީ ބަނަ ވިލާގަނޑެކެވެ. ހައިހޫނު ކަމާއި ސިޔާސީ ޚިޔާލު ތަފާތުވުން ތަކުގެ ސަބަބުންނެވެ.

ކޮޅުބުގައި އެމަނިކުފާނު ހުންނެވުމަށް ފަހު އެނބުރި ގައުމަށް ވަޑައިގަތުމާއެކު ކުރިމަތިލައްވަން ޖެހިވަޑައިގަތީ ނަފްރަތާއި، ރުޅިވެރިކަމާއި އަދި އަދާވާތްތެރިކަމުން ފުރި ބަރާވެފައިވާ ބަޢާވާތްތެރިންނާއެވެ.

ގުޅެކުޅޭ ފަސްގަނޑު

އެކާވީސް އޮގަސްޓް 1953 ގައި އެމީހުން، އެމަނިކުފާނަށް ގުޅެ ކުޅޭ ފަސްގަނޑުގައި އެތަކެއް ލާއިންސާނީ އަނިޔާތަކެއް ކޮށް އެމަނިކުފާނުގެ ނިކަމެތި ހަށިގަނޑު ވެއްޔާ މޮޑެލިއެވެ. އެމަނިކުފާނު އަވަހާރަވެވަޑައިގެންނަވީ އަނިޔާތަކާ އެކު ކ. ވިހަމަނާފުށީގައެވެ.

އަމީން ދީދީގެ ޖުމްހޫރިއްޔަތުން ވެސް ފާހަގަވި މުހިއްމު ކަމެއް އެބައޮތެވެ. އިބްރާހީމް ޝިހާބު ( 1373ހ) ގައި ވިދާޅުވި ފަދައިން "ޤައުމުގެ ބައިތުލްމާލަކީ ޤައުމުގެ ބަސްވިކޭ ބާރުހުރި މީހުންގެ އަމިއްލަ މިލްކަކަށް ހަދަންފެށުން ވެސް ހިމެނޭ ކަމުގައެވެ."

ޖުމްހޫރީ ދުވަސް ފާހަގަ ކުރާއިރު މިކަމާ މެދު ދިވެހި ގައުމު މިއަދު ވިސްނާލުން މުހިއްމެވެ.

comment ކޮމެންޓް