ގަރާޖުގައި ރޯވި ހާދިސާގައި ނުވަ މީހަކު މަރުވެއްޖެ

ރޯވި ގަރާޖު ހުރި އިމާރާތުން މީހުންގެ ހަށިގަނޑު ނެރެފައި ވަނީ ބޮޑީބޭގަށް ލައިގެން، އިތުރަށް ފަރުދާ ކޮށްގެން -- ސަން ފޮޓޯ

މާލޭގެ ގަރާޖެއްގައި ރޭ ދަންވަރު ހިނގި އަލިފާނުގެ ހާދިސާގައި ނުވަ މީހަކު މަރުވެފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފުން ބުނީ އެ ހާދިސާ ހިނގި މ. ނިރުފެހީގައި ދިރިއުޅޭ މީހުންގެ ތެރެއިން ނުވަ މީހަކު މަދު ކަމަށް، އެގެއިން ސަލާމަތް ކުރި މީހުން ބުނި ކަމަށެވެ.

އެ ނުވަ މީހުން މިހާރު ފެނިފައިވާ އިރު އޭގެ ތެރެއިން އަށް މީހަކު މަރުވެފައިވާ ކަމަށާއި ނުވަ ވަނަ މީހާއަށް އައިޖީއެމްއެޗުގައި ފަރުވާ ދެމުންދާ ކަމަށް ސިފައިން ބުންޏެވެ.

އޭގެ ކުޑަ އިރުކޮޅެއް ފަހުން ސިފައިން ވަނީ އިތުރު ހަށިގަނޑެއް ފެނިފައިވާ ކަމަށާއި އެއާއެކު މަރުވި މީހުންގެ އަދަދު ނުވައަކަށް އަރާފައިވާ ކަމަށް ބުނެފައެވެ.

މަރުވި މީހުން ނިސްބަތްވާ ގައުމުތަކުގެ ތެރޭގައި ބަންގްލަދޭޝް، އިންޑިއާ އަދި ނޭޕާލް ހިމެނެއެވެ.

އެ ހާދިސާއާ ގުޅޭ ގޮތުން އެމްއެންޑީއެފުން ފުރަތަމަ ބުނީ މާވެޔޮ މަގުގައި ހުރި ގެއެއްގައި އަލިފާނުގެ ހަދިސާއެއް ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު ލިބުނީ ދަންވަރު 00:30 ހާއިރު ކަމަށެވެ.

އެ އަލިފާންގަނޑު އެއްކޮށް ނިއްވާލެވުނީ ފަތިހު 04:34 ހާއިރެވެ.

އޭގެ ކުރިން އެ އިމާރާތުން 14 މީހަކު ސަލާމަތްކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އަލިފާން ރޯވިތާ މާ ގިނައިރުތަކެއް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އާއި ރެޑް ކްރެސެންޓުން ވަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވެ، ފަޔާ އެންޑް ރެސްކިއު ޚިދުމަތުގެ މަސައްކަތަށް އެއްބާރުލުން ދީފައެވެ.

އެގޮތުން ރެޑް ކްރެސެންޓުން ވަނީ ދުމުގެ އަސަރު ކުރި މީހުން ރައްކާތެރި ސަރަހައްދަކަށް ގެންގޮސް، ފަސްޓް އެއިޑްގެ އިތުރުން ނަފްސާނީ އެހީ ވެސް ފޯރުކޮށްދެމުންދާ ކަމަށް ބުނެފައެވެ. އެ އިމާރާތުން ސަލާމަތް ކުރި މީހުން ވަގުތީ ގޮތުން ގެންގޮސްފައި ވަނީ މާފަންނު ސްޓޭޑިއަމްއަށެވެ.

އެ ގަރާޖުގައި އަލިފާން ރޯވާން މެދުވެރިވި ސަބަބެއް އަދި ހާމަކޮށްފައި ނުވެއެވެ. ނަމަވެސް މިއީ އެ ގަރާޖުގައި ރޯވި ތިން ވަނަ ފަހަރެވެ.

comment ކޮމެންޓް