ޑެންގީ ހިމެނޭހެން ދެ ބައްޔެއް ޖެހުނު މީހުންގެ އަދަދު މިދިޔަ މަހު އިތުރުވެއްޖެ

ފްލޫ ކުލިނިކެއް --- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިދިޔަ ސެޕްޓެމްބަރު މަހާ އަޅާބަލާއިރު އޮކްޓޯބަރު މަހު ދެ ބައްޔެއް ޖެހުނު މީހުންގެ އަދަދު އިތުރުވެފައިވާ ކަމަށް, ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.

އެޗްޕީއޭއިން މިއަދު އާންމުކުރި މައުލޫމާތުގައިވާ ގޮތުން، މިދިޔަ ސެޕްޓެމްބަރު މަހާ އަޅާބަލާއިރު މިދިޔަ މަހު ޑެންގީއާއި ބޭރަށް ހިނގުމުގެ މައްސަލަ ދިމާވި މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ. އަދި މިދިޔަ އަހަރާ ބަލާއިރު މިއަހަރުގެ މި ހިސާބުގައި ޑެންގީ ޖެހުނު މީހުންގެ އަދަދު ވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

އެގޮތުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ޑެންގީގެ އަށް ކޭސް ރިޕޯޓު ކޮށްފައިވާއިރު ހަމަ އެއަހަރުގެ އޮކްޓޯބަރު މަހު ޑެންގީގެ 10ކޭސް ވަނީ ރިޕޯޓްކޮށްފައެވެ.

ނަމަވެސް މި އަހަރުގެ ސެޕްޓެމްބަރު މަހު ޑެންގީގެ 270 ކޭސް ރިޕޯޓު ކޮށްފައިވާއިރު މިދިޔަ މަހު 626 ކޭސް ވަނީ ރިޕޯޓުކޮށްފައެވެ.

މިދިޔަ ސެޕްޓެމްބަރު މަހު ބޭރަށް ހިނގުމުގެ ބަލި ޖެހިގެން 3533 ކޭސް ރިޕޯޓުކޮށްފައިވާ އިރު މިދިޔަ މަހު އެ އަދަދު ވަނީ 3820އަށް އަރައިފައެވެ. އެއީ މިދިޔަ އަހަރުގެ މި މުއްދަތުގައި އެ ބަލި ޖެހުނު މީހުންނާ އަޅާ ބަލާއިރު ވެސް އިތުރު އަދަދެކެވެ.

އެގޮތުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ޖުމުލަ 1408މީހުންނަށް ބޭރަށް ހިނގުމުގެ ބަލިޖެހުނު ކަމަށް ރިޕޯޓުކޮށްފައިވެއެވެ. އަދި ހަމަ އެ އަހަރުގެ އޮކްޓޯބަރު މަހު ވަނީ 1717 މީހުންނަށް އެ ބަލި ޖެހިގެން ރިޕޯޓްކޮށްފައެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު 18،777 މީހުންނަށް އަރިދަފުސް ރޯނގާ ޖެހިގެން ވަނީ ރިޕޯޓްކޮށްފައެވެ. އަދި ހަމަ އެ އަހަރުގެ އޮކްޓޯބަރު މަހު ޖުމުލަ 30،483 މީހުންނަށް އަރިދަފުސް ރޯނގާ ޖެހިގެން ވަނީ ރިޕޯޓްކޮށްފައެވެ.

އެއާ އަޅާ ބަލާއިރު މި އަަހަރުގެ ސެޕްޓެމްބަރު މަހު އަރިދަފުސް ރޯނގާ ޖެހިގެން 33584 މީހުން ރިޕޯޓުކުރިއެވެ. އަދި މިިދިޔަ މަހު އަރިދަފުސް ރޯނގާ ޖެހިގެން 31،750 މީހުން ރިޕޯޓުކުރިއެވެ.

އެޗްޕީއޭއިން ވަނީ، ޑެންގީއިން ސަލާމަތްވުމަށް ޓަކައި މަދިރިން ރައްކާތެރިވުމުގެ ގޮތުން ހަށިގަނޑު ރަނގަޅަށް ނިވައިވާ ގޮތަށް ހެދުން އެޅުމަށާއި މަދިރި ލޯޝަން އަދި މޮސްކިޓޯ ރެޕެލެންޓް ބޭނުންކޮށް، ފަތިސް ގަޑީގައާއި ހަވީރު އިރުއޮއްސޭ ވަގުތުގައި ދޮރުތަކާއި ކުޑަ ދޮރުތައް ލައްޕާފައި ބެހެއްޓުމަށް އިލްތިމާސްކޮށްފައެވެ. އަދި ދަޅު ފަދަ ފެން ހަރުލާ ތަކެތި ގޯތިތެރެއާއި މަގުމައްޗަށް އުކާނުލުން މުހިންމު ކަމަށް އެ އޭޖެންސީން ބުނެފައިވެއެވެ.

ޑެންގީ ޖެހިއްޖެ ނަމަ އަރާމު ކުރުމާއި ގިނަގިނައިން ދިޔާ އެއްޗެހި ބޭނުންކުރުމާއި ޕެރެސެޓެމޯލް ބޭނުން ކުރުމަކީ ގޭގައި ދެވިދާނެ ފަރުވާތަކެވެ. އަދި ތިން ދުވަހަށް ވުރެ އިތުރަށް ހުން އަންނަ ނަމަ، ނުވަތަ ދިޔާއެއްޗެހި ބޭނުން ނުކުރެވޭ ނަމަ ނުވަތަ މާ ބޮޑަށް ވަރު ދެރަވާނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުން މުހިންމު ކަމަށް އެޗްޕީއޭއިން ބުނެއެވެ.

އެޗްޕީއޭއިން ބުނީ އަރިދަފުސްރޯނގާ އިން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމަކީ މުހިންމު ކަމެއް ކަމަށެވެ. އެގޮތުން ކިނބިހި އަޅާއިރު އަނގަ މަތީގައާއި ނޭފަތުގައި ޓިޝޫއެއް ފަދަ އެއްޗެއް އެޅުމާއި އާއްމު ސާފުތާހިރުކަމަށާއި ޚާއްސަކޮށް ސައިބޯނި ލައިގެން އަތްދޮވުން ފަދަ ކަންކަމަށް ސަމާލުކަންދިނުން ހިމެނެއެވެ.

ޑެންގީއާއި ބޭރަށް ހިނގުމުގެ ބަލި އިތުރުވެފައިވާތީ އެޗްޕީއޭއިން ވަނީ ބަލިތަކުން ރައްކާތެރިވުމުގެ ފިޔަވަޅު އެޅުމަށް އިލްތިމާސް ކޮށްފައެވެ.

comment ކޮމެންޓް