ޝަވަންއަށް ފައެއް ޖަހައިދޭން އެންސްޕާއިން ނިންމައިފި

ޝަވަން އެއް ފަޔާއެކު ފުޓްބޯޅަ ކުޅެނީ--- ފޮޓޯ: ސޯޝަލް މީޑިއާ

އެއް ފަޔާއެކު ފުޓްބޯޅަ ކުޅުމުން އާއްމުންގެ ސަމާލުކަން ލިބުނު، ހދ. މަކުނުދޫ، އަހުމަދު ޝަވަން މުހައްމަދަށް ފައެއް ޖަހައިދޭން، ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ނިންމައިފިއެވެ.

މަކުނުދޫ ސްކޫލު ގްރޭޑް އެކެއްގައި ކިޔަވާ ޝަވަންއަކީ އުފެދުމުގައި ވެސް އެއްފައި ނެތް ކުއްޖެކެވެ. އޭނާގެ ކަނާތު ފައި އިންނަނީ ކަކުލާ ހަމައަށް އެކަންޏެވެ.

އިއްޔެ އެ ސްކޫލުން ބޭއްވި ފުޓްބޯޅަ މުބާރާތެއްގައި ޝަވަން ކުޅޭތައް ފެންނަ ވީޑިއޯއާއި ފޮޓޯ ސޯޝަލް މީޑިއާގައި ދައުވާން ފެށުމާއެކު ނޫސްތަކާއި އާއްމުންގެ ސަމާލު ކަމަށް އެކަން އައެވެ. އެއާއެކު މިވަނީ އެ އާއިލާއަށް އުފާވެރިކަން ލިބިފައެވެ.

https://sun.mv/170162

ވަރަށް އުފަލުން ހުރެ ޝަވަންގެ މަންމަ، އައިޝަތު ވިޝާ "ސަން"އަށް މިއަދު ބުނީ އެންސްޕާއިން ގުޅައި ޝަވަންއަށް އާޓިފިޝަލް ފައެއް ޖަހައިދޭނެކަން މިއަދު އަންގާފައިވާ ކަމަށެވެ. އެކަން ކުރަމުން އަންނަނީ އެންސްޕާއާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީގެ އިތުރުން މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ގުޅިގެން ކަމަށް ވިޝާ ބުންޏެވެ.

"އަޅުގަނޑު ގާތު ބުނީ ޑޮކިއުމެންޓްތައް ފޮނުވަން، އޭރުން ފައި ޖަހައިދޭނެ ކަމަށް. މިހާރު ވެއްޖެ ހުރިހާ ޑޮކިއުމެންޓެއް ފޮނުވާފައި،" ވިޝާ ބުންޏެވެ.

ވިޝާ ބުނީ މިއީ އެ މީހުން ވަރަށް އެދިގެން ހުރި ކަމެއް ކަމަށާއި އެކަން ނުވެ އޮތީ ފައިސާގެ ދަތިކަމާ ހެދި ކަމަށެވެ.

"ވަރަށް އުއްމީދު ކުރި ކަމެއް މިއީ. މާލީ ހާލަތު ހުރިގޮތުން ނުވެފައި ހުރީ. ވަރަށް އުފާވެއްޖެ މިއަދު،" ވިޝާ ބުންޏެވެ.

ޔޫތު މިނިސްޓަރު އަޙްމަދު މަހުލޫފް ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބައިނަލްއަގްވާމީ ކުޅިވަރުގެ މައިދާނުގައި ވާދަކުރުމުގެ ފުރުސަތު މިއަދު ވަނީ ފަހިކޮށްދެވިފައި ކަމަށެވެ.

އެހެންކަމުން ޝަވަން ކުޅިވަރު ކުޅުމަށް ބޭނުން ވާނެ ޕްރޮސްތެޓިކް ފަަޔެއް ނުވަތަ ރަނިން ބްލޭޑެއް ހޯދައިދެއްވާނެ ކަމަށް މަހުލޫފް ވިދާޅުވިއެވެ.

އާޓިފިޝަލް ފައި ޖަހައިގެން އާއްމު އިންސާނުން އުޅޭހެން އުޅެވެއެވެ. އަދި އާޓިފިޝަލް ފައި ޖަހައިގެން ވާދަވެރި ކުޅިވަރުތައް ކުޅޭ އެތްރީޓުން ވެސް ދުނިޔޭގެ އެކި ހިސާބުތަކުގައި އުޅެއެވެ.

އެއް ފަޔާއެކު ޝަވަން ދެއްކި ހިތްވަރަށް ގިނަ ބައެއްގެ ތައުރީފް ވަނީ ލިބިފައެވެ.

comment ކޮމެންޓް