ކޮޕް ސަމިޓަށް ފަހު ނަޝީދު އިޓަލީއަށް

ރައްޔިތިން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު: މިސްރު ދަތުރަށްފަހު ވަޑައިގަންނަވާނީ އިޓަލީއަަށް --- ފޮޓޯ/ މަޖިލިސް

މިސްރުގެ ޝަރްމުއްޝައިޚްގައި ބާއްވާ އދ.ގެ މި އަހަރުގެ ކުލައިމެޓް ޗޭންޖް ކޮންފަރެންސް (ކޮޕް 27)ގައި ސްރީލަންކާ ތަމްސީލް ކުރެއްވުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރަސްމީ ދަތުރުފުޅެއްގައި އިޓަލީގެ ރޯމަށް ވަޑައިގަތުމަށް ނިންމަވައިފިއެވެ.

ހަ ދުވަހުގެ ކޮޕް 27 ސަމިޓް ނިންމަވާލެއްވުމަށްފަހު މިސްރުން މިއަދު ރައީސް ނަޝީދު ވަޑައިގަންނަވާނީ އިޓަލީއަށެވެ.

އެކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުން ބުނީ، ނަޝީދުގެ އެ ދަތުރުފުޅަކީ ހެބިޓަބަލް ޕްރޮޖެކްޓްގެ އެނުއަލް ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.

އެ ޕްރޮޖެކްޓްގެ މަގުސަދަކީ މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ އަސަރުތަކާއި ހިޖުރަކުރުމާއި ޑިސްޕްލޭސްމަންޓް ޕެޓާންސްއާ ދެމެދު އޮންނަ ގުޅުންތައް ދެނެގަތުމަށް ކުރިއަށްއޮތް ތަނުގައި އަންނާނެ ބަދަލުތައް ލަފާކުރުން ކަމަށް މަޖިލީހުގެ އިދާރާއިން ބުންޏެވެ.

ހަތަރު އަހަރަށް ދެމިގެންދާ އެ ޕްރޮޖެކްޓްގައި 17 ގައުމަކުން 21 ބައިވެރިން ބައިވެރިވާނެއެވެ. އެ ކޮންފަރެންސްގައި ހެބިޓަބަލް ޕްރޮޖެކްޓްގެ ހުރިހާ ބައިވެރިން އެއްވެ ޕްރޮޖެކްޓް ހިންގުމާ ބެހޭ ގޮތުން މަޝްވަރާކޮށް ނަތީޖާތައް ހުށަހަޅާނެއެވެ.

ނަޝީދަކީ ހެބިޓަބަލް ޕްރޮޖެކްޓްގެ އެޑްވައިޒަރީ ބޯޑް މެންބަރެކެވެ. އަދި އެ ދަތުރުފުޅާ ގުޅޭ ހުރިހާ ޚަރަދެއް ކުރުމަށް ހަމަޖެހިފައިވަނީ ވެސް ހެބިޓޭބަލް ޕްރޮޖެކްޓްގެ ކޯޑިނޭޓަރެއްގެ ހައިސިއްޔަތުން ޔުނުވަސިޓީ އޮފް ލީޖްގެ ފަރާތުން ކަމަށް މަޖިލީހުގެ އިދާރާ އިން ބުންޏެވެ.

comment ކޮމެންޓް