މަރުތަކާ ގުޅިފައިވާ 84 ޕަސެންޓު ބަލި ސިއްހީ ނުރަނގަޅު އާދަތަކުން، މަންޒަރު ބިރުވެރި

މާޗް 23، 2020: "ރީފް ވޮޗް 2" ނަމަކަށް ކިއާ ދޯންޏަކުން ބަލި މީހަކު ބާލުވައި ޓްރީ ޓޮޕް ހޮސްޕިޓަލްއަށް ގެންދިއުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގައި މަރުތަކާ ގުޅިފައިވާ ބަލިތަކުގެ 84 ޕަސެންޓު ބައްޔަކީ ސިއްހީ ނުރަނގަޅު އާދަތަކުގެ ސަބަބުން ޖެހޭ ބަލިތައްކަން އެއް އަހަރުގެ މުއްދަތަކަށް ހެލްތު މިނިސްޓްރީން ކުރިއަށް ގެންދިޔަ ސްޓެޕްސް ސާވޭއިން ހާމަވެއްޖެއެވެ.

ސްޓެޕްސް ސާވޭ ކުރިއަށް ގެންދިޔައީ 15 އަހަރާއި 69 އަހަރާ ދެމެދުގެ އުމުރު ފުރައިގެ މީހުންގެ މެދުގައެވެ. ޑަބްލިއުއެޗްއޯގެ އެހީތެެރިކަމާ އެކު އެ ސާވޭގެ މަސައްކަތް ކުރީ ގައުމީ ޔުނިވާސިޓީއާއި ސިއްހީ ދާއިރާގެ މަސައްކަތްތެރިންނެވެ.

އެ ދިރާސާގެ ނަތީޖާ ދައްކާ ގޮތުން ރާއްޖޭގެ މަރުތަކަށް މަގުފަހިވާ ބަލިތަކުގެ ތެރެއިން 84 ޕަސެންޓު ބައްޔަކީ ދުޅަހެޔޮ ދިރިއުޅުމަކާ ދުރުހެލިވުމުން ޖެހޭ ބަލިތަކެވެ. އެ ބަލިތަކުގެ ތެރޭގައި ހިތުގެ ބައްޔާއި، ކެންސަރާއި، ސްޓްރޯކުގެ އިތުރުން ފުއްޕާމޭގެ ދާއިމީ ބަލިތައް ހިމެނެއެވެ. ހަމައެއާއެކު ހަކުރުބައްޔާއި، ކިޑްނީގެ ބަލިތަކާއި، ނަފްސާނީ ބަލިތައް ވެސް ހިމެނެއެވެ.

ސެޓެޕްސް ދިރާސާގައިވާ ގޮތުން ރާއްޖޭގެ އާބާދީގެ ކޮންމެ ހަތަރު މީހަކުން އެކަކު ދުންފަތުގެ އިސްތިއުމާލު ކުރެއެވެ. އެއީ އާބާދީގެ 25.7 ޕަސެންޓެވެ. އެ އަދަދު ދެ ޖިންސަށް ބަހާލާއިރު އެންމެ ގިނައިން ދުންފަތުގެ އިސްތިއުމާލު ކުރަނީ ފިރިހެނުންނެވެ. އެއީ 35.6 ޕަސެންޓެވެ. ބާކީ 7.6 ޕަސެންޓު ހިއްސާކުރަނީ އަންހެނުންނެވެ.

ދުންފަތުގެ އިސްތިއުމާލުކުރަން ރާއްޖޭގައި ފަށަނީ ކަންބޮޑުވާންޖެހޭ ފަދަ ޅަ އުމުރެއްގައެވެ. އެެގޮތުން އުމުރުން އެންމެ އަށް އަހަރަކީ އެކަން ފަށާ އުމުރުކަން އެ ސާވޭއިންވަނީ ހާމަވެފައެވެ.

ފިހާރައެއްގައި ވިއްކަން ހުރި ސިނގިރެޓް ފޮށިތަކެއް ---

ރާއްޖޭގެ އާބާދީގެ 80 ޕަސެންޓު މީހުން ދުފުމުގެ ބާވާތްތައް ބޭނުންކުރާއިރު އޭގެ ތެރެއިން ގިނަ މީހުންނަކީ ކޮންމެ ދުވަހަކު ވެސް ދުފާ މީހުންނެވެ.

މަސްތުވާތަކެއްޗާއި ބަނގުރާ ބޭނުންކުރާ މީހުންގެ އަދަދު ވެސް ވަނީ އެ ދިރާސާއިން ހާމަވެފައެވެ.

އެ ދިރާސާ ބުނާގޮތުން ރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް 5،900 މީހުން ބަނގުރާ ބޭނުންކުރެއެވެ. މީގެ ތެރެއިން ކޮންމެ ހަތަރު މީހަކުން އެކަކު އެއީ ކޮންމެ ދުވަހަކު ބަނގުރާ ބޭނުންކުރާ މީހުންނެވެ. އާބާދީގެ 26.5 ޕަސެންޓު މީހުން މަސްތުވާތަކެތި ބޭނުންކުރެއެވެ. ނަމަވެސް ކޮންމެ ދުވަހަކު އެ ބޭނުންކުރަނީ ވަރަށް މަދު ބައެކެވެ.

ދިރާސާގައިވާ ގޮތުން ރާއްޖޭގެ އާބާދީގެ ކޮންމެ ފަސް މީހަކުން ދެ މީހުންނަކީ ލޮނު ހިމެނޭ ސޯސް ކެއުމުގައި ބޭނުންކުރާ މީހުންނެވެ. އަދި ކޮންމެ ފަސް މީހަކުން އެކަކު ކެއުމުގައި އިތުރަށް ލޮނު އަޅައެވެ. އަދި ރާއްޖޭގެ އާބާދީގެ 54 ޕަސެންޓު މީހުން، ލޮނު ގިނައިން ހުންނަ ޕްރޮސެސްކުރި ކާނާ ކާކަން ވަނީ އެނގިފައެވެ.

ޖޫން 16، 2020: ކަސްރަތުކޮށް ދުވަން މީހުން ނިކުތުން -- ސަަން ފޮޓޯ/ ފަޔާޒު މޫސާ
ސްޓެޕްސް ދިރާސާގައިވަނީ ރާއްޖޭގެ އާބާދީގެ 65 ޕަސެންޓް މީހުން ކަސްރަތު ލިބޭ ކޮންމެ ވެސް ހަރަކާތެއްގައި ބައިވެރިވާކަމަށެވެ. ނަމަވެސް އާބާދީގެ 52.1 ޕަސެންޓު މީހުންނަކީ ސިއްހީ ގޮތުން އިސްކޮޅާ އެކަށީގެން ނުވާ ވަރަށް ފަލަ މީހުންނެވެ.

އޭގެ ތެރެއިން 58 ޕަސެންޓަކީ އަންހެނުންނެވެ. ބާކީ 46.3 މީހުންނަކީ ފިރިހެނުންނެވެ. ރާއްޖޭގައި އޮބީސިޓީ އެންމެ ގިނައީ އަންހެނުންގެ ތެރޭގައެވެ. އެގޮތުން އަންހެނުންގެ 20 ޕަސެންޓު މީހުންނަކީ ސިއްހީ މިންގަނޑުން ބަލާއިރު އާދަޔާ ހިލާފަށް ފަލަ ނުވަތަ އޮބީސް މީހުންނެވެ.

ނަފްސާނީ މައްސަލަތައް ވެސް ރާއްޖޭގައި އާންމުވެ ގިނަވަމުން އަންނަކަން އެ ދިރާސާއިން ވަނީ ހާމަވެފައެވެ. އެގޮތުން އާބާދީގެ ކޮންމެ 20 މީހަކުން އެކަކަކީ އަމިއްލަށް ނަފްސަށް ގެއްލުން ދިނުމަށް ވިސްނާފައިވާ މީހެއްކަންވަނީ ހާމަވެފައެވެ. އަދި ގާތްގަނޑަކަށް ކޮންމެ ފަސް މީހަކުން އެކަކަށް ޑިޕްރެޝަން އިހުސާސް ކުރެވޭކަމަށް ވެސްވެއެވެ.

މި ސާވޭގެ ނަތީޖާ އިއުލާންކުރީ ރޭ ދަރުބާރުގޭގައި އޮތް ހާއްސަ ރަސްމިއްޔާތެއްގައެވެ.

comment ކޮމެންޓް