މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރުމަށް ބައިނަލްއަގްވާމީ މުޖްތަމައުއިން އެކަށީގެންވާ ފިޔަވަޅެއް ނާޅާ: ނައިބު ރައީސް

ނައިބު ރައީސް ފައިސަލް ނަސީމް--- ފޮޓޯ/ ރައީސް އޮފީސް

ވަރަށް ނާޒުކު ހާލަތެއްގައި ތިބި ގައުމުތައް ކޮޕް27 ސަމިޓުގައި ބައިވެރިވެފައި ވަނީ ބައިނަލްއަގްވާމީ މުޖުތަމައުއިން މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރުމަށް އެކަށީގެންވާ ފިޔަވަޅެއް ނޭޅުމުގެ ނަތީޖާއެއްގެ ގޮތުންކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު އެހެން ވިދާޅުވީ ކޮޕް27ގެ ހަވާސާގައި ބޭއްވި ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް) އާއި ދަ ވަލްނަރަބަލް ޓްވެންޓީ (ވީ20) ކްލައިމެޓް ޕްރޮސްޕެރިޓީ ޕްލޭންސް ފްލެގްޝިޕް ހަރަކާތުގައި ތަގުރީރު ކުރައްވަމުންނެވެ.

ނައިބު ރައީސް ވިދާޅުވީ ކްލައިމެޓް ޕްރޮސްޕެރިޓީ ޕްލޭން (ސީޕީޕީ) ގައި ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލްކުރުމަށް ބައިނަލްއަގްވާމީ މުޖުތަމަޢުން ދިވެހިރާއްޖެއާ ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

އެމަނިކުފާނު ވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ އެކި ރަށްތަކަށާއި، އެހެނިހެން ގައުމުތަކަށް ކުރަމުންދާ ނޭދެވޭ އަސަރުތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން އެމަނިކުފާނު ވަނީ ވަރަށް ނާޒުކު ހާލަތެއްގައި ތިބި ޤައުމުތައް މި ސަމިޓުގައި ބައިވެރިވެފައި ވަނީ ބައިނަލްއަޤްވާމީ މުޖުތަމަޢުން މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރުމަށް އެކަށީގެންވާ ފިޔަވަޅެއް ނޭޅުމުގެ ނަތީޖާއެއްގެ ގޮތުންކަން ފާހަގަކުރައްވާފައެވެ. އަދި އެފަދަ ގައުމުތަކުން އެދެނީ ހަމައެކަނި އެގައުމުތައް ނެތި ދިއުމުން ސަލާމަތްވާނެ ވަރަށްވުރެ އިތުރަށް އެހީތެރިކަން ފޯރުކޮށްދިނުމަށްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ނާޒުކު ހާލަތެއްގައި ތިބި ގައުމުތަކަށް ވެސް ކުރިއެރުމާއި، ތަނަވަސްކަމާއި، އަދި އެ ގައުމުތަކުގެ ރައްޔިތުންނަށް ބޭނުންވާ ތަނަވަސްކަން ކަށަވަރުކޮށްދިނުން އެއީ އެރައްޔިތުންނަށް ލިބެންވާނެ ހައްގެއްކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ސީޕީޕީއަކީ އިންވެސްޓްމަންޓް އިންސްޓްރޫމަންޓެއްގެ ގޮތުގައިއާއި، އަދި މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ބޭނުންވާ ފައިސާ ހޯދުމަށް ބޭނުންކުރެވޭނެ އެއްޗެއް ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ޕްރޮސްޕެރިޓީ ޕްލޭނަކީ މޫސުމީ ބަދަލުތަކުން ކުރިމަތިވާ ގޮންޖެހުންތައް، ގައުމުގެ ކުރިއެރުމަށާއި ތަރައްގީއަށް ހުޅުވާލެވޭ ފުރުސަތަކަށް ހެދުމަށްޓަކައި މަސައްކަތް ކުރެވިދާނެ ކަމެއްކަން ފާހަގަކުރައްވާފައެވެ.

އެ ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ވަނީ ރާއްޖޭގެ ނޭޝަނަލް ކްލައިމެޓް ޕްރޮސްޕެރިޓީ ޕްލޭންގެ މައުލޫމާތު ސީވީއެފްގެ މެންބަރުންނާ ހިއްސާ ކުރައްވާފައެވެ. އެ ޕްލޭންގައި ކަނޑުގެ ލޮނުގަނޑު އުފުލުން މެނޭޖްކުރުމަށާއި، ރާއްޖޭގެ ފަރުތަކާއި ދިރުންތައް ހިމާޔަތްކުރާނެ ގޮތުގެ ތަފްސީލު ހިމަނާފައިވެއެވެ. އަދި ރާއްޖޭގެ ރަށްތަކާއި މާލެއާ ގުޅާލެވިފައިވާ ސިސްޓަމެއްގެ ތެރެއިން އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްގެންދެވޭނެ މަގުވެސް ސީޕީޕީގެ ތެރެއިން ފަހިވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނު ވަނީ، ކާމިޔާބު ފަހި ގޮތްތަކެއް ހޯދުމުގައި ކަމާގުޅުންހުރި މުހިންމު ހުރިހާ ފަރާތްތަކެއްގެ ހިއްސާއާއި އެހީތެރިކަން ބޭނުންވާނެކަމުގައި ވިދާޅުވެފައެވެ. އަދި ރާއްޖެއިން އުންމީދު ކުރަނީ ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ސީޕީޕީ އެކުލަވާލުމުގެ މަސައްކަތް ނިންމައި، ވީހާވެސް އަވަހަކަށް އެކަން ތަންފީޒު ކުރެވޭނެ މަގެއް ހޯދުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން އެކަން ކުރުމަށްޓަކައި ފުރިހަމަ އެއްބާރުލުމާއި، މާލީ އެހީތެރިކަން ލިބުން މުހިންމުކަމުގައި ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

comment ކޮމެންޓް