މިއަދު މުޅި ޝަރުއީ ދާއިރާ އޮތީ އެމްޑީޕީގެ މުށުތެރޭގައި: ޔާމީން

"އަފިރިން ޔާމީން" ޖަލްސާގައި ރައީސް ޔާމީނު ވާހަކަދައްކަވަނީ-- ފޮޓޯ/ޕީޕީއެމް

ޕީޕީއެމްގެ ވެރިކަމުގައި ޝަރުއީ ނިޒާމަށް ނުފޫޒު ފޯރުވިއޭ ބުނާއިރު، މިއަދު މުޅި ޝަރުއީ ދާއިރާ އޮތީ އެމްޑީޕީގެ މުށުތެރޭގައިކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

އައްޑޫސިޓީގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހިތަދުއަށް ވަޑައިގެން ރޭ ބޭއްވި "އަފިރިން ޔާމީން" ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޔާމީން ވިދާޅުވީ، އަދުލު އިންސާފުގެ ދާއިރާ މިނިވަންކުރުމަށް އެންމެބޮޑަށް ވަކާލާތުކުރާ އެމްޑީޕީގެ އަމަލުތައް މިއަދު ފެންނަނީ ދިމާ އިދިކޮޅަށް ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، އަދުގެ ސަރުކާރުން ޝަރުއީ ދާއިރާ ހައިޖެކް ކޮށްފައިވާކަމަށާއި ކޯޓުތަކުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވައި އެމީހުން ރަހީނުކޮށްފައިވާކަމަށެވެ. އެމަނިކުފާނުގެ ވެރިކަމުގައި ޖުޑީޝަލް ސާވިސް ކޮމިޝަން އެމަނިކުފާނުގެ އަތްދަށުލާފައިވާ ކަމަށް ބުނެ އެމްޑީޕީން ވަރަށްބޮޑަށް ފާޑު ކިޔާފައިވާކަމަށް ޔާމީން ވިދާޅުވިއެވެ.

"މިހާރު ޖޭއެސްސީ އޮތީ ކިހިނެތްތޯ؟ ކުރިއަށްވުރެ މާ ބޮޑަށްވެސް ބާރު ގަދަކޮށް ޖޭއެސްސީގެ ހުރިހާ ބާރެއް މިހާރުއޮތީ އެމްޑީޕީގެ ބާރުގެ ދަށުގައި. ހުރިހާ ފަނޑިޔާރުންނަށް ބިރުދައްކައި އެމީހުން އެތިބީ ރަހީނުކޮށްފައި،" ޔާމީން ވިދާޅުވިއެވެ.

ހިތަދޫގައި ބޭއްވި "އަފިރިން ޔާމީން" ޖަލްސާ --- ފޮޓޯ/ ޕީޕީއެމް

ޔާމީން ވިދާޅުވީ އަދުލު އިންސާފުގެ ދާއިރާ މިނިވަންކޮށް ހަރުދަނާކުރަން ވަކާލާތުކުރަމުން އައި ބަޔަކު ޖޭއެސްސީއަށް ބަދަލުގެނެސް މުށުތެރެއަށް ލުމުން ދޭހަވަނީ އެމްޑީޕީގައި ހެޔޮނިޔަތުގައި ކަމެއް ކުރުމުގެ ކެރިފޯރުންތެރިކަން ނެތްކަން ކަމަށެވެ.

ފުލުހުންގެ މުއައްސަސާ މިހާރު ހިންގަމުން އަންނަގޮތަށް ޔާމީން ވަނީ ވަރަށްބޮޑަށް ފާޑުވިދާޅުވެފައެވެ. އެމަނިކުފާނު ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްގެ ޅިޔަނެއް ފުލުހުންގެ މުއައްސަސާއަށް ލައިގެން މުޅި ފުލުހުންގެ މުއައްސާ ސިޔާސީކޮށްފައިވާކަމަށެވެ. އެގޮތުން ފުލުހުން ކުރާ ތަހުޤީގުތަކުން މިއަދު ހާމަވަނީ ވަކި ބަޔަކަށް މަންފާވާގޮތަށް ކަންކަން ކުރަމުން އަންނަ މަންޒަރުކަމަށް ޔާމީން ވިދާޅުވިއެވެ.

ހިތަދޫގައި ބޭއްވި "އަފިރިން ޔާމީން" ޖަލްސާ --- ފޮޓޯ/ ޕީޕީއެމް

ފުލުހުންގެ މުއައްސަސާއަށް ފާޑުވިދާޅުވެ ޔާމީން ވާހަކަފުޅުދައްކަވާފައިވާއިރު، ބައެއް ކަހަލަ ހައްސާސް މައްސަލަތަކާއި ސިޔާސީ މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ މީހުންނާމެދު ފުލުހުން އަމަލުކުރަމުން އަންނަގޮތް އިންސާފުގެ ހަމަތަކުން އެއްކިބާ ވެފައިވާކަމަށް ޔާމިން އަންނަނީ ތުހުމަތު ކުރައްވަމުންނެވެ.

އެގޮތުން ފުލުހުންގެ އިހުމާލުން މަރުވިކަމުގެ ތުހުމަތުކުރެވޭ ގދ. ހޯޑެއްދޫ، ސްވެން، އަބްދުﷲ ރަޝީދުގެ މަރުގެ މައްސަލައާއި، އޭގެ ފަހުން އެ މައްސަލައިގައި ހިނގާދިޔަ ކަންތައްތަކުގައި ރައީސް ޔާމީނު ވަނީ ފުލުހުންނަށް ވަރަށްބޮޑަށް ފާޑުވިދާޅުވެ ވާހަކަފުޅުދައްކަވައިފައެވެ.

comment ކޮމެންޓް