އިންޑިއާގެ އައިޓީ މިނިސްޓަރުގެ ފާޑުކިޔުންތައް އީލޮން މަސްކްއަށް އަމާޒުވެއްޖެ

އިންޑިއާގެ އިންފޮމޭޝަން އެންޑް ޓެކްނޮލޮޖީ (އައިޓީ) މިނިސްޓަރު އަޝްވިނީ ވައިޝްނާވް --

އިންޑިއާގެ އިންފޮމޭޝަން އެންޑް ޓެކްނޮލޮޖީ (އައިޓީ) މިނިސްޓަރު އަޝްވިނީ ވައިޝްނާވްގެ ފާޑުކިޔުން، ޓްވިޓާގެ ވެރިޔާ އީލޯން މަސްކްއަށް އަމާޒުވެއްޖެއެވެ.

ވައިޝްނަވް، މަސްކްއަށް ފާޑު ވިދާޅުވީ ޓްވިޓާގެ ޒިންމާދާރު ވަޒީފާތަކެއްގައި ތިބި އިންޑިއާއަށް ނިސްބަތްވާ މުވައްޒަފުންތަކެއް ވަކިކުރަން އީލޯން މަސްކް ނިންމުމާއި ގުޅިގެންނެވެ. ވައިޝްނަވް ވިދާޅުވީ އެމީހުންނަށް "ވަޒީފާއިން ބަދަލުވާން އިންސާފުވެރި، އެކަށީގެންވާ ވަގުތެއް" ދޭން ޖެހޭނެ ކަމަށެވެ.

ބިޒްނަސް ސްޓޭންޑަޑުން ރިޕޯޓްކުރިގޮތުގައި ވައިޝްނަވްގެ މި ފާޑުވިދާޅުވުން އައީ އިންޑިއާގެ ގާތްގަނޑަކަށް 150-180 މުވައްޒަފުން ހިމެނޭ ގޮތަށް ޓްވިޓާގެ ވަޒީފާތަކުގައި ތިބި މީހުންގެ ގާތްގަޑަކަށް ދެބައިކުޅަ އެއްބައި ވަކިކުރަން މާސްކް ނިންމުމުންނެވެ.

"ޓްވިޓާއިން މުވައްޒަފުން ވަކިކުރި ގޮތް އަޅުގަނޑުމެން ކުށްވެރިކުރަން،" ވައިޝްނަވް ވިދާޅުވިއެވެ.

ޓްވިޓާގެ މުވައްޒަފުންގެ ތެރެއިން އިންޑިއާއަށް ނިސްބަތްވާ މުވައްޒަފުން ވަޒީފާ އަދާ ކުރި ދާއިރާތަކުގެ ތެރޭގައި ސޭލްސް އިން ފެށިގެން މާކެޓިން އާއި ކޮންޓެންޓް ކިއުރޭޝަން އަދި ކޯޕަރޭޓް ކޮމިއުނިކޭޝަންސް ހިމެނޭގޮތުން އެކިއެކި ޑިޕާޓްމަންޓްތައް ހިމެނެއެވެ.

ޓްވިޓާއިން ކުއްލި ގޮތަކަށް ވަޒީފާއިން ވަކިކުރި މުވައްޒަފުންނަށް މިދިޔަ ހަފުތާގައި ވަނީ ރަސްމީ އީމެއިލްތަކާއި ޓްވިޓާގެ ސްލެކް އަދި ގްރޫޕް ޗެޓްތަކަށް އެކްސެސް ވަނީ ގެއްލިފައެވެ.

ޓްވިޓާގައި ތިބި އިންޑިއާގެ އެހެން މުވައްޒަފުން ވެސް މިހާރު ތިބީ ހާސްކަމެއްގެ ތެރޭގައެވެ. އެއީ ކުރިއަށް އޮތް ބުރުގައި އެމީހުންގެ ވަޒީފާވެސް ގެއްލިދާނެ ކަމުގެ ބިރުގައެވެ.

މަސްކް ޓްވިޓާއަށް ބޮޑެތި ބަދަލުތަކެއް ގެންނަމުންދާ އިރު އޭނާ ބުނާ ގޮތުގައި ޓްވިޓާގައި ތިބި މުވައްޒަފުންގެ ދެބައިކުޅަ އެއްބައި މީހުން ވަޒީފާއިން ވަކިކުރުން ނޫން ގޮތެއް މިވަގުތަށް ނެތެވެ. އަދި އެކަން އެގޮތަށް ކުރަންޖެހެނީ ކުންފުންޏަށް ދުވާލަކު ހަތަރު މިލިއަނަށް ވުރެ ގިނަ ޑޮލަރުގެ ގެއްލުން ލިބެމުންދާތީ ކަމަށްވެސް މަސްކް ވަނީ ހާމަކޮށްފައެވެ.

"ޓްވިޓާގެ ޚަރަދު ކުޑަކުރުން މިހާރުން މިހާރަށް ކުރިއަށް ގެންދަންޖެހޭ، ހިތާމައަކީ ކުންފުންޏަށް ދުވާލަކު ހަތަރު މިލިއަން ޑޮލަރަށް ވުރެ ބޮޑު ގެއްލުން ލިބުން، އެކަމުގައި އިތުރު އެހެން އެއްވެސް ގޮތެއް ނެތް،" މަސްކް ބުންނެވެ.

އޭނާ އިތުރަށް ބުނީ ޓްވިޓާއިން ވަކިކުރި ކޮންމެ މީހަކަށް ވެސް ތިން މަސް ދުވަހުގެ މުހުލަތެއް ހުށަހެޅި ކަމަށާއި އެއީ ގާނޫނީ ގޮތުން ލާޒިމުކުރާ ވަރަށް ވުރެ 50 ޕަސެންޓް އިތުރު އަދަދެއް ކަމަށެވެ.

comment ކޮމެންޓް