ކްރޮއޭޝިއާ ޝެންގެން ޒޯނަށް

ޔޫރަޕިއަން ޕާލިމެންޓް: އެ ޕާލިމެންޓުން ވަނީ ޝެންގެން ޒޯނަށް ކްރޮއޭޝިއާ ލުމަށް ރުހުން ދީފަ -- ފޮޓޯ/ އީޕީއޭ

ޕާސްޕޯޓް ނުލައި ދަތުރުކުރެވޭ، ދުނިޔޭގެ އެންމެ ބޮޑު ސަރަހައްދު ކަމަށްވާ ޔޫރަޕުގެ ޝެންގެން ޒޯނުގައި ކްރޮއޭޝިއާ ހިމެނުމަށް ޔޫރަޕުގެ އިއްތިހާދުގެ ގައުމުތަކުން ތާއިދުކޮށްފިއެވެ.

ޝެންގެން ޒޯނަށް ކްރޮއޭޝިއާ ލުމަށް ޔޫރަޕިއަން ޕާލިމެންޓުގެ 534 މެމްބަރުންގެ އަޣުލަބިއްޔަތުން ވަނީ ރުހުން ދީފައެވެ. އެ ބަދަލާ ދެކޮޅަށް ވޯޓު ދިނީ 53 މެންބަރުންނެވެ.

އެ ވޯޓަށް ފަހު އެކަމާ ބެހޭ ގޮތުން އެންމެ ފަހު ނިންމުން ނިންމާނީ ޔޫރަޕިއަން ކައުންސިލުންނެވެ. މިދިޔަ ޑިސެމްބަރު މަހު އެ ކައުންސިލުން ވަނީ ޝެންގެން ޒޯނުގައި ހިމެނުމަށް ފުރިހަމަވާންޖެހޭ ހުރިހައި ޝަރުތުތައް ކްރޮއޭޝިއާއިން ފުރިހަމަކޮށްފައިވާކަމަށް ބުނެފައެވެ.

އީޔޫ ކައުންސިލުގައި ހިމެނެނީ ޔޫރަޕުގެ އިއްތިހާދުގެ 27 ގައުމުގެ ލީޑަރުންނެވެ.

ޔޫރަޕުގެ 26 ގައުމުގެ މެދުގައި ޕާސްޕޯޓާ ނުލައި ދަތުރުކުރެވޭގޮތަށް އޮންނަ ޝެންގެން ޒޯނުގައި ކްރޮއޭޝިއާ ހިމެނުމަށް ޔޫރަޕުގެ ޕާލިމެންޓުން ތާއިދުކޮށްފައިވާއިރު، އީޔޫ ކައުންސިލުން އެކަން ކޮށްދޭން ޖެހޭނެކަމަށް ޕާލިމެންޓުގެ ރައީސް ރޮބާޓާ މެޓްސޮލާ ވަނީ ވިދާޅުވެފައެވެ.

ކްރޮއޭޝިއާއަކީ 1990 ވަނަ އަހަރު ޔޫގޮސްލާވިއާ ބައިބައިވެގެން ދިޔައިރު އުފެދުނު ގައުމެކެވެ. ޔޫރަޕުގެ އިއްތިހާދާ ގުޅުމަށް ކްރޮއޭޝިއާއިން 2003 ވަނަ އަހަރު އެދުނު ނަމަވެސް އެކަމަށް ހުއްދަ ލިބުނީ 2013 ވަނަ އަހަރުގައެވެ.

ޔޫރަޕުގެ އިއްތިހާދުގެ ފައިނޭންސް މިނިސްޓަރުން ވަނީ އަންނަ އަހަރުން ފެށިގެން ކްރޮއޭޝިއާގެ ރަސްމީ ފައިސާގެ ގޮތުގައި ޔޫރޯ ބޭނުންކުރުމުގެ ހުއްދަ ދެއްވާފައެވެ.

comment ކޮމެންޓް