ޔާމީން މައްސަލައިގައި ނިހާނަށް ފިޔަވަޅު އަޅަނީ

އދ. މާމިގިލީ ކޯޓުގެ އިސް މެޖިސްޓްރޭޓް އަހްމަދު ނިހާން ---- ސަން ފޮޓޯ: ޔޫސުފް ސޮފްވާން

ސައްޙަ ނޫން ކޯޓު އަމުރެއް ނެރެގެން ގާނޫނާ ޚިލާފަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ހައްޔަރުކުރަން އުޅުނު ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި އދ. މާމިގިލީ ކޯޓުގެ އިސް މެޖިސްޓްރޭޓް، އަޙްމަދު ނިހާނަށް ފިޔަވަޅު އަޅަން، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީން) ނިންމައިފިއެވެ.

ގާނޫނާ ޚިލާފަށް ޔާމީން ހައްޔަރު ކުރަން އުޅުނު ކަން ސާބިތުވެ ނިހާން 17 އަރަށް ޖަލަށްލުމަށް 2016 ވަނަ އަހަރު ކްރިމިނަލް ކޯޓުން ހުކުމް ކުރި ނަމަވެސް 2018 ވަނަ އަހަރު ހައި ކޯޓުން އެ ހުކުމް ބާތިލް ކޮށް އޭނާ ވަނީ މިނިވަން ކޮށްފައެވެ.

ހައިކޯޓުގައި ބޭއްވި އިސްތިއުނާފު އަޑު އެހުމުގައި ނިހާންގެ މައްޗަށް ކޮށްފައިވާ ހުކުމް ބާތިލް ކުރުމަށް ނިންމީ އެ ހުކުމަކީ ޝަރުއީ އަދި ގާނޫނީ އުސޫލްތަކާ ޚިލާފަށް ކޮށްފައިވާ ހުކުމެއް ކަމަށް ކަނޑައެޅުމަށްފަހުއެވެ.

ނިހާންގެ މައްޗަށް ދައުވާ ސާބިތު ނުވާކަމަށް ކޮށްފައިވާ ހުކުމުގައި ބުނެފައިވަނީ، ޔާމީން ފޮރުވަން ނުވަތަ ރަހީނުކުރުމަށް ކުރި ކަމެއް ފެންނަން ނެތް ކަމަށެވެ. އަދި އެކަމުގައި ނިހާން ބައިވެރިވެފައިވަނީ ކޮން އަމަލަކުން، ކޮން ގޮތަކުންކަން ވެސް އެގެން އޮންނަން ޖެހޭނެ ކަމަށް ހުކުމުގައި ވެއެވެ.

ދައުލަތުގެ ފަރާތުން ބުނާފަދަ ކޯޓު އަމުރެއް ނިހާން ތައްޔާރުކޮށްފައި ނުވާކަން ދައުލަތުގެ ފަރާތުން ހުށަހެޅި ހެކިންގެ ހެކިބަހަށާއި ކިތާބީ ހެއްކަށް ބެލުމުން އެނގެން އޮންނަ ކަމަށް ވެސް ހުކުމުގައި ވެއެވެ.

އެ މައްސަލައާ ގުޅިގެން ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ނިހާންއާ ގުޅޭގޮތުން އެ ކޮމިޝަނަށް ހުށަހެޅުނު މައްސަލައެއް ތަހުގީގުކުރެވި ތައްޔާރުކުރެވުނު ރިޕޯޓް މިދިޔަ ބުދަ ދުވަހު ބޭއްވި އެ ކޮމިޝަންގެ ޖަލްސާގައި ފާސް ކޮށްފައިވާ ކަމަށެވެ.

އެ މައްސަލާގައި ނިންމާފައި ވަނީ، ފުލުހުންގެ ބަޔަކު އާއްމުންގެ މީހަކާއެކު އދ. މާމިގިލީ މެޖިސްޓްރޭޓް ކޯޓަށް ގޮސް ކޯޓު އަމުރެއް ހޯދުމަށް މަސައްކަތްކުރިއިރު ފުލުހުންނާއެކު ދިޔަ އާއްމުންގެ މީހާއަށް އަމުރާ ގުޅޭގޮތުން ފަނޑިޔާރާ މުއާމަލާތުކުރުމުގެ ފުރުސަތު ނިހާން ދީފައިވާކަން ސާބިތުވާކަމަށެވެ.

ނިހާންގެ އެ އަމަލަކީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ 1.7 އަދި 3.1 އާ ޚިލާފަށް އޭނާ ކޮށްފައިވާ އަމަލެއްކަމަށްވާތީ، ޖުޑީޝަލް ސާވިސް ކޮމިޝަންގެ ގާނޫނުގެ 1-32 ވަނަ މާއްދާގެ (ހ)ގެ (1) ވަނަ ނަންބަރުގެ ދަށުން، ނިހާންއަށް ނަސޭހަތް ދިނުމާއެކު ކޮމިޝަނުން ކަނޑައަޅާ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކުރުމަށް އެންގުމުގެ ފިޔަވަޅު އެޅުމަށް ފެންނަ ކަމަށް ކޮމިޝަނުން ވަނީ ނިންމާފައެވެ.

އެ މައްސަލާގައި ކުރީގެ ޕީޖީ މުހުތާޒު މުހުސިނަށް ވެސް 17 އަހަރުގެ ޖަލު ހުކުމެއް އިއްވިއެވެ. މުހުތާޒަށް އިއްވި ހުކުމް ވެސް ހައިކޯޓުން ވަނީ ބާތިލްކޮށްފައެވެ.

comment ކޮމެންޓް