ބައި އިލެކްޝަންތައް ބާއްވާނީ އަހަރަކު އެއް ފަހަރު ކަމަށް ބުނާ ބިލު ބޭރުކޮށްލައިފި

ބައި އިލެކްޝަނެއްގެ ވޯޓު ގުނުން ކުރިއައްދަނީ -- ސަންފޮޓޯ/ ނާއިލް ހުސައިން

ލޯކަލް ކައުންސިލެއްގެ ހުސްވެފައިވާ ގޮނޑިއަށް މެންބަރުން އިންތިޚާބު ކުރަން ބާއްވާ ބައި އިލެކްޝަން ބާއްވަން ވާނީ އަހަރަކު އެއް ފަހަރު ކަމަށް ބުނެ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލު ރައްޔިތުންގެ މަޖިލީހުން ބޭރުކޮށްލައިފިއެވެ.

އެ ބިލު ސަރުކާރުގެ ފަރާތުން ހުށަހަޅުއްވާފައިވަނީ ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢަބްދުالله ޝަފީގެވެ. އެ ބިލުގެ މަގްސަދެއް ކަމަށް ބުނެފައިވަނީ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ހުސްވާ ގޮނޑިއަށް މެންބަރުން އިންތިޚާބު ކުރަން ބާއްވާ ބައި އިލެކްޝަން ބޭއްވުމުގައި މިހާރު ކަނޑައަޅާފައިވާ 60 ދުވަސް ބަދަލު ކުރުން ކަމަށެވެ.

އެގޮތުން 60 ދުވަހުގެ ބަދަލުގައި އެ ބައި އިލެކްޝަންތައް ދެން ބާއްވާނީ އެއިން ކޮމިޓީއެއްގެ ގޮނޑި ހުސްވިކަން އަންގާތާ ގިނަވެގެން 365 ދުވަހުގެ ތެރޭގައި ކަން ބިލުގައި ފާހަގަ ކޮށްފައިވެއެވެ. ބިލުގައި ބަޔާން ކޮށްފައިވާ ގޮތުން ދެ ބައި އިލެކްޝަންގެ ދެމެދުގައި ހޭދަވާ މުއްދަތު 300 ދުވަހަށް ވުރެ މަދު ވެގެން ނުވާނެއެވެ.

އެ ބިލު ދިރާސާ ކޮށްފައިވަނީ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީންނެވެ. ބިލު ދިރާސާ ކުރުމަށްފަހު ކޮމިޓީން ވަނީ ކައުންސިލްތަކުގެ ހުސްވާ ގޮނޑިއަށް މެމްބަރުން އިންތިޚާބު ކުރުމަށް ބާއްވަންޖެހޭ ބައި އިލެކްޝަން ބޭއްވުމާ ގުޅޭ މާއްދާތަކަށް އިސްލާހު ގެނައުން އެއީ މިވަގުތަށް މުހިއްމު ކަމެއް ނޫން ކަމަށް ނިންމާފައެވެ. ވުމާއެކު ބިލު ފާސް ނުކުރުމަށް ކޮމިޓީން ވަނީ ނިންމާފައެވެ.

އެކަން ފާސް ކުރުމަށް މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވޯޓަށް އަހާފައިވެއެވެ. އެކަމަށްޓަކައި ނެގުނު ވޯޓުގައި ބައިވެރިވެވަޑައިންނެވި 50 މެމްބަރުންގެ ތެރެއިން 48 މެމްބަރުންގެ އަޣުލަބިއްޔަތުން ބިލު ފާސް ކުރުމަށް ނުފެންނަ ކަމަށް ފާސްކޮށްފައިވެއެވެ.

އެއަށްފަހު ބިލު އަނބުރާ ކޮމިޓީއަށް ފޮނުވުމާ ގުޅޭ ގޮތުން ވެސް މިއަދު ވޯޓަށް އަހާފައިވެއެވެ. ނަމަވެސް އެ ބިލު އަނބުރާ ކޮމިޓީއަށް ފޮނުވަން ނުފެންނަ ކަމަށް ވޯޓުގައި ބައިވެރިވެވަޑައިންނެވި 50 މެމްބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ.

comment ކޮމެންޓް