ލަންކާ ތަމްސީލު ކުރައްވަން ނަޝީދު ވަޑައިގަތުން މުނައްވަރު ސިފަކުރެއްވީ ގައުމަށް ޚިޔާނަތްތެރިވެ ވަޑައިގަތުން ކަމަށް

ޑރ. މުނައްވަރު ނޫސްވެރިންގެ ބައްދަލުވުމެއްގައި: އޭނާ ވަނީ ނަޝީދު މަގާމުން ވަކިކުރެއްވުމަށް ގޮވާލައްވާފައި --- ސަން ފޮޓޯ/ އިބްރާހީމް ޝަމްވީލް

މިސްރުގެ ޝަރްމުއްޝައިޚްގައި ބާއްވާ އދ.ގެ މި އަހަރުގެ ކުލައިމެޓް ޗޭންޖް ކޮންފަރެންސް (ކޮޕް 27)ގައި ސްރީލަންކާ ތަމްސީލް ކުރެއްވުމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަޑައިގަތުމަކީ ދިވެހި ގައުމަށްވި ޚިޔާނާތެއް ކަމަށް ކުރީގެ އެޓާނީ ޖެނެރަލް ޑރ. މުޙައްމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.

އިއްޔެ އިން ފެށިގެން އަންނަ ބުދަ ދުވަހުގެ ނިޔަލަށް ނަޝީދު މިސްރަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި އެމަނިކުފާނު ކޮޕް27ގައި ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވަނީ ޑިމޮކްރޮޓިކް ސޯޝަލިސްޓް ރިޕަބްލިކް އޮފް ސްރީލަންކާގެ ގައުމީ ވަފުދުގެ މެމްބަރެއްގެ ގޮތުގައެވެ.

އެކަމާ ގުޅިގެން 'ސަން' އާ ވާހަކަދައްކަވަމުން މުނައްވަރު ވިދާޅުވީ ރާއްޖޭގެ ތިން ބާރުގެ ތެރެއިން ގާނޫނު ހަދާ ބާރުގެ އެންމެ އިސްވެރިޔާ އެހެން ގައުމެއް ތަމްސީލް ކުރެއްވުމަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަކީ ލަދުވެތި ކަމެއް ކަމަށެވެ.

"ދިވެހި ދައުލަތަށް ޚިޔާނާތްތެރިވެވޭނެ އެހެން ގޮތެއް ކިޔައިދެއްވަ ބައްލަވާ މިއަށްވުރެ ބޮޑަށް. އެހެން ގައުމެއް ތަމްސީލްކުރަން މިދިޔައީ އަޅުގަނޑުމެންގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް. އަޖައިބެއް ނޫން ތޯ," މުނައްވަރު ވިދާޅުވިއެވެ.

ނަޝީދަށް މުސާރަ އާއި ހިމަޔާތް ދެނީ ދިވެހި ދައުލަތުންކަން ފާހަގަކުރައްވައި މުނައްވަރު ވިދާޅުވީ ގައުމެއް ތަމްސީލް ކުރައްވާނަމަ ނަޝީދު ވަޑައިގަންނަވަން ޖެހޭނީ ދިވެހިރާއްޖެ ތަމްސީލްކުރައްވަން ކަމަށެވެ.

"ކޮބާހޭ އަޅުގަނޑުމެންގެ ގައުމަށް ވަފާތެރިވުމަށް ކޮށްފައިހުރި ހުވައާ އެއްޗެހި," މުނައްވަރު ވިދާޅުވިއެވެ.

ރާއްޖޭގެ ރައިސުލްޖުމްހޫރިއްޔާ އާއި ނައިބު ރައީސް އެ މަގާމުން ވަކިވެއްޖެ ހާލަތެއްގައި ގާނޫނީ ގޮތުން ދިވެހި ގައުމާ ހަވާލުވާން ޖެހޭނީ މަޖިލީހުގެ ރައީސްކަން ފާހަގަކުރައްވައި މުނައްވަރު ވިދާޅުވީ, އެފަދަ މަގާމެއްގައި ހުރި ބޭފުޅަކު އެހެން ގައުމެއް ތަމްސީލްކުރުމަށް ރާއްޖެއިން ބޭރުގައި ހުރުމަކީ ލަދުވެތި ކަމެއް ކަމަށެވެ.

"ވަރަށް ބޮޑު ދުސްތޫރީ މައްސަލައެއް. މީހާރުން މިހާރަށް އޭނާ ވަކިކުރަން ޖޭހޭ ނޫންތޯ މަޖިލިސް މެންބަރުކަމުން," މުނައްވަރު ވިދާޅުވިއެވެ.

އެކަމާ ގުޅުވައި މުނައްވަރު ކުރެއްވި ޓްވީޓަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް ވަނީ ތާއީދު ކުރައްވާކަން ހާމަކުރައްވާފައެވެ.

ގާނޫނު އަސާސީގެ 75 ވަނަ މާއްދާގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އަމަލުކުރަން ޖެހޭނީ ގައުމީ މަސްލަހަތާއި ރައްޔިތުންގެ ލާބަޔާ މަންފާއަށް އިސްކަންދީގެން ކަމަށެވެ. އަދި އެއްވެސް މެންބަރަކު އެ މީހެއްގެ ނުވަތަ އެ މީހަކާ ޚާއްސަ ގުޅުމެއް އޮތް އެހެން މީހެއްގެ ވެސް ޒާތީ މަސްލަހަތެއް ކުރިއެރުވުމަށް މަގާމުގެ ބޭނުންކޮށްގެން ނުވާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

އެއާ އެކު ބައެއް ގާނޫނީ ވަކީލުން ވަނީ ނަޝީދު އެހެން ގައުމެއް ތަމްސީލް ކުރެއްވުމަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަކީ ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

ނަޝީދު މިސްރަށް ކުރައްވާ އެ ދަތުރުފުޅުގެ ހުރިހާ ޚަރަދެއް ކުރުމަށް ހަމަޖެހިފައިވަނީ ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް) އިން ކަމަށް މަޖިލީހުގެ އިދާރާއިން ވަނީ ބުނެފައެވެ.

ނަޝީދުގެ އެ ދަތުރުފުޅުގައި ސީވީއެފް އާއި ވީ20 އަދި އެހެނިހެން ގައުމުތަކުގެ އިސް އޮފިޝަލުންނާ ވެސް ކޮޕް27ގެ ހަވާސާގައި ބައްދަލުކުރައްވާނެއެވެ.

ކޮޕް27ގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގަތުމަށް ނައިބު ރައީސް ފައިސަލް ނަސީމް ވެސް ހިމެނޭ ގޮތަށް ސަރުކާރުގެ މަތީ ފަންތީގެ ވަފްދެއް މިހާރު ވަނީ މިސްރަށް ވަޑައިގަންނަވާފައެވެ.

comment ކޮމެންޓް