ކ. އޮޅުވެލި ފަޅުތެރޭގައި ހެދި ޓީޔޫއައި ބްލޫ ރިސޯޓް ހުޅުވައިފިއެވެ.
ޓީޔޫއައި ބުލޫގެ ނަމުން ނަންދީފައިވާ މި ރިސޯޓް ތަރައްޤީކޮށްފައިވަނީ ސަން ސިޔާމް ގްރޫޕުން މާލެ އަތޮޅުގައި ހިންގާ އޮޅުވެލި ރިސޯޓުގެ ފަޅުތެރޭގައި ވަކިން ރަށެއް ހިއްކައިގެންނެވެ. ޓީޔޫއައި ބްލޫ އޮޅުވެލި ރޮމޭންސްގެ ނަމުން ނަންދީފައިވާ މި ރިސޯޓް ހުޅުވާފައިވަނީ މިމަހުގެ އެއްވަނަ ދުވަހުއެވެ.

ދުނިޔޭގެ ޓޫރިޒަމް ސިނާއަތުގެ މަޝްހޫރު ޓްރެވަލް ކުންފުނި، ޓީޔޫއައި ގްރޫޕުން ބުނީ ޓީޔޫއައި ބްލޫ އޮޅުވެލި ރޮމޭންސް ރިސޯޓް 16 އަހަރުން މަތީގެ ފަތުރުވެރިންނަށް މިހާރު ހުޅުވާލެވިފައިވާކަމަށެވެ. މި ރިސޯޓުގައި 98 އަށްވުރެ ގިނަ ކޮޓަރި ހިމެނޭއިރު، މީގެ ތެރޭގައި ބީޗްރޫމް، ވޯޓާ ވިލާގެ އިތުރުން ޕްރައިވެޓް ޕޫލް ހިމެނެއެވެ. ޓީޔޫއައި ބްލޫ އޮޅުވެލި ރޮމޭންސް ރިސޯޓުން ފަތުރުވެރިންނަށް ލިބެންހުރި ޚިދުމަތްތަކުގެ ތެރޭގައި ވޯޓާ ސްޕޯޓްސް ކުޅިވަރުތަކާއި، ރެސްޓޯރެންޓް، ދެ ބާ ހިމެނެއެވެ.

މީގެ އިތުރުން މި ރިސޯޓާއި އޮޅުވެލިފުށި ރިސޯޓް ބްރިޖަކުން ގުޅާލާފައިވާއިރު، ފަތުރުވެރިންނަށް އެ ރިސޯޓުގެ ޚިދުމަތްތައްވެސް ބޭނުންކުރެވޭނޭކަމަށް ޓީޔޫއައި ގްރޫޕުން ބުނެއެވެ. މިއީ އޭޝިއާ ސަރަހައްދުގައި ފަތުރުވެރިންނަށް ޚިދުމަތްދިނުމަށް ޓީޔޫއައި ގްރޫޕުން ހުޅުވި ހަތަރު ވަނަ ތަނެވެ.

ޓީޔޫއައި ގްރޫޕުން ބުނީ ކުރިއަށްއޮތް ތަނުގައިވެސް އެކުންފުނީގެ ވިޔަފާރިތައް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފުޅާކުރަމުންދާނޭކަމަށެވެ. މީގެ ތެރޭގައި މެދުއިރުމައްޗާއި، އެފްރިކާ ހިމެނެއެވެ. މީގެ ތެރެއިންވެސް ވިޔަފާރި އެންމެ ފުޅާކުރުމަށް އިސްކަންދެނީ އޭޝިއާގައި ކަމަށް ޓީޔޫއައި ގްރޫޕުން ބުނެއެވެ.