އުދައިގެ ސަބަބުން ކާނިވާއަށް ލިބޭ ގެއްލުން ކުޑަކުރަން ފެށި މަސައްކަތް ސަރުކާރުން އޮތީ ހުއްޓުވައިފައި: ސިޓީ ކައުންސިލް

މާލޭ ކާނިވާ ސަރަހައްދަށް އުދައެރުން -- ސަން ފޮޓޯ/ އިބްރާހީމް ޝަމްވީލް

ބޮޑު ރާޅު އަރާ މޫސުމުގައި މާލެއަށް ކުރާ އުދައިގެ އަސަރު ކުޑަކުރަން ކުރީގެ ސަރުކާރުން ފެށި މަސައްކަތް މިހާރުގެ ސަރުކާރުން އޮތީ ހުއްޓުވައިފައިކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ.

މިއަދު މާލެއަށް އުދަ އަރައި ކާނިވާ ސަރަހައްދުގައިވަނީ ވަަރަށް ބޮޑަށް ފެންބޮޑުވެފައެވެ. އެއާއެކު މަގުތަކަށް ވެސް އޭގެ އަސަރުކޮށްފައިވެއެެވެ.

އުދައިގެ އަސަރުކޮށްފައިވާ ތަންތަނަށް ލިބިފައިވާ ގެއްލުމުން ރައްކާތެރިވާން ސިޓީ ކައުންސިލުން ރާވާފައިހުރި ކަންތައްތަކާ ގުޅޭގޮތުން "ސަން" އިން ސުވާލުކުރުމުން މެދުހެންވޭރު ދާއިރާގެ ކައުންސިލަރު އާދަމް ރަމީޒް ވިދާޅުވީ ކުރީގެ ސަރުކާރުން އެ ސަރަހައްދުގައި ބޮޑު ހިލަ ޖެހުމުގެ މަސައްކަތެއް ފެށި ކަމަށެވެ. ނަމަވެސް މި ސަރުކާރުން އެކަން ހުއްޓުވައިފައިވާކަމަށް ވިދާޅުވިއެވެ.

"މިދިޔަ ސަރުކާރުން އެތާ ބޮޑު ހިލަ ޖަހަންވެގެން ހިންގާފައި އޮތް ޕްރޮޖެކްޓު ހުއްޓުވައިލައިފި މިހާރު މި ސަރުކާރުން. ހުއްޓާ ނުލިނަމަ، އެ ސަރަހައްދުގައި ބޮޑު ހިލަ ޖެއްސުނުނަމަ މިއަދު މިހާ ގެއްލުން ނުވީސް އެ ދިމާއަށް،" ރަމީޒް ވިދާޅުވިއެވެ.

މާލޭ ކާނިވާ ސަރަހައްދަށް އުދައެރުން -- ސަން ފޮޓޯ/ އިބްރާހީމް ޝަމްވީލް

ރަމީޒް ވިދާޅުވީ އެ މަޝްރޫއު ހުއްޓާލިކަމަށް ބުނެ އެ މަސައްކަތަށް ދޫކޮށްފައިވާ ބިން ވެސް ސިޓީ ކައުންސިލާ ހަވާލުކޮށްފައިވާކަމަށެވެ.

މިއަދު މާލޭ ކާނިވާ ސަރަހައްދަށް އުދަ އަރައި އެ ސަރަހައްދުގައިވަނީ ފެންބޮޑުވެފައެވެ. ހަމައެއާއެކު އެ ތަނުގައި ހިންގާ ޑޯލްފިން ކެފޭގެ ތިރީ ބައިވަނީ ރާޅު އެރުމުގެ ސަބަބުން ބޭނުންނުކޮށް ހުއްޓައިލައިފައެވެ.

މާލޭ ކާނިވާ ސަރަހައްދަށް އުދައެރުން -- ސަން ފޮޓޯ/ އިބްރާހީމް ޝަމްވީލް

އުދަ އެރުން ހުއްޓާލުމުން އުދައިގެ އަސަރުކޮށްފައިވާ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް ފަށާނެކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

އުދައިގެ ސަބަބުން ލިބޭ ގެއްލުން ކުޑަކުރުމަށް ސިޓީ ކައުންސިލުންވަނީ ސަލްމާން މިސްކިތް ސަރަހައްދުގައި ފާރެއް ރާނާފައެވެ.

comment ކޮމެންޓް