ޗާގޯސް މޮރިޝަސްއާ ހަވާލުކުރުމާ ބެހޭގޮތުން އަންނަ އަހަރު އެއްބަސްވުމަކަށް އާދެވޭތޯ ބަލަނީ

ރާއްޖެއާ މާ ދުރު ނޫން ހިސާބެއްގައި އޮންނަ ފޯޅަވަހި--- ފޮޓޯ

ޗާގޯސް އައިލެންޑްސް ހަވާލުކުރުމާ ގުޅޭ ގޮތުން މޮރިޝަސްއާ އެކު މަޝްވަރާތައް ފެށުމަށް އިނގިރޭސިވިލާތުން އެއްބަސްވެއްޖެއެވެ.

މޮރިޝަސްއިން ބުނާ ގޮތުގައި 18 ވަނަ ގަރުނުން ފެށިގެން ޗާގޯސްއަކީ އެގައުމުގެ ބަޔެކެވެ. ނަމަވެސް 1965ގައި، މޮރިޝަސް އިނގިރޭސިންގެ އިސްތިއުމާރުގެ ދަށުގައި އޮތް އިރު އިނގިރޭސިން ވަނީ ފޯޅަވަހި މޮރިޝަސްއާ ވަކިކޮށްފައެވެ. އަދި އޭރު އިނގިރޭސިން ވަނީ ފޯޅަވައްސަކީ އިންޑިއާ ކަނޑުގައި އޮންނަ ބްރިޓިޝް އިންޑިއަން އޯޝަން ޓެރިޓަރީގެ ބަޔެއް ކަމަށް ކަނޑައަޅާފައެވެ.

އެއަށް ފަހު، 1971ގައި އިނގިރޭސިވިލާތުން ވަނީ ޗާގޯސްގެ މައި އަތޮޅު ކަމަށްވާ ޑިއޭގޯ ގާސިއާ އެމެރިކާގެ އަސްކަރީ ބޭނުމަށް ދިނުމަށްޓަކައި، ޑިއޭގޯ ގާސިއާގެ ރައްޔިތުން އެރަށްތަކުން ބާލައިފައެވެ.

ޗާގޯސްގެ ރަށްތައް މޮރިޝަސްއާ ހަވާލުކުރަން ގޮވާލައި، ބައިނަލްއަގުވަމީ ނިންމުންތައް ނިންމާފައިވީ ނަމަވެސް އިނގިރޭސިިވިލާތުން ވަނީ މިހާތަނަށް އެގޮތަށް އަމަލުކުރަން ދެކޮޅުހަދާފައެވެ.

އެގޮތުން 2019 ވަނަ އަހަރު އދ.ގެ އެންމެ މަތީ ކޯޓް ކަމަށްވާ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)އިން ވަނީ އިނގިރޭސިވިލާތުން އެ ރަށްތައް ހިފުމަކީ ގާނޫނާ ޚިލާފު ކަމެއް ކަމަށާއި ޗާގޯސް އައިލެންޑްސް އަކީ މޮރިޝަސްގެ ހައްގު ބައެއް ކަމަށް ނިންމައިފައެވެ.

ނަމަވެސް އެއީ އެ ކޯޓުގެ ލަފައެއް ކަމަށްވުމުންނާއި އައިސީޖޭގެ އަމުރު ތަންފީޒު ކުރުމުގެ ބާރެއް އެކޯޓަށް ލިބިފައި ނުވާތީ އިނގިރޭސިން އެކަމުގައި ކޯޓުން އެންގި ގޮތަށް އަމަލުކޮށްފައެއް ނުވެއެވެ.

އޭގެ ފަހުން މިދިޔަ އަހަރު އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން ވެސް ވަނީ ޗާގޯސް މައްޗަށް އިނގިރޭސިންނަށް ބާރު ނުހިންގޭނެ ކަމަށް ބުނެފައެވެ.

އެ މައްސަލައިގައި އިނގިރޭސިވިލާތުގެ ފޮރިން ސެކްރެޓަރީ ޖޭމްސް ކްލެވާލީ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އަމާޒަކީ އަންނަ އަހަރުގެ ކުރީކޮޅު މޮރިޝަސްއާ އެކު އެއްބަސްވުމަކަށް އައުން ކަމަށެވެ.

އިޓްލޮސްއިން މިހާރު ބަލަމުންދަނީ މޮރިޝަސް އާއި ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދު ފުށުއެރުމުގެ މައްސަލައެވެ. އެ މައްސަލައިގައި ސަރުކާރުން ނިންމާފައި ވަނީ، ޗާގޯސްގެ މައްޗަށް އޮތް މޮރިޝަސްގެ ސިޔާދަތީ ބާރާ ބެހޭ ގޮތުން އައިސީޖޭއިން ނިންމާފައިވާ ނިންމުމަށް އދ.ގައި ތާއިދު ކުރުމަށެވެ.

އެ މައްސަލައިގައި އެޓާނީ ޖެނެރަލްގެ އޮފީހުން ބުނީ އިނގިރޭސިވިލާތުން ޗާގޯސް މޮރިޝަސްއާ ހަވާލުކުރަންޖެހޭ ކަމަށް އައިސީޖޭއިން ނިންމާފައިވާ ނިންމުމަށް އދ. ގެ ޖެނެރަލް އެސެމްބްލީގައި ދޭ ވޯޓުގެ މައްސަލައާއި، ރާއްޖޭގެ ސަރަހައްދީ އިން ކަނޑައެޅުމާ ގުޅޭ ގޮތުން ޓްރައިބިއުނަލްގައި މިހާރު ކުރިއަށްދާ މައްސަލައަކީ ތަފާތު ދެ މައްސަލައެއް ކަމަށެވެ.

comment ކޮމެންޓް