ކާމިޔާބު ނުކުރެވޭ ތަށްޓެއް ނެތް، ފުރިހަމަ ކެރިއަރަކަށްފަހު ޕީކޭ ފުޓުބޯޅަ ކުޅުން ހުއްޓާލަނީ

ޕީކޭ ގޯލު ޖެހުމަށްފަހު އުފާ ފާޅުކުރަނީ --- ފޮޓޯ/ ގެޓީ އިމޭޖްސް

ދުނިޔޭގެ އެންމެ މޮޅެތި ޑިފެންޑަރުންގެ ލިސްޓު ކިޔާއިރު ޖެރާޑް ޕީކޭގެ ނަމަކީ އެ ލިސްޓު ފުރިހަމަ ކުރުމަށް ގެންނަންޖެހޭ ނަމެކެވެ.

ދުނިޔޭގެ ނަން މަޝްހޫރު މޮޅެތި ކުޅުންތެރިން ޕީކޭއާ ދެކޮޅަށް ކުޅުމަށް ޖެހިލުންވެއެވެ. އޭނާގެ ރަން ޒަމާނުގައި އެއީ ބާސެލޯނާގެ "ދި ގްރޭޓް ވޯލް" އެވެ. ގޯލު ސަލާމަތް ކުރަން ޖެހުނު ކޮންމެ ކަމެއް ވެސް ފަސް ޖެހުމެއް ނެތި އިތުބާރާއެކު ޕީކޭ ކުރާނެއެވެ.

އެއީ ފުޓުބޯޅައިގައި ނަން ހިނގާ ލާމަސީލު މިސާލެކެވެ. ފުޓުބޯޅައިގެ ދުނިޔޭގައި އެފަދަ ދެވަނައެއް ނުވާ ލެޖެންޑެކެވެ.

ނަމަވެސް ޕީކޭގެ ރަސްމީ ޓްވިޓާ އެކައުންޓުން ރޭ އޭނާ ދީފައިވަނީ ފުޓުބޯޅައަށް ލޯބިކުރާ މީހުންނަށް އަޑުއަހާލަން ފަސޭހަ މެސެޖެއް ނޫނެވެ.

ފުޓުބޯޅައިގެ އެންމެ މަތީ ފަންތީގައި 18 އަހަރު ކުޅުމަށް ފަހު، ޕީކޭ ފުޓުބޯޅަ ކުޅުން ހުއްޓާލަން އުޅޭކަމުގެ ހިތާމަވެރި ހަބަރު އޭނާ ރޭ ވަނީ ދީފައެވެ.

އަންނަ އާދިއްތަ ދުވަހު ބާސެލޯނާގެ ދަނޑުގައި އެ ޓީމުގެ ވައިސް ކެޕްޓަން ޕީކޭ ކުޅޭ މެޗަކީ އެ ދަނޑުގައި އޭނާ ކުޅޭނެ އެންމެ ފަހު މެޗު ކަމަށް އޭނާ ވަނީ ބުނެފައެވެ.

ޕީކޭ ބާސެލޯނާއާއެކު ޗެމްޕިއަންސް ލީގު އުފުލާލަނީ --- ފޮޓޯ/ ގެޓީ އިމޭޖްސް

ޕީކޭގެ ފުޓުބޯޅަ ކެރިއަރު

ބާސެލޯނާގެ ޔޫތު އެކެޑަމީއާ 1997 ވަނަ އަހަރު ގުޅުނު އުމުރުން 10 އަހަރުގެ ޕީކޭ ފުޓުބޯޅައިގެ ދުނިޔޭގައި އެހާވަރަށް ވިދާލާނެ ކަމަށް އެކަކުވެސް އޭރު އުއްމީދެއް ނުކުރެއެވެ.

ހުދު ޕީކޭ ވެސް އޭނާ އެހާ އުހަށް ހިނގައިދާނެކަމަކަށް އޭރު އުއްމީދެއް ނުކުރެއެވެ. އޭރު ވެސް ފުޓުބޯޅައަށް ހުންނަ ޝައުގެއްގެ ބޮޑުކަމުން އޭނާ ފުޓުބޯޅަ ކުޅުން ދަސްްކުރަން ދުނިޔޭގެ އެންމެ މޮޅެތި ކުޅުންތެރިން އުފައްދާ ކާރުހާނާ ބާސެލޯނާގެ އެކެޑަމީ "ލަ މާސިއާ"އާ ގުޅުނީއެވެ.

އެ އެކެޑަމީގައި ހަތް އަހަރު ދުވަހު ތަމްރީނު ހެދުމަށްފަހު 2007 ވަނަ އަހަރު އޭނާ ބަދަލުވީ އިނގިރޭސި ގަދަ ބާރު މެންޗެސްޓާ ޔުނައިޓެޑަށެވެ.

އެ ކުލަބަށް ބަދަލުވުމަށްފަހު އެ ކުލަބަށް ބަދަލު ނުވެވުނު ނަމައޭ ހިތަށް އެރިކަމަށް ޕީކޭ ވަނީ ޑެއިލީ މެއިލްއަށް 2015 ވަނަ އަހަރު ދިން އިންޓަވިއުއެއްގައި ބުނެފައެވެ. އެ ޓީމަށް އޭނާ ބަދަލުވިއިރު އެ ޓީމުގެ ފަހަތް ބެލެހެއްޓުމަށް އޭރު ތިބީ ދުނިޔޭގެ އެންމެ މޮޅު ދެ ޑިފެންޑަރުންކަމަށްވާ ނެމެންޖާ ވިޑިޗް އާއި ރިއޯ ފާޑިނެންޑެވެ. އެ ދެ ކުޅުންތެރިން ތިއްބާ ޕީކޭއަށް ގިނަ ފުރުސަތުތަކެއް ނުލިބޭނެކަން އޭނާއަށް އޭރު އެނގުނެވެ.

"އެމީހުންގެ ކުޅުން ދަށް މެޗެއް އޭރު އެއްގޮތަކަށް ވެސް ނާދެ. އެންމެ މޮޅު ކުޅުންތެރިން އޭރު އެއީ،" ޕީކޭ ބުންޏެވެ.

ޕީކޭ ބާސެލޯނާގެ ކޯޗު ޒަވީ އާއެކު --- ފޮޓޯ/ ގޭޓީ އިމޭޖްސް

ނަމަވެސް އެ ކުޅުންތެރިންނާއެކު އަހަރުތައް ގުނަމުންދިޔަ ވަރަކަށް ދަސްވި ފިލާވަޅުތައް އަދަދު ނުކުރެވޭކަމަށް ޕީކޭ ބުންޏެވެ. ފުޓުބޯޅަ ކެރިއަރުގައި ވަރުގަދަ ޝަހުސިއްޔަތަކަށް ވުމަށް އެ ފިލާވަޅުތައް މުހިންމު ދައުރެއް އަދާކުރިކަމަށް އޭނާ ބުންޏެވެ.

މެންޗެސްޓާ ޔުނައިޓެޑުގައި 2004 ވަނަ އަހަރުން ފެށިގެން 2008 ވަނަ އަހަރާ ހަމައަށް ޕީކޭ މަޑުކުރިއެވެ. އެ މުއްދަތު ތެރޭގައި 2006 ވަނަ އަހަރު ޕީކޭ ސްޕެއިންގެ ރެއާލް ޒަރަގޯޒާއަށް ލޯނު އުސޫލުން އެއް އަހަރު ކުޅުނެވެ. އެ ޓީމަށް 22 މެޗު ކުޅެދީ ދެ ގޯލު ޖަހައިދިނެވެ. ޔުނައިޓެޑުގައި ޕީކޭ ހޭދަކުރި ހަތަރު އަހަރުގައި އޭނާއަށް ކުޅެވިފައިވަނީ 12 މެޗެވެ.

އެހެންކަމުން އޭނާގެ ފުޓުބޯޅަ ހަޔާތާ މެދު ވިސްނަން މަޖުބޫރުވިއެވެ. ޔުނައިޓެޑުގެ އޭރުގެ ކޯޗު ސާ އެލެކްސް ފާގެސަން އޭނާ ދޫކޮށްލަން ބޭނުން ނުވި ނަމަވެސް ޕީކޭ އިތުރު ފުރުސަތުތައް ހޯދަން ބޭނުން ވިއެވެ. އަދި ޕީކޭ އަނބުރާ ބާސާއަށް ގެންދަން އެ ޓީމުން ހުށަހެޅުމުން ޕީކޭގެ ކާމިޔާބީގެ ދަތުރު ފެށުނެވެ.

ދެހާސް އަށްވަނަ އަހަރު ބާސެލޯނާއަށް ބަދަލުވުމަށްފަހު އޭނާ ވަނީ އެ ޓީމަށް 396 މެޗު މިހާތަނަށް ކުޅެދީފައެވެ. އަދި އެ ޓީމަށް އޭނާ ވަނީ 29 ގޯލު ވެސް ޖަހައިދީފައެވެ. މިހާރު ޕީކޭއަކީ އެ ޓީމުގެ ދެވަނަ ކެޕްޓަނެވެ.

ޕީކޭ ސްޕެންއިންއާއެކު އުފާ ފާޅުކުރަނީ --- ފޮޓޯ/ ގެޓީ އިމޭޖްސް

ޕީކޭގެ ކާމިޔަބީތައް

ރޭ ޕީކޭ ކުރި ޓްވީޓް ފެނުމާއެކު ހަނދާނަށް އައީ އޭނާގެ ރަން ޒަމާނުގައި އޭނާ ހޯދި ކާމިޔާބީތަކެވެ. ޓީމަކާއެކު ކުޅުންތެރިއަކަށް އުފުލާލެވޭނެ ހުރިހާ ތަށްޓެއް އޭނާ އުފުލާލައިފިއެވެ.

ބޫޓު އަތުން ހިފައިގެން ދަނޑުން ފައިބައިގެން އެދަނީ ފުޓުބޯޅައިގެ ލެޖެންޑުންގެ ލިސްޓުގައި އޭނާގެ ނަން ޖެހުމަށް ފަހުގައެވެ.

ޕީކޭ ވަނީ އޭނާގެ ފުޓުބޯޅަ ކެރިއަރުގައި 33 ތަށްޓެއް އުފުލާލައިފައެވެ. އެގޮތުން މެންޗެސްޓާ ޔުނައިޓެޑާއެކު 2007/8 ވަނަ އަހަރުގެ އިނގިރޭސި ޕްރިމިއާ ލީގު އޭނާ ވަނީ ކާމިޔާބުކޮށްފައެވެ.

އޭނާގެ ކެރިއަރުގައި އެންމެ ބޮޑު ކާމިޔާބެއް ލިބުނު ބާސެލޯނާއާއެކު 30 ތަށްޓެއް ޕީކޭ އުފުލާލިއެވެ. އަށް ފަހަރެއްގެ މަތިން ލަލީގާގެ ތަށި އޭނާ އުފުލާލިއިރު ތިން ޗެމްޕިއަންސް ލީގު ވެސް އޭނާ ކާމިޔާބުކުރިއެވެ.

ޕީކޭ ވަނީ ބާސާއާއެކު ހަތް ކޮޕަޑެލްރޭ ވެސް ކާމިޔާބުކޮށްފައެވެ. އަދި ހަ ފަހަރެއްގެ މަތިން ސްޕެއިން ސުޕް ކަޕް އޭނާ ކާމިޔާބުކުރިއިރު ޔޫއެފާ ސުޕަ ކަޕް ތިން އަހަރެއްގައި އޭނާ ވަނީ ކާމިޔާބުކޮށްފައެވެ. އަދި ފީފާ ކްލަބް ވޯލްޑްކަޕް ދެ އަހަރެއްގައި ބާސާއާއެކު ޕީކޭ އުފުލާލިއެވެ.

ޕީކޭ ބާސެލޯނާއާއެކު ޓްރެބްލް ކާމިޔާބުކޮށް އުފާ ފާޅުކުރަނީ -- ފޮޓޯ / ގެޓީ އިމޭޖްސް

ޕީކޭއަށް ލިބުނު އެންމެ ބޮޑު އެއް ކާމިޔާބަކަށް ހަމަ ގައިމު ވެސް ވަނީ އަމިއްލަ ގައުމު ފަހުރުވެރި ކޮށްދިނުމަށް ވޯލްޑްކަޕެއް ކާމިޔާބު ކޮށްދިނުމަށް އެހީތެރިވެދިނުންކަން ކަށަވަރެވެ.

އޭނާ ވަނީ 2010 ވަނަ އަހަރު ސްޕެއިންއަށް ވޯލްޑްކަޕް ކާމިޔާބު ކޮށްދިނުމުގައި ބޮޑު ދައުރެއް އަދާކޮށްފައެވެ. އަދި 2012 ވަނަ އަހަރުގެ ޔޫރޯ ތަށި ވެސް އޭނާ ވަނީ ސްޕެއިންއާއެކު އުފުލާލައިފައެވެ.

comment ކޮމެންޓް