ބާސެލޯނާގެ ކުރީގެ ޑިފެންޑަރު ޖެރާޑް ޕީކޭ، ކޯޗެއްގެ ގޮތުގައި އެނބުރި ފުޓުބޯޅައިގެ ތެރެއަށް އަންނާނެކަން އޭނާ އިއުލާންކޮށްފިއެވެ.
ބާސާގައި ގިނަ ދުވަސްތަކެއް ހޭދަކުރުމަށްފަހު، ޕީކޭ ފުޓުބޯޅަ ކުޅުން ހުއްޓާލައި، ރިޓަޔާމަންޓް އިއުލާންކުރީ 2022 ވަނަ އަހަރު ނޮވެމްބަރު މަހުގެ ތެރޭގައެވެ. މިއަހަރު ކޯޗެއްގެ ގޮތުގައި ފެނިގެންދާނެކަން އޭނާ މިހާރު ވަނީ އިއުލާންކޮށްފައެވެ.
"އަހަރެން އެނބުރި ފުޓުބޯޅައަށް އައުމަށް ނިންމައިފިން. އަހަރެންގެ ދިރިއުޅުމުން ގެއްލިގެން އެ ދިޔައީ ވަރަށް ބޮޑު ބައެއް. ނަމަވެސް މިފަހަރު އަހަރެން އެނބުރި އަންނާނީ ކުޅުންތެރިއެއްގެ ގޮތުގައެއް ނޫން, އަހަރެން އަންނާނީ ކޯޗެއްގެ ގޮތުގައި. މި ހަފުތާގެ ފަހުކޮޅު އަހަރެން އެކަމުގެ އިތުރު ތަފްސީލުތައް ދޭނަން،" އެކްސްގައި ކުރި ޕޯސްޓެއްގައި ޕީކޭ ބުންޏެވެ.
ފުޓުބޯޅަ އިން ރިޓަޔާމަންޓް އިއުލާންކުރުމަށްފަހު ވެސް ޕީކޭ ދަނީ ކުޅިވަރުގެ ތެރޭގައި ހަރަކާތެރިވަމުންނެވެ. އެގޮތުން ބާސާއަށް ކުޅެމުންދިޔަ ދުވަސްވަރު، 2018 ވަނަ އަހަރު އޭނާ ވަނީ އެފްސީ އެންޑޯރާގެ ނަމުގައި ފުޓުބޯޅަ ކްލަބެއް އުފައްދައިފައެވެ. ފަސްވަނަ ޑިވިޝަނުން ފެށި އެ ކްލަބު މިހާރު ވާދަކުރަމުންދަނީ ސްޕެއިންގެ ދެވަނަ ޑިވިޝަންގައެވެ.
ބާސާގެ ޔޫތު އެކަޑަމީން ތަމްރީނުވި ޕީކޭ، ސީނިއާ ޓީމަކަށް ފުރަތަމަ ކުޅެފައިވަނީ މެންޗެސްޓާ ޔުނައިޓެޑުގައެވެ. ހަތަރު އަހަރު ޔުނައިޓެޑުގައި ހޭދަކުރި ނަމަވެސް، ޕީކޭއަށް ކުޅުމަށް ގިނަ ފުރުސަތުތަކެއް ލިބިފައެއް ނުވެއެވެ. ޔުނައިޓެޑަށްފަހު އޭނާ އެނބުރި ބާސާއާ ގުޅުނީ 2008 ގައެވެ.
ބާސާގައި ޕީކޭ ވަނީ ނުވަ ސްޕެނިޝް ލަލީގާ އާއި ތިން ޗެމްޕިއަންސް ލީގު އަދި ހަތް ކޮޕާ ޑެލްރޭ ކާމިޔާބުކޮށްފައެވެ. އޭގެ އިތުރުން އޭނާ ވަނީ ސްޕެއިން ގައުމީ ޓީމާއެކު ވޯލްޑް ކަޕަކާއި ޔޫރޯއެއް ވެސް ކާމިޔާބުކޮށްފައެވެ.