މަޝްހޫރު ލަވަކިޔުންތެރިޔާ ޝަކީރާއާ ވަކިވާން ޖެހުނު ސަބަބާ ގުޅޭ ގޮތުން ބާސެލޯނާގެ ފުޓުބޯޅަ ލެޖެންޑް ޖެރާޑް ޕީކޭ ވާހަކަދައްކައިފިއެވެ.
ޕީކޭއާއި ޝަކީރާގެ ލޯބީގެ ގުޅުމަށް ނިމުމެއް ގެނެސްފައިވަނީ 11 އަހަރު އެކުގައި އުޅުމަށް ފަހު މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. ޝަކީރާ ތުހުމަތުކޮށްފައިވާ ގޮތުގައި އޭނާގެ ބައްޕަ ބަލިވެގެން ހޮސްޕިޓަލުގައި ބާއްވާފައި އޮތް ދުވަސްވަރު ޕީކޭ ވަނީ ބޭވަފާތެރިވެފައެވެ.
އެ ގުޅުން ނިންމާލުމަށް ފަހު ދެ ތަރިން ވެސް ވަނީ އެކި ގޮތްގޮތަށް ރައްދުދެމުން ގޮސްފައެވެ.
އެގޮތުން ޝަކީރާގެ ލަވައެއްގައި ޕީކޭއަށް އަމާޒުކޮށް ބަސްތަކެއް ރައްދުކޮށްފައިވާ އިރު، ޕީކޭ ވެސް ދިޔައީ ޝަކީރާއަށް ރައްދުދިނުމުގެ ގޮތުން ސުރުހީތަކުން ޖާގަ ހޯދަމުންނެވެ. އަދި، ދާދިފަހުން ދިން އިންޓަވިއުއެއްގައި ޕީކޭ ވަނީ އެ ގުޅުން ނިމުމަކަށް ގެންނަން ޖެހުނު ގޮތާ ގުޅޭގޮތުން ވާހަކަދައްކައިފައެވެ.
"މީހުން ކިޔަމުންދިޔަ އެއްޗެއްސަށް ހާއްސަކަމެއް ދޭން ޖެހޭ ނަމަ، އަހަރެން ޖެހޭނީ އެޕާޓްމަންޓުގެ ތެރޭގައި ތަޅުލެވިގެން ހުންނަން. އަހަރެންނަށް މުހިންމުވީ ދިރިހުރުން، އެހެންވެ އެކަމާ ސަމާލުކަމެއް ނުދީ ހުރީ ވެސް. ކޮންމެ ދުވަހަކު އެ ދައްކާ ހަގީގަތެއް ނެތް ވާހަކަތަކަށް ރައްދުދޭން ބޭނުމެއް ނޫން. އަހަރެން އެ ކަމާ ބެހޭ ގޮތުން ވާހަކަދައްކާކަށް ވެސް ބޭނުމެއް ނޫން. ކަންތައް ވެގެންދިޔަ ގޮތުގެ ދިހަ ޕަސަންޓު ވެސް މީހުންނަކަށް ނޭނގޭ،" 'އާރްއޭސީ1'އަށް ދިން އިންޓަވިއުއެއްގައި ޕީކޭ ބުންޏެވެ.
ޕީކޭ، ލޯބީގެ ގޮތުން މިހާރު ގުޅިގެން އުޅެނީ ކްލާރާ ޝިއާއާއެވެ. އޭނާއާ އެކު ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން ޕީކޭ އިއުލާންކޮށްފައިވަނީ މިދިޔަ ޖެނުއަރީ މަހުއެވެ. އެއަށް ފަހު ވެސް ޝަކީރާ ނެރުނު ލަވައެއްގައި ޕީކޭއަށް ނުސީދާ ބަސްތަކެއް ވަނީ ރައްދުކޮށްފައެވެ.