ކާރިސާތަކުން އަރައިގަތުމަށް ޑްރޯން ފަދަ ޓެކްނޮލޮޖީ ބޭނުންކުރަން ސަރުކާރުން އެއްބާރުލުން ދޭނެކަމަށް ޓެކްނޮލޮޖީ މިނިސްޓަރު އާމިނަތު ޝައުނާ އިއްޔެ ވިދާޅުވެއްޖެއެވެ.
'ޑްރޯންސް ފޯ ރެޒިލިއެންސް'ގެ ނަމުގައި ޔޫއެންޑީޕީއާއި ދިރާގު ގުޅިގެން އައްޑޫގައި ކުރިއަށްގެންދިޔަ މަޝްރޫއު ނިންމާލުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރު ޝައުނާއެވެ.
އެ މަޝްރޫއުގެ މައިގަނޑު މަގްސަދަކީ ކާރިސީ ހީރާސް ކުޑަކުރުމާއި ކާރިސާތައް މެނޭޖުކުރުމުގެ މަސައްކަތަށް ޑްރޯން ޓެކްނޮލޮޖީ ވެއްދުމެވެ. އެގޮތުން ޑްރޯން ޓެކްނޮލޮޖީ ބޭނުންކޮށްގެން، ކާރިސާއެއް ދިމާވެއްޖެ ހާލަތަކަށް ތައްޔާރުވާނެ ގޮތްތައް ކަނޑައަޅައި، ރަށްތަކުގެ ތަފްސީލީ ޗާޓުތަކެއް އުފެއްދުމަށް ޑްރޯން ބޭނުންކޮށްފައިވެއެވެ.
އެ މަޝްރޫއުގެ ދަށުން ޔޫއެންޑީޕީއިން ވަނީ ޑްރޯންތައް ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ޗާޓުތައް އައްޑު ސިޓީއާ ހަވާލުކޮށްފައެވެ. އަދި އެފަދަ މަސައްކަތްތަކަށް ޑްރޯން ބޭނުން ކުރާނެ ގޮތް އެ ސިޓީގައި ހަރަކާތްތެރިވާ ރެޑް ކްރެސެންޓުގެ މެންބަރުންނަށް ދަސްކޮށްދީ، އެމީހުންނަށް ބޭނުން ކުރެވޭނެ ޑްރޯންތަކެއް ހަދިޔާކޮށްފައިވެއެވެ.
އިއްޔެގެ ރަސްމިއްޔާތުގައި ޝައުނާ ވިދަޅުވީ ގައުމީ ތަރައްގީއަށް ރޭވުމާއި މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމާއި އެ ބަދަލުތަކަށް ހޭނުމުގެ ދާއިރާގައި ކުރިއަރަމުން އަންނަ ޓެކްނޮލޮޖީތައް ބޭނުންކުރުމަކީ މިނިސްޓްރީގެ މައިގަނޑު އެއް ސްޓްރެޓެޖީ ކަމަށެވެ. އަދި މިކަމުގައި ޑްރޯން އާއި އާޓީފިޝަލް އިންޓެލިޖެންސް ފަދަ ޓެކްނޮލޮޖީތަކުގެ ދައުރު ވަރަށް ފުޅާ ކުރެވިދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"މިއަދު އަޅުގަނޑުމެންނަށް ޑޭޓާ މުހިންމު. އެހެންކަމުން މި މަސައްކަތަކީ ވަރަށް މުހިންމު މަސައްކަތެއް. އަދި މި މަސައްކަތުގައި ކުރިއަށްދިއުމަށް ޑޭޓާ ޝެއާކުރުން ވަރަށް މުހިންމު. މި ޑޭޓާ އަކީ ހަމައެކަނި ސަރުކާރަށް ލިބޭ އެއްޗަކަށް ނުވެ އާންމުންނަށް ލިބެންޖެހޭ އޯޕަން ޑޭޓާއަށް ވުން ވެސް ވަރަށް މުހިންމު،" މިނިސްޓަރު ވިދަޅުވިއެވެ.

'ޑްރޯންސް ފޯ ރެޒިލިއެންސް' ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ ޔޫއެންޑީޕީ
އެ ރަސްމިއްޔާތުގައި ދިރާގުގެ ސީއީއޯ އަދި އެމްޑީ، އިސްމާއީލް ރަޝީދު ވިދާޅުވީ، މިފަދަ ޕްރޮގްރާމެއްގައި ބައިވެރިވުމުގެ ފުރުސަތު ދިރާގަށް ލިބުނީތީ އުފާކުރައްވާ ކަމަށެވެ. އަދި މި މަޝްރޫއުގެ ދަށުން އައްޑޫ ސިޓީއަށް ފޯރުކޮށްދީފައިވާ ޗާޓުތަކާއި ސާމާނާއި ތަމްރީނަކީ، އެ ސިޓީގެ ތަރައްގީގެ ޕްލޭންތަކުގައި ރަށްތަކުގެ ވިލުންވެރި ކަމަށް އިސްކަން ދީގެން ގޮތް ނިންމުމަށް މަގު ފަހިކުރާނެ ތަކެއްޗާއި ކަންތައްތަކަށް ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވީ އެ ސިޓީގެ ލޭންޑް ޔޫސް ޕްލޭން އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، ޑްރޯން ޓެކްނޮލޮޖީއަކީ އައްޑޫ ސިޓީ ތަރައްގީކުރަން ލިބޭ ވަރަށް ބޮޑު ވަސީލަތެއް ކަމަށެވެ.
"އެންމެ ފަހުގެ ޒަމަނީ ޓެކްނޮލޮޖީތަކުން ނެގޭ ޑޭޓާއަކީ ގުދުރަތީ ކާރިސާތަކުން ސަލާމަތްވެ، އެފަދަ ކާރިސާތަކަށް ރައްކާތެރިވެ ތިބެން އަޅުގަނޑުމެންނަށް އެހީތެރިވެދޭނެ އެއްޗެއް،" މޭޔަރު ވިދާޅުވިއެވެ.