މައިލޯ ޓީ 20 ކްރިކެޓް ލީގުގެ އެންމެ ފަހު މެޗުތައް އޮފްއެފްސީ އާއި މިލާނުން ކާމިޔާބުކޮށްފި

ލީގު ޗެމްޕިއަނުންނަށް ތަށި ހަވާލުކުރަނީ--- ފޮޓޯ/ކުރިކެޓް ބޯޑު

މައިލޯ ޓީ20 ކުރިކެޓް މުބާރާތުގައި ކުޅުނު އެންމެ ފަހު މެޗުތަކުން އޮފްއެފްސީ އާއި މިލާން ކްރިކެޓް އެކަޑަމީ މޮޅުވެއްޖެއެވެ.

މާލޭ ކުޅިވަރު އެކުވެނި އެއް ނަމްބަރު ދަނޑުގައި މިއަދު ކުޅުނު ފުރަތަމަ މެޗުގައި ބައްދަލުކުރީ އޮފްއެފްސީއާއި އައިޒީއެވެ. މިމެޗު އަށް ވިކެޓުން ކާމިޔާބުކުރީ އެފްއެފްސީއެވެ. ޓޮސް ދިމާވުމުން ފުރަތަމަ އައިޒީ ކުޅެންއަރާ ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދިފައިވަނީ 128 ލަނޑެވެ. ޖަވާބުގައި އޮފް އެފް ސީ ކުޅެންއަރާ 15 ވަނަ އޯވަރުގައި 129 ހަދާ މެޗް ކާމިޔާބުކުރިއެވެ.

މިއަދުގެ ދެވަނަ މެޗުގައި ޓޮސް ދިމާވުމުން ވިޔާންޒާ ގަސްދުކުރީ ހޮވުމަށެވެ. މިލާން ކުޅެން އަރައި 20 އޯވަރުތެރޭ ހަތް ކުޅުންތެރިން ނުބައިވެގެން ވަނީ 147 ލަނޑު ހަދާފައެވެ. ޖަވާބުގައި ވިޔާންޒާ ކުޅެންއަރާ ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 125 ލަނޑުއެވެ.

ލީގް ތަށި ހޯދުމަށްފަހު މިލާންގެ ކުޅުންތެރިން އުފާފާޅުކުރަނީ-- ފޮޓޯ/ކުރިކެޓް ބޯޑް

މިއަދުގެ މެޗުތައް ނިމުމުން ވަނީ ވަނަވަނައަށް އައި ޓީމުތަކަށް ތަށި ދީފައެވެ. ޗެމްޕިއަން ޓިމަށް ތައްޓާއި މެޑަލް ދެއްވީ ކްރިކެޓް ބޯޑުގެ ރައީސް މުހައްމަދު ފައިސަލްއެވެ. ލީގުގެ ޗެމްޕިއަންކަން ހޯދީ މިލާން ކުރިކެޓް އެކަޑަމީއެވެ. މިފަހަރު ލީގު ޗެމްޕިއަންކަން މިލާން ހޯދާފައިވަނީ އެއްވެސް މެޗަކުން ބަލިނުވެއެވެ.

ލީގްގެ އެންމެ މޮޅު ހަތަރު ޓީމްގެ މެދުގައި ވަނީ ޕްރެޒިޓެންޓްސް ކަޕް ކުޅޭގޮތަށް ހަމަޖެހިފައެވެ. އެ ޓީމުތަކަކީ، މިލާން، ވެޓްރަންސް، މާލޭ ސްޕޯޓްސް އަދި ސީބީއެލް ސްޕޯޓްސް އެވެ.

ޕްރެޑިޓެންޓްސް ކަޕް ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 18 އަދި 19 ވަނަ ދުވަހުއެވެ. އަށާރަ ވަނަ ދުވަހު ކުޅޭ ފުރަތަމަ މެޗްގައި ބައްދަލުކުރާނީ މިލާން ކްރިކެޓް އެކަޑަމީ އާއި ސީބީއެލް ސްޕޯޓްސްއެވެ. އެ ދުވަހު މެންދުރު ފަހު ދެވަނަ މެޗްގައި ބައްދަލުކުރާނީ މާލޭ ވެޓްރަންސްއާއި މާލޭ ސްޕޯޓްސް ކްލަބެވެ. ކުޅުން ކުރިއަށް ދާނީ ކުޅިވަރު އެކުވެނީގެ އެއް ނަމްބަރު ދަނޑުގައެވެ.

comment ކޮމެންޓް