ދުޝްމަނުންގެ ރޭވުންތައް ނާކާމިޔާބުކޮށްލެވޭނެ އެންމެ ވަރުގަދަ ހަތިޔާރަކީ ރައްޔިތުންގެ އެއްބައިވަންތަކަން: ރައީސް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު--- ފޮޓޯ/ ރައީސް އޮފީސް

ރައްޔިތުންގެ އެކުވެރިކަމާއި އެއްބައިވަންތަކަމަކީ، ދުޝްމަނުންގެ ނުބައި ރޭވުންތައް ނާކާމިޔާބުކޮށްލެވޭނެ އެންމެ ވަރުގަދަ ހަތިޔާރު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު މިއަދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު އެހެން ވިދާޅުވީ، މިއަހަރުގެ ނަސްރުގެ ދުވަހުގެ މުނާޞަބަތުގައި ފޮނުއްވި ޚިޠާބުގައެވެ. ރައީސްގެ ޚިޠާބުގައި އެމަނިކުފާނު ވިދާޅުވީ ނަސްރުގެ ދުވަހުގެ ހަނދާންތަކުން ވަރަށް ގިނަ ޢިބްރަތްތަކެއް ލިބިގެންދާ ކަމަށެވެ.

އެންމެ ފުރަތަމަ ކަމަކީ، ފުރިހަމަ އީމާންތެރިކަމާއި ހިތްވަރާއި ސާބިތުކަމާއެކު މާތް ނިޔަތެއްގައި ޖިހާދުކުރާ ކޮންމެ މީހަކަށްވެސް، މާތް ﷲގެ މަދަދާއި ނަސްރުން ކާމިޔާބު ދެއްވާނެ ކަން ކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ އަނެއް ކަމަކީ، ދުޝްމަނުންގެ މަކަރުވެރި ރޭވުންތަކާއި ޓެރަރިޒަމްގެ ނުރައްކާތެރި ޢަމަލުތަކާ މެދު، އަބަދުވެސް ހޭލައި ތައްޔާރުވެ ތިބެންޖެހޭނެ ކަން ކަމަށެވެ.

ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ތިނެއް ނޮވެމްބަރުގެ ހަނދާނީ ބިނާގައި ދިދަ ޖެހުމާއި ގާޑް މައުންޓް ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/މުހައްމަދު ހައްޔާން

ހަމައެފަދައިން، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދިފާއުކުރުމުގެ ގާބިލުކަމާއި ހިތްވަރާއި ކެރުން ހުރި ދިވެހި ޒުވާނުންތަކަކަށް ގައުމު ބޭނުންވާ ކަމަށް ރައީސް ވިދާޅުވިއެވެ.

"އެ ދުވަހު ދިވެހިންނަށް އެކަލާނގެ ދެއްވި މަތިވެރި ނަޞްރުގެ ހަނދާންތައް އައުކުރުމުގެ އެންމެ މުހިންމު ބޭނުމަކީ، އެ މަތިވެރި ނަސްރު ލިބުމަށް މެދުވެރިވި ސަބަބުތަކުގައި ހިފައި އެގޮތުގައި ސާބިތުވެ ތިބުމުގެ އަޒުމް އައުކުރުން. ދިވެހި ސިފައިންގެ ސަފުތަކުގެ ބަދަހިކަން އިތުރުކުރުމުގެ ވަރުގަދަ ރޫހު މުޅި އަސްކަރިއްޔާގައި ދެމެހެއްޓުމަށް، ސިފައިންގެ ކޮންމެ މީހަކު ފަރުދީ ގޮތުންވެސް މަސައްކަތް ކުރުން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ނޮވެންބަރު ތިނެއްގެ އުދުވާނީ ހަމަލާއިން ދިވެހި ގައުމު ދިފާޢުކުރުމަށް، ދިވެހި އުންމަތް ތެދުވީ އެއް ހަށިގަނޑެއް ފަދައިން ކަމަށެވެ. އަދި މާތް ﷲ ދިވެހިންނަށް އެ ދުވަހު ދެއްވި ސާބިތުކަމުގެ އަސްލަކީ، ދިވެހިންގެ ހިތްތަކުގައި އޮތް އިސްލާމްދީނުގެ ސައްހަ އަގީދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެ ދުވަހު ދިވެހިންނަށް ދެއްވި ހިތްވަރުގެ ސިއްރަކީ، ދިވެހިންގެ ހިތްތަކުގައި މި ވަތަނާ މެދު އޮތް ގައުމީ ލޯބިކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ދިވެހި ސިފައިންގެ ހަކަތައަކީ، ދިވެހި އާސްކަރިއްޔާއާ މެދު ދިވެހިންގެ ހިތްތަކުގައި އޮތް އިތުބާރާއި ޔަގީންކަން ކަމަށެވެ.

"ދުޝްމަނުންނަށް ލިބުނު އެންމެ ބޮޑު ބިރާއި ސިހުމަކީ، ދިވެހިންގެ ކިބައިން ފެނުނު އެއްބައިވަންތަކަމާއި އެކުވެރިކަން. މި މަތިވެރި ސިފަތަކަކީ، މި ގައުމުގެ ދިފާއުގައި އެންމެ އިހުއްސުރެ ޖިހާދުކުރެއްވި ގައުމީ ބަތަލުންގެ ފުށުން ވާރުތަވެފައިވާ، ދިވެހި ގައުމިއްޔަތުގެ ކީރިތިކަމާއި މޫރިތިކަމުގެ ރަމްޒުތައް،" ރައީސް ޞާލިހު ވިދާޅުވިއެވެ.

ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ތިނެއް ނޮވެމްބަރުގެ ހަނދާނީ ބިނާގައި ދިދަ ޖެހުމާއި ގާޑް މައުންޓް ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/މުހައްމަދު ހައްޔާން

ރައީސް ވިދާޅުވީ ޢަލީ ރަސްގެފާނުގެ މަތިވެރި ގުރުބާނީ އާއި ބޮޑުތަކުރުފާނުގެ ގައުމީ ޖިހާދާއި، ދޮން ބަންޑާރައިންގެ ޖިހާދުން ވެސް ފެންނަން ހުރީ އެ ސިފަތައް ކަމަށެވެ.

"ތިނެއް ނޮވެމްބަރުގެ އުދުވާނީ ހަމަލާއިން ގައުމުގެ ދިފާއުކޮށްދިން އެންމެ އިސް ބަތަލުކަމަށް ދިވެހި އުންމަތް ހެކިވާ، ހދ. ކުޅުދުއްފުށީ ޝަހީދު ޙުސައިން އާދަމްގެ ހިތްވަރާއި މަތިވެރި ޤުރުބާނީ ރަމްޒުކޮށްދެނީ ވެސް ހަމަ މި ސިފަތައް،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ގައުމުގެ މިނިވަންކަމާއި ދިވެހި ރައްޔިތުންގެ ދިފާއުގައި ގުރުބާންވި އެތައް ދިވެހިންނެއްގެ ހަނދާންތައް އައުކުރާ ކޮންމެ މުނާސަބަތެއްގައި، ހަނދާނުގައި ބަހައްޓަންވީ މި ގައުމަށްޓަކައި އަދާކުރަން ޖެހިފައިވާ ގައުމީ ވާޖިބު ކަމަށެވެ.

އެއީ ކޮންމެ ކަމެއްގައި ވެސް ގައުމީ މަސްލަހަތާއި ގައުމުގެ ސުލްހަ މަސަލަސްކަން އިސްކުރުމަށް މަސައްކަތް ކުރުން ކަމަށާއި ގައުމުގެ ހަމަޖެހުމާއި އަމާންކަމަށް އިސްކަން ދިނުން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މި ކަންކަމަށް އިސްކަން ދިނުމުގެ ސިފަތައް ދަރިންގެ ހިތްތަކުގައި އަށަގެންނެވުމަށްޓަކައި، އެ ދަރިންގެ ހިތްތަކުގައި ގައުމާ މެދު ލޯތްބާއި ކުލުނު އުފައްދަން މަސައްކަތް ކުރުން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

"ނަސްރުގެ ދުވަސް ފާހަގަކުރާ އިރު، ދިވެހި އުންމަތުގެ ދިފާއުގައި ގުރުބާންވުމަށް ތައްޔާރުވެގެން ތިބި ހިތްވަރުގަދަ ދިވެހި ސިފައިން ދިވެހި ގައުމަށް ކޮށްދެއްވަމުން ގެންދަވާ ޚިދުމަތްތަކަށްޓަކައި އަޅުގަނޑުމެންގެ ހިތްތަކުގައި ވަނީ ލޯތްބާއި ތަޢުރީފު،" ރައީސް ޞާލިހު ވިދާޅުވިއެވެ.

ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ތިނެއް ނޮވެމްބަރުގެ ހަނދާނީ ބިނާގައި ދިދަ ޖެހުމާއި ގާޑް މައުންޓް ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/މުހައްމަދު ހައްޔާން

އެމަނިކުފާނު ވިދާޅުވީ ދިވެހި ސިފައިންގެ ކޮނޑުގައި އެޅިފައިވާ އަސްކަރީ ވާޖިބުތަކުގެ އިތުރުން، ދިވެހި ގައުމަށް ކުރިމަތިވާ ކޮންމެ ކާރިސާއަކާއި ކޮންމެ ހާދިސާއެއްގައި ވެސް، ދިވެހި ރައްޔިތުންނަށް ޚިދުމަތްކުރުމާއި އެހީތެރިވެދިނުމުގައި އެންމެ ފުރަތަމަ އިސްނަގައި އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވާ ބަޔަކީ ދިވެހި ސިފައިން ކަމަށެވެ. އެކަމަށްޓަކައި ދިވެހި ސިފައިންނަށާއި ސިފައިންގެ އާއިލާތަކަށް އެންމެހައި ދިވެހިންގެ ނަމުގައި ރައީސް ވަނީ ޝުކުރުދަންނަވާފައެވެ.

މިއަދަކީ، 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތިން ވަނަ ދުވަހު، މާލެއަށް ދެވުނު އުދުވާނީ ހަމަލާއަށް 34 އަހަރު ފުރުނު ދުވަހެވެ. އެ އުދުވާނީ ހަމަލާގައި ދިވެހި ސިފައިންގެ އަށް ބޭކަލަކާއި، އާއްމުންގެ ތެރެއިން 11 މީހަކު ޝަހީދުވިއެވެ.

comment ކޮމެންޓް