ހިންދޫ އަޅުކަމަކުން މަގު ހަދަން ފެށި މައްސަލަ ފުލުހަށް ހުށަހަޅައިފި

އިސްލާމިކް މިނިސްޓަރު ޑރ. އަޙްމަދު ޒާހިރު ޢަލީ -- ސަން ފޮޓޯ/ އަޙުމަދު އަވްޝަން އިލްޔާސް

އައްޑޫ ސިޓީ ހިތަދޫގެ މަގުތައް ތަރައްގީކުރުމުގެ މަސައްކަތް ފަށަން, އެ މަސައްކަތްކުރާ އިންޑިއާގެ އެފްކޮންސް ކުންފުނިން ހިންދޫ އަޅުކަމެއްކުރި މައްސަލަ އިސްލާމިކް މިނިސްޓްރީން ފުލުހަށް ހުށަހަޅައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، އައްޑޫ ސިޓީގައި ކުރިއަށްގެންދިޔަ މަަޝްރޫއެއްގައި އިސްލާމްދީނާއި ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ ޚިލާފަށް އެހެން ދީނެއްގެ ޝިއާރެއް ފާޅުކޮށްފައިވާކަމަށެވެ. އަދި އެކަން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ކުށްވެރިކުރައްވާފައިވާކަމަށް އެ މިނިސްޓްރީން ބުންޏެވެ.

"ދީނެއްގެ ޝިޔާރެއް ބޭނުންކޮށްގެން އެެއްވެސް ކަމެއް ކުރުމަކީ ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނާއި ގަވާއިދުން ކަނޑައެޅިގެން މަނާ ކަމެއް،" އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

އެހެންކަމުން މިނިސްޓަރު ވަނީ ރާއްޖެއިން ބޭރުގެ ފަރާތްތައް ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރިކުރުވުމަށް ކަމާ ގުޅުންހުރި ފަރާތްތަކަށް ގޮވާލައްވާފައެވެ.

އިއްޔެ ހިތަދޫގެ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް އެފްކޮންސްއިން ފަށައިފައިވަނީ ހިންދޫ އަޅުކަމެއްކަމަށްވާ ކާށި ފެޅުމުގެ ހަރަކާތަކުންނެވެ. އެގޮތުން މަސައްކަތުގައި ބޭނުންކުރާ މެޝިނެއް ކައިރީ އަޅުކަން ކުރުމަށްފަހު، އެ މެޝިނުގައި ކާއްޓަކުން ޖަހާ ފަޅައިލާ މަންޒަރު ފެނެއެވެ.

އެ މަސައްކަތުގައި ބައިވެރިވާ އެފްކޮންސްގެ ހުރިހާ މުވައްޒަފުން ވެސް އެ ފަދައިން އެކަން ކުރާ މަންޒަރު މީސް މިޑިއާގައި އާންމުވެފައިވާ ވީޑިއޯއަކުން ފެނެއެވެ.

އައްޑޫ ސިޓީން "ސަން"އާ ވާހަކަދެއްކި ބައެއް މީހުން ވަނީ އެކަމާ އެމީހުން ކަންބޮޑުވާކަމަށް ބުނެފައެވެ.

މައްސަލައާ ގުޅިގެން އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވީ އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ޓަކައި އިއްޔެ ހަފުލާއެއް އޮތްކަން ވެސް ކައުންސިލްގެ އެއްވެސް މެމްބަރަކަށް އެނގިފައިނުވާކަމަށެވެ.

އެފަދަ ހިންދޫ އަޅުކަމަކުން މަސައްކަތް ފެށިކަން ސަމާލުކަމަށް އައީ މީސް މީޑިއާގެ ޒަރީއާއިންކަމަށް ވެސް ނިޒާރު ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް އަނެއްހެން، ރަސްމީކޮށް އެނގިގެން ވީކަމެއް ނޫން. އަޅުގަނޑުމެން ހާޒިރުވި ތަނެއް ވެސް ނޫން. ކައުންސިލަށް އެ މަސައްކަތް ފެށޭކަން އަނެއްހެން އަންގާފައެއް ވެސް ނުވޭ. ސޯޝަލް މީޑިއާއިން އަޅުގަނޑުމެންނަށް އެ މަންޒަރު ފެނުނު. ރާއްޖޭގެ ގާނޫނުތައް ހުރި ގޮތުން އެ ގޮތަށް އޯޕަންކޮށް އެކަހަލަ ކަންކަން ކުރުން އެއީ ރަނގަޅު ގޮތެއް ނޫން،" އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް