ހިންދޫ އަޅުކަމުން މަގު ހަދަން ފެށީ ކައުންސިލަށް ނޭނގި، ނަސޭހަތް ދީފިން: މޭޔަރު ނިޒާރު

ހިންދޫ އަޅުކަމުން އައްޑޫ ސިޓީ ހިތަދޫ މަގު ހަދަން ފެށުން --

އައްޑޫ ސިޓީ ހިތަދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތާރު އަޅައިގެން ތަރައްގީކުރުމުގެ މަސައްކަތް ފަށަން އެ މަސައްކަތްކުރާ އިންޑިއާގެ އެފްކޮންސް ކުންފުނިން ހިންދޫ އަޅުކަމުން އެ ކަން ފެށުމަކީ ގޯހެއްކަމަށާއި އެ ކަން ކުރި މީހުންނަށް ނަސޭހަތް ދީފައިވާނެކަމަށް އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

އިއްޔެ ހިތަދޫގެ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް އެފްކޮންސްއިން ފަށައިފައިވަނީ ހިންދޫ އަޅުކަމެއްކަމަށްވާ ކާށި ފެޅުމުގެ ހަރަކާތަކުންނެވެ.

https://twitter.com/ThohaYasin/status/1587396989431738368?s=20&t=7C-VV75CYzXk4UmFjUCCpg

އެގޮތުން މަސައްކަތުގައި ބޭނުންކުރާ މެޝިނެއް ކައިރީ އަޅުކަން ކުރުމަށްފަހު، އެ މެޝެނުގައި ކާއްޓަކުން ޖަހާ ފަޅައިލާ މަންޒަރު ފެނެއެވެ.

އެ މަސައްކަތުގައި ބައިވެރިވާ އެފްކޮންސްގެ ހުރިހާ މުވައްޒަފުން ވެސް އެ ފަދައިން އެކަން ކުރާ މަންޒަރު މީސް މިޑިއާގައި އާންމުވެފައިވާ ވީޑިއޯއިން ފެނެއެވެ.

އައްޑޫ ސިޓީން "ސަން"އާ ވާހަކަދެއްކި ބައެއް މީހުން ވަނީ އެކަމާ އެމީހުން ކަންބޮޑުވާކަމަށް ބުނެފައެވެ.

"އަޅުގަނޑުމެންގެ ފަސްގަނޑުގައި އަޅުގަނޑުމެންގެ އުސޫލުތަކާ އާދަކާދައާ ސީދާ ފުށު އަރާ ކަންކަން ކުރަން އެއްވެސް ބަޔަކު ފުރުސަތު ދީގެން ނުވާނެ. މި ކަންކަން މިހެން ވާން ދޫކޮށްލެވޭނަމަ މިއީ ބިރުވެރި ކަންކަން. އެފްކޮންސްގެ މި މުވައްޒަފުންނާމެދު ފިޔަވަޅު އަޅަންޖެހޭ،" އޭނާ ބުންޏެވެ.

މައްސަލައާ ގުޅިގެން އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވީ އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ޓަކައި އިއްޔެ ހަފުލާއެއް އޮތްކަން ވެސް ކައުންސިލްގެ އެއްވެސް މެމްބަރަކަށް އެނގިފައިނުވާކަމަށެވެ.

އެފަދަ ހިންދޫ އަޅުކަމަކުން މަސައްކަތް ފެށިކަން ސަމާލުކަމަށް އައީ މީސް މީޑިއާގެ ޒަރީއާއިންކަމަށް ވެސް ނިޒާރު ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް އަނެއްހެން، ރަސްމީކޮށް އެނގިގެން ވީކަމެއް ނޫން. އަޅުގަނޑުމެން ހާޒިރުވި ތަނެއް ވެސް ނޫން. ކައުންސިލަށް އެ މަސައްކަތް ފެށޭކަން އަނެއްހެން އަންގާފައެއް ވެސް ނުވޭ. ސޯޝަލް މީޑިއާއިން އަޅުގަނޑުމެންނަށް އެ މަންޒަރު ފެނުނު. ރާއްޖޭގެ ގާނޫނުތައް ހުރި ގޮތުން އެ ގޮތަށް އޯޕަންކޮށް އެކަހަލަ ކަންކަން ކުރުން އެއީ ރަނގަޅު ގޮތެއް ނޫން،" އޭނާ ވިދާޅުވިއެވެ.

ނިޒާރު ވިދާޅުވީ މީގެ ކުރިން ވެސް ދިވެހީންގެ އާދަތަކާއި އުސޫލުތަކާ ގުޅޭ މައުލޫމާތު މަސައްކަތްކުރާ ފަރާތްތަކަށް ދީފައިވާނެކަމަށެވެ. އަދި އިއްޔެގެ ހާދިސާއާ ގުޅިގެން އެފަދަ ކަމެއް ތަކުރާރު ނުކުރުމަށް އެދި ނަސޭހަތް ދީފައިވާނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އައްޑޫގެ މަގުތައް ހަދަނީ އިންޑިއާގެ އެގްޒިމް ބޭންކުގެ 800 މިލިއަން ރުފިޔާގެ ކްރެޑިޓް ލައިންގެ ތެރެއިން 1.2 މިލިއަން ރުފިޔާ ޚަރަދުކޮށްގެންނެވެ.

comment ކޮމެންޓް