މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މަރުވި އަބްދުﷲ ރަޝީދުގެ މަރުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން ބަލަން ފަށައިފިއެވެ.
މިއަދު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮމިޓީ މުގައްރިރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު އަސްލަމް ވިދާޅުވީ އެ މައްސަލައަކީ މަޑަވެލި ދާއިރާގެ މެމްބަރު ހުސައިން ފިރުޝާން ފޮނުއްވާފައިވާ މައްސަލައެއް ކަމަށެވެ.
އެގޮތުން މެމްބަރު ފިރުޝާން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް ފޮނުއްފި ސިޓީގައި އަބްދުﷲ ރަޝީދު މަރުވި ހާދިސާ ހިނގައިދިޔައީ ފުލުހުންގެ އިހުމާލުން ކަމަށް ދެކޭ ކަމަށް ބުނެފައިވާ ކަމަށް އަސްލަމް ވިދާޅުވިއެވެ.
އަބްދުﷲ ރަޝީދު މެޔަށް ތަދެއް އަރައިގެން ފަރުވާއަށް އެދުނުއިރު އެތަނުގައި މެމްބަރު ފިރުޝާން ހުންނެވިއެވެ. އަދި ޑޮކްޓަރަށް ގެންދިއުމަށް ލަފާވެސް ދެއްވިއެވެ. ނަމަވެސް އަބްދުﷲ އެކްޓް ޖައްސަނީ ކަމަށް ބުނެ ފަރުވާ ދޭން ފުލުހުން ދެކޮޅު ހެދި ކަމަށް އާއިލާއިން ބުނެއެވެ.
"އެ މައްސަލަ 241 ކޮމިޓީން ވީ އެންމެ އަވަހަށް ބެލުމަށް ވަނީ އެދިފައި. އެ ހާދިސާ ހަމަލޮލުން ދުށް މީހެއްގެ ހައިސިއްޔަތުން ކޮމިޓީގައި އެ ހާދިސާގައި ކަން ހިނގައިދިޔަގޮތް ހިއްސާ ކުރަން ބޭނުންވާ ކަން މެމްބަރު ވަނީ ފާހަގަކުރައްވާފައި،" މެމްބަރު އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ އެ މައްސަލައިގެ މައުލޫމާތު ދިނުމަށް ފުލުހުންނަށް މިހާރު ދަންނަވާފައިވާ ކަމަށެވެ.
އަބްދުﷲ ރަޝީދުގެ އާއިލާއިން ވެސް ބުނީ އޭނާ މަރުވެފައި ވަނީ ފުލުހުންގެ އިހުމާލުގެ ސަބަބުން ކަމަށެވެ. އަދި އަބްދުﷲގެ ޕޯސްޓްމޯޓަމް ހަދަން ބޭނުން ނޫން ކަމަށް އާއިލާއިން ބުނި ނަމަވެސް ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)އިން ވަނީ ޕޯސްޓްމޯޓަމް ހަދަން ނިންމައިފައެވެ.
އޭގެ ސަބަބުން އާއިލާއިން އަބްދުﷲގެ ހަށިގަނޑި ހޯދުމަށް ސިވިލް ކޯޓަށް މައްސަލައެއް ވެސް ހުށަހެޅިއެވެ. ސިވިލް ކޯޓުން ވަނީ ޕޯސްޓްމޯޓަމް ހެދުން ހުއްޓުވަން ޖެހޭނެ ތަނެއް ނެތް ކަމަށް ނިންމާފައެވެ.
އެއާ އެކު އަބްދުالله ރަޝީދުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް މިދިޔަ ހޯމަ ދުވަހުގެ ހެނދުނު އިންޑިއާއަށް ފޮނުވާލާފައިވާ ކަމަށް އެންއައިސީން ވަނީ 'ސަން' އަށް ކަށަވަރުކޮށްދީފައެވެ.
ޕޯސްޓްމޯޓަމަށްފަހު ހަށިގަނޑު ރާއްޖެ ގެންނާނެ ކަމަށް ވެސް އެންއައިސީން ބުންޏެވެ. އޭނާގެ ހަށިގަނޑު އަދި ރާއްޖެ ނުގެނެއެވެ.
އަބްދުﷲ ރަޝީދުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން ފޮނުވުމުގެ ކުރިން ރޭ އޭނާގެ މޫނު ވަނީ އާއިލާއަށް ދައްކައިފައެވެ.
އަބްދުﷲ މަރުވީ މަސްތުވާތަކެތީގެ މައްސަލައެއްގައި އޭނާ ހައްޔަރު ކުރުމަށް ފަހު ހޯނޑެއްދުއިން އެހެން ރަށަކަށް ގެންދިއުމަށް ލޯންޗަކަށް އަރުވާފައި ހުއްޓާ މެޔަށް ތަދެއް އަރައިގެންނެވެ. ތަދު އެރުމާއެކު ފަރުވާ ދިނުމަށް ފުލުހުންގެ ގާތު އަބްދުﷲ އެދުނު ކަމަށާއި ނަމަވެސް އެއީ އެކްޓް ޖެއްސުން ކަމަށް ބުނެ ފުލުހުން ފަރުވާ ނުދިން ކަމަށް އެ އާއިލާއިން ބުނެއެވެ.