އަރަބިއްޔާގެ އާ އިމާރާތް ހެދުމަށް ބޭނުންވާ ފައިސާ ވަނީ ބަޖެޓްކުރެވިފައި: ޢާއިޝަތު އަލީ

އެޑިއުކޭޝަން މިނިސްޓަރު ޑރ. ޢާއިޝަތު އަލީ --- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

އަރަބިއްޔާ ސްކޫލްގެ އާ އިމާރާތުގެ މަސައްކަތް ހަމަޖެހިފައިވާގޮތަށް ކުރިއަށްދާކަމަށާއި، އެކަމަށް ބޭނުންވާ ފައިސާ ބަޖެޓުގައި ހިމަނާފައިވާކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ ވިދާޅުވެއްޖެއެވެ.

އަރަބިއްޔާ ސްކޫލްގެ ނަމުގައި އިމާރާތެއް އެޅުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައި ނުވާކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދައިރާގެ މެންބަރު އަހުމަދު ތޯރިގް އިއްޔެ ވަނީ ޓްވީޓެއް ކުރަައްވާފައެވެ.

އެކަމާ ގުޅޭގޮތުން "ސަން"އާ ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ވިދާޅުވީ މަހިބަދޫ ދާއިރާގެ މެންބަރު ތޯރިގު ކުރެއްވި ޓްވީޓުގައި ވަނީ ސައްޙަ މައުލޫމާތެއް ނޫން ކަމަށެވެ.

ބާ ޖަމާލުއްދީން ބިމުގައި އަޅާ އަރަބިއްޔާ ސްކޫލްގެ އިމާރާތުގެ މަސައްކަތް އަމީން ކޮންސްޓްރަކްޝަނާ ހަވާލުކޮށްފައިވާކަމަށާއި، އެ މަޝްރޫއުގެ މަސައްކަތް އެއްބަސްވުމާ އެއްގޮތަށް ކުރިއަށްދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު "ސަން"އާ ހިއްސާކުރެއްވި މައުލޫމާތަށް ބަލާއިރު، އަރަބިއްޔާ ސްކޫލުގެ އައު އިމާރާތް ހެދުމަށް 99.5 މިލިއަން ރުފިޔާ ވަނީ ބަޖެޓްކޮށްފައެވެ. އެ އިމާރާތުގެ ފިނިޝިން މަސައްކަތަށާއި ފަރުނީޗަރު ހޯދުމަށް 15.5 މިލިއަން ރުފިޔާ ބަޖެޓް ކޮށްފައިވާ ކަމަށް ވެސް ޢާއިޝަތު އަލީ ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓްރީން މަޖިލީހަށް ހުށަހަޅާފައިވާ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް ބަލާއިރު، އެޑިއުކޭޝަން މިނިސްޓްރީގެ ބަޖެޓްގައި ހިމަނައިގެން އަލްމަދަރުސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާއަށް 34.7 މިލިއަން ރުފިޔާ ވަނީ އެކަށަ އަޅާފައެވެ. ނަމަވެސް އަރަބިއްޔާގެ އައު އިމާރާތެއްގެ ވާހަކަ ބަޔާންކޮށްފައެއް ނެތެވެ.

ބާ ޖަމާލުއްދީން ސްކޫލް ހުރި ބިމުގައި އަލަށް އިމާރާތް ކުރާ އަރަބިއްޔާ ސްކޫލާއި ޖަމާލުއްދީން ސްކޫލްގެ އާ އިމާރާތް އެޅުމަށް ސަރުކާރުން އަމީން ކޮންސްޓްރަކްޝަނާ ހަވާލުކޮށްފައިވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހެވެ.

އަރަބިއްޔާއަށް އާ އިމާރާތެއް އަޅައިދޭން ސަރުކާރުން ނިންމާފައިވަނީ މީގެ ހަތް ވަރަކަށް އަހަރު ކުރިން ކިޔަވައިދޭން ފެށި އަރަބިއްޔާ އިމާރާތުގައި ރެނދުލައި އެތަން ބޭނުންކުރަން ރައްކާތެރިނުވާތީއެވެ. ޗާންދަނީމަގު އަމީނިއްޔާ ސްކޫލް ކައިރީ ހުންނަ އެ އިމާރާތް ބޮލަށް ވެއްޓޭ ހިސާބަށް ދިއުމުން އެތަން ހުސްކުރުމަށްފަހު އަރަބިއްޔާ ދަރިވަރުން މިހާރު ކިޔަވަމުންދަނީ ކުރިން ފޮރިން މިނިސްޓްރީ ހިންގި ސޯމިލް ކޮށީގައެވެ.

comment ކޮމެންޓް