އަރަބިއްޔާ ސުކޫލު ވަގުތީ ގޮތުން ފޮރިން މިނިސްޓްރީ ހިންގި އިމާރާތަށް

ފޮރިން މިނިސްޓްރީ ކުރިން ހިންގި ވަގުތީ އިމާރާތް -- ސަން ފޮޓޯ

އަރަބިއްޔާ ސުކޫލު ވަގުތީ ގޮތުން، ފޮރިން މިނިސްޓްރީ ހިންގި އިމާރާތަށް ބަދަލުކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފިއެވެ.

ރައީސް މިގޮތަށް ނިންމަވައި، އަރަބިއްޔާ ސުކޫލުގެ ޕީޓީއޭއަށް އެންގެވިކަން އެ ސުކޫލުގެ ޕީޓީއޭ މެންބަރަކު ވަނީ "ސަން"އަށް ކަށަވަރު ކޮށްދެއްވައިފައެވެ.

ޕީޓީއޭ މެންބަރު ވިދާޅުވީ ވަގުތީ ހައްލެއްގެ ގޮތުން ސޯމިލް އިމާރާތަށް އަރަބިއްޔާ ބަދަލުކުރުމަށްފަހު، ރައީސް ސޯލިހުގެ ދައުރު ނިމުމުގެ ކުރިން އަރަބިއްޔާ ދަރިވަރުންނަށް ދާއިމީ ހައްލެއް ހޯދައިދެއްވާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވި ކަމަށެވެ.

އަރަބިއްޔާ ސްކޫލް އިމާރާތުގައި ރެނދުލައި، އެތަނުގައި ކިޔެވުމަކީ ދަރިވަރުންނަށް ނުރައްކާތެރި ކަމެއް ކަމަށް ބެލެނިވެރިން ބުނަމުން ދަނިކޮށް އެކުދިން ވަގުތީ ގޮތުން އިއްޒުއްދީން ސްކޫލަށް ބަދަލު ކުރަން އެޑިއުކޭޝަން މިނިސްޓްރީން މިދިޔަ ހަފްތާގައި ނިންމިއެވެ.

ނަމަވެސް އެ ސްކޫލްގެ ބެލެނިވެރިން އެ ނިންމުމާ ދެކޮޅު ހެދުމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވަނީ އާ އިމާރާތެއް އަޅަން މާލެއިން ބިމެއް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެފައެވެ. އޭގެ ފަހުން މިހާރު ހުރި އަރަބިއްޔާ ސްކޫލް އިމާރާތުގެ ބަދަލުގައި އާ އިމާރާތެއް އަޅަން ބާ ޖަމާލުއްދީން ބިން ދޭން ރައީސް ސޯލިހު ނިންމެވިއެވެ.

އަރަބިއްޔާގެ މައްސަލައިގައި އެ ސްކޫލްގެ ބެލެނިވެރިން ވަނީ "ސޭވް އަރަބިއްޔާ"ގެ ނަމުގައި މުޒާހަރާވެސް ކޮށްފައެވެ.

އަރަބިއްޔާ ސުކޫލަކީ 2011 ވަނަ އަހަރުގެ ތެރޭގައި އިމާރާތްކޮށް 2013 ގައި ހުޅުވި ސުކޫލެކެވެ. އެ އިމާރާތަށް ގިނަ ދުވަސްތަކެއް ނުވި ނަމަވެސް އިމާރާތުގެ ބޮޑު ބައިގައި ވަނީ ރެނދު ލައިފައެވެ. އޭގެ ސަބަބުން ސްކޫލްގެ ބެލެނިވެރިން ކަންބޮޑުވުންފާޅުކުރާތާ ދުވަސްތަކެއް ވެއްޖެއެވެ.

comment ކޮމެންޓް