ބްރޯޑްކާސްޓިން ކޮމިޝަނުން ރީބްރޯޑްކާސްޓް ކުރުމާ ގުޅޭ ގަވާއިދަށް ގެނައި އިސްލާހަކީ ދިވެހިރާއްޖެއަށް ލިބެން އޮތް ބޭރުގެ އިންވެސްޓްމަންޓްތަކަށް އޮތް ހުރަހެއް ކަމަށް އުރީދޫ މޯލްޑިވްސްއިން ބުނެފިއެވެ.
ރީބްރޯޑްކާސްޓް ކުރުމުގެ ގަވާއިދާ ގުޅޭގޮތުން މައުލޫމާތު ސާފުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ކޮމިޓީއަށް ހާޒިރުވެ ވާހަކަދައްކަވަމުން އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސެއިން ނިޔާޒް ވިދާޅުވީ މި އިސްލާހާމެދު އުރީދޫއިން ކަންބޮޑުވާ ކަމަށާއި، ގާނޫނާއި ގަވާއިދު ހެދުމުގެ މިންގަނޑުތަކަށް ބަލާއިރުވެސް އެއީ ރަނގަޅު ގަވާއިދެއް ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.
އެ ގަވާއިދަށް ގެނައި އިސްލާހުގެ ދަށުން، ރީބްރޯޑްކާސްޓް ކުރަން އެދޭ ކުންފުންޏަކީ 100 ޕަސެންޓް ދިވެހިން ހިއްސާވާ ކުންފުންޏަކަށް ވާންޖެހެއެވެ.
މިކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައި ނިޔާޒް ވިދާޅުވީ، ވީހާވެސް ގިނަ ބަޔަކަށް ވިޔަފާރީގެ ތެރެއަށް ނުކުމެވޭ ގޮތަށް ގާނޫނުތައް ހަދަމުން ދާއިރު ގަވާއިދެއްގެ ސަބަބުން މިއައި ބަދަލާއެކު އެކަމަށް ހުރަހެއް ކުރިމަތި ވުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށެވެ.
"ބްރޯޑްކާސްޓިން ގާނޫނަށް ވުރެ ފުޅާކޮށް ރެގިއުލޭޝަންސް އެއޮތީ ހެދިފަ. ގާނޫނު ހެދުމުގެ މިންގަނޑުތަކަށް ބަލާއިރުވެސް އެއީ ރަނގަޅު ގާނޫނެއް ކަމަށް އަޅުގަނޑުމެންނަކަށް ގަބޫލެއް ނުކުރެވޭ،" ނިޔާޒް ވިދާޅުވިއެވެ.
މީގެ އިތުރުން އުރީދޫގެ ނޮން އިންޑިޕެންޑެންޓް ނޮން އެގްޒެކެޓިވް ޑިރެކްޓަރު ދީނާ ހުސައިން ވިދާޅުވީ، އުރީދޫގެ ޚިދުމަތްތައް ފުޅާކޮށް ގިނަ ރައްޔިތުންނަށް ޚިދުމަތް ލިބޭނެ ގޮތަށް އެކުންފުނިން ކުރަމުންދާ މަސައްކަތުގެ ދަށުން ރީބްރޯޑްކާސްޓިން ލައިސެންސެއް ހޯދުމަށް މަސައްކަތް ފަށާފައިވާ ކަމަށެވެ. ނަމަވެސް އާ އިސްލާހުގެ ސަބަބުން އެކަމަށް ހުރަސް އެޅޭކަން އޭނާ ފާހަގަކުރެއްވިއެވެ.
މިއަދުގެ ކޮމިޓީގައި މީޑިއާނެޓުގެ ހިއްސާދާރު އަހުމަދު ނާޝިދު ވެސް ރާއްޖޭގެ ރީބްރޯޑްކާސްޓިން ދާއިރާއާ ބެހޭ ގޮތުން ވާހަކަދެއްކެވިއެވެ. އެގޮތުން އެ ދާއިރާގައި އެއްބަޔަކު އަނެއް ބަޔަކާ ވާދަކޮށް ބޮޑެތި އަދަދުން ހަރަދު ކުރަމުންދާ ކަމަށާއި ކުރިއަށް އޮތް ފީފާ ވޯލްޑްކަޕް ރައިޓްސް ދިވެހިރާއްޖެއަށް ވިއްކިޔަ ނުދިނުމަށް ބަޔަކު ފަސް ހަ ފަހަރު މަސައްކަތް ކޮށްފައިވާނޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ނާޝިދު ވިދާޅުވީ މީޑިއާނެޓުން ރާވާފައި އޮތީ ކޮންޓެންޓް ނަގައިގެން ޝެއާ ކުރުމަށް ކަމަށާއި، ރައްޔިތު މީހާއަށް މެޗުތައް ހިލޭ ފެނުނަސް އެކަމަށް ރީބްރޯޑްކާސްޓަރުންގެ އަތުން ބޮޑު ހޭދައެއް ވާކަމަށެވެ.
ޕީއެސްއެމްއިން މިއަދު ބުނި ގޮތުގައި ވޯލްޑް ކަޕް ރާއްޖޭގައި ދެއްކުމުގެ ރައިޓްސް އޮފާ ފުރަތަމަ ލިބުނީ އެ މީޑިއާއަށެވެ. ނަމަވެސް އެކަމަށް ބިޑް ކުރުމަށް ފަހު، ފައިސާ ނެތުމުން ބިޑް އަނބުރާ ގެންދިޔައީ ކަމަށް ޕީއެސްއެމްއިން ބުންޏެވެ.
ރާއްޖޭގައި ވޯލްޑް ކަޕް ދެއްކުމުގެ ރައިޓްސް ގަނެފައި ވަނީ މީޑިއާނެޓުންނެވެ. އެހެންކަމުން ޕީއެސްއެމްއިން ވަނީ މީޑިއާނެޓުން ރައިޓްސް ގަންނަން އެއްބަސްވުން ހަދައިފައެވެ.
ބްރޯޑްކޮމްއިން ރީބްރޯޑްކާސްޓް ކުރުމާ ގުޅޭ ގަވާއިދަށް ގެނައި އިސްލާހާއެކު މިހާރު ފުރުސަތު ބަންދުވެފައިވަނީ ދިވެހިރާއްޖޭގެ އެންމެ ބޮޑު މުއާސަލާތީ ކުންފުނި ކަމުގައިވާ ދިރާގަށެވެ. ދިރާގުގެ 52 ޕަސެންޓު ހިއްސާ އޮންނަނީ ބަހުރައިންގެ ކުންފުންޏެއް ކަމަށްވާ ބަޓެލްކޯއަށެވެ. އަދި، 41 ޕަސެންޓު ދިވެހި ސަރުކާރަށް އޮންނަ އިރު ބާކީ ހަތް ޕަސެންޓު ނިސްބަތްވަނީ އާންމު ހިއްސާދާރުންނަށެވެ.
ބްރޮޑްކޮމްއިން އެ އިސްލާހަށް ބަދަލު ނުގެނެސްފި ނަމަ އަންނަ ޖެނުއަރީ މަހުން ފެށިގެން ދިރާގު ޓީވީގެ ޚިދުމަތް ދިނުމުގެ ލައިސަންސް ބާތިލް ވާނެއެވެ.
މިކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ވަނީ އެ އިސްލާހު ގެނައުމުގައި ކަން ހިނގައި ދިޔަ ގޮތް ސާފުކުރުމަށް ބްރޯޑްކޮމްއަށް ސިޓީއެއް ހުށަހެޅުމަށް ފާސްކޮށްފައެވެ.