ދުނިޔޭގެ ފާޓިލިޓީ ދުވަސް ފާހަގަ ކުރުމުގެ ގޮތުންނާއި ދަރިމައިވުމުގެ މައްސަލަތައް ދިމާވެފައިވާ މީހުންނަށް މާލީ އެހީތެރިކަން ހޯދުމުގެ ގޮތުން މަދަނީ ޖަމުއިއްޔާއަކުން ބާއްވާ ހަރަކާތުގެ މީޑިއާ ޕާޓްނަރަކަށް ސަން މީޑިއާ ގްރޫޕް ހަމަޖައްސައިފިއެވެ.
ފަންޑްރައިޒް ކުރުމަށް ބާއްވަން ނިންމާފައި ވަނީ ރޭގަނޑުގެ ކެއުމެކެވެ. އެ ކެއުމަކީ، ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީ ޖަމުއިއްޔާއިން "އަ ނައިޓް އޮފް ހޯޕް"ގެ ނަމުގައި އަންނަ ބުދަ ދުވަހުގެ ރޭ މީރުމާ ހޯލްގައި ބާއްވާ ކެއުމެކެވެ.
އެ ހަރަކާތުގެ މީޑިއާ ޕާޓްނަރަކަށް ވުމުގެ އެއްބަސްވުމުގައި މިއަދު ސަން މީޑިއާ ގްރޫޕުގެ ފަރާތުން ސޮއި ކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރު އިބްރާހީމް ޚަލީލްއެވެ. ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީގެ ފަރާތުން ސޮއި ކުރެއްވީ ޖަމުއިއްޔާގެ ރައީސް އާޝާ ހުސައިންއެވެ.
އެ ޖަމުއިއްޔާއިން ބުނީ އެ ކެއުމަކީ ދައުވަތު އެރުވިގެން ވަޑައިގަންނަވާ ޚާއްސަ މެހެމާނުންނަށާއި ޓިކެޓް ގަނެގެން ބައިވެރިވާ މީހުންނަށް ހުޅުވާލައިގެން ބާއްވާ ގާލާ ޑިނާއެއް ކަމަށެވެ. މިހާރު ޓިކެޓް ވަނީ ހުސްވެފައެވެ.
އެ ހަރަކާތުގެ އެންމެ ޚާއްސަ ނަންބަރެއްގެ ގޮތުގައި ކުރިއަށްދާނީ ޖަމުއިއްޔާގެ "އައިވީއެފް ފަންޑް" ލޯންޗްކުރުން ކަމަށް އެ ޖަމުއިއްޔާއިން ބުންޏެވެ. އެއީ މާލީ ދަތިތަކާ ހެދި އިންވިޓްރޯ ފާޓިލައިޒޭޝަން (އައިވީއެފް)ގެ ޓްރީޓްމަންޓް ހެދުމުގެ ފުރުސަތު ލިބިފައި ނުވާ މީހުންނަށް ޚާއްސަކޮށްގެން މާލީ އެހީ ފޯރުކޮށްދިނުމަށްޓަކައި އެ ޖަމުއިއްޔާއިން ހުޅުވާލާ ފަންޑެކެވެ.
ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީން ބުނީ އެ ޖަމުއިއްޔާގެ އެންމެ ބޮޑު އަމާޒަކީ ދަރިމައިވުމުގެ މައްސަލަތައް ކުރިމަތިވެ، އިތުރު އެހެން އެއްވެސް ފަރުވާއަކުން ކުއްޖަކު ހޯދުމުގެ މަގު ބަންދުވެފައިވާ މީހުންގެ ތެރެއިން މާލީ ގޮތުން ދަތިކަންހުރި މީހުންނަށް މި ފަންޑުގެ އެހީގައި އައިވީއެފް ހެދުމުގެ މަގުފަހިކޮށްދިނުން ކަމަށެވެ.
އެ ޖަމުއިއްޔާގެ އެގްޒެކެޓިވް ޑިރެކްޓަރު އައިޝަތު މިހުނާ ނާސިހް ވިދާޅުވީ އެ ޖަމުއިއްޔާގެ އުއްމީދަކީ ކޮންމެ އަހަރަކު ވެސް މަދުވެގެން ދެމަފިރިއަކަށް އައިވީއެފް ހެދުމުގެ ފުރުސަތު ދިނުން ކަމަށެވެ. ނަމަވެސް އެ ފަންޑަށް އެހީ ލިބޭ މިންވަރަކުން އިތުރު މީހުންނަށް ވެސް އެ ޚިދުމަތް ފޯރުކޮށްދޭވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ދަރިމައިވުމުގައި ދިމާވާ މައްސަލަތަކުގެ ވާހަކައަކީ އަދިވެސް ގިނަ ބަޔަކު ދައްކަން ފަސްޖެހޭ ވާހަކައަކަށްވާއިރު އެ ވިސްނުން ބަދަލުކޮށް، އާންމުން ހޭލުންތެރިކޮށް، އެކަށީގެންވާ ރަނގަޅު ފަރުވާ ހޯދުމަށް ހިތްވަރުދިނުމަކީ އެ ޖަމުއިއްޔާއިން ވަރަށް ބޮޑު އަހަންމިއްޔަތުކަމެއްދޭ ކަމެއް ކަން ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީން ފާހަގަކުރިއެވެ.
"[ޖަމުއިއްޔާގެ މަގުދަސަކީ] ދަރިމައިވުމުގެ މައްސަލަތަކާ ބެހޭ ގޮތުން އާންމުން ހޭލުންތެރި ކުރުމާއި މައްސަލަތައް ދިމާވާ ފަރާތްތަކަށް ބޭނުންވާ ނަފްސާނީ އެހީތެރިކަމާއި ލިބެން ހުރި ފަރުވާތަކާއި ޚިދުމަތްތަކާ ބެހޭ ގޮތުން މައުލޫމާތު ދިނުން. ދެން ގާލާ ނައިޓަށް ފަހު އެއަށް މި އިތުރުވަނީ، މާލީ ގޮތުން ދަތިތައް ކުރިމަތިވެފައިވާ ފަރާތްތަކުގެ ތެރެއިން ކޮންމެ އަހަރަކުވެސް އެއް ދެމަފިރިއަކަށް އައިވީއެފް ހެދުމުގެ ފުރުސަތު ދިނުން،" މިހުނާ ވިދާޅުވިއެވެ.
ރާއްޖޭގައި ދަރިމައިވުމުގެ މައްސަލަތައް އޮތް މިންވަރާއި ދަރިމައިވުމަށް ހުރި ހުރަސްތަކަކީ ކޮބައިކަން ބަލާ ދިރާސާތައް ހެދުމުގެ މަސައްކަތް ވެސް ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީން ކުރެއެވެ. އެގޮތުން އެ ޖަމުއިއްޔާގެ މެންބަރުން ހިމަނައިގެން ސާވޭއެއް ހެދުމަށް ފަހު، މިދިޔަ މަހު އާންމުކުރި ތަފާސްހިސާބުން ދައްކާ ގޮތުގައި އެ ޖަމުއިއްޔާގެ މެންބަރުންގެ ތެރޭގައި ދަރިމައިވުމުގެ މައްސަލަ އެންމެ ބޮޑަށް ދިމާވަނީ، ޕޮލިސިސްޓިކް އޮވަރީ ސިންޑްރޯމް (ޕީސީއޯއެސް)ގެ ސަބަބުންނެވެ.
މީގެ އިތުރުން، އެންޑޯމެޓްރިއޯސިސް އާއި ބައިގެން ދިޔުމާއި މޭލް ފެކްޓާ އިންފާޓިލިޓީ ވެސް ދަރިން ނުލިބުމަށް ދިމާވާ މައިގަނޑު މައްސަލަތަކުގެ ތެރޭގައި ހިމެނޭ ކަމަށް ސާވޭއިން ދެއްކިއެވެ.