ތައުލީމީ ދާއިރާއިން ރިޓަޔާވާ މީހުންގެ އުސޫލަށް ގެނައި ބަދަލާމެދު ކަންބޮޑުވުން ފާޅުކޮށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް ޞާލިޙަށް ފެޓިޝަނެއް މިއަދު ހުށަހަޅައިފިއެވެ.
މި ޕެޓިޝަން ހެދުމުގައި އިސްވެ އުޅުއްވީ ތައުލީމީ ދާއިރާގައި މަސައްކަތް ކުރައްވާތާ ގިނަ ދުވަސްވީ ބޭފުޅުންތަކެކެވެ. ފަސްސަތޭކައަށް ވުރެން ގިނަ ޓީޗަރުންގެ ސޮޔާއެކު ހުށަހެޅި މި ޕެޓިޝަނުގައި ގިނައިން ސޮއިކޮށްފައި ވަނީ މާލޭ ސަރަޙައްދުގެ ސްކޫލްތަކުގެ ޓީޗަރުންނެވެ. އެހެން ނަމަވެސް ރާއްޖޭގެ ބައެއް އެހެން ހިސާބުތަކުގެ ޓީޗަރުން ވެސް މި ޕެޓިޝަނުގައި ސޮއިކޮށްފައިވެއެވެ.
ޕެޓިޝަނުގައި ފާހަގަކޮށްފައިވާ ގޮތުގައި އާ އޮނިގަނޑުގައި 55 އަހަރުން މަތީ އުމުރުގެ މީހުން ހިމެނޭހެން، މަހު އިނާޔަތް ލިބޭގޮތަށް ރިޓަޔާވުމަށް، ހަ މަސްދުވަހުގެ ފުރުޞަތެއް ވަނީ ފަހިކޮށްދީފައެވެ. އެގޮތަށް ރިޓަޔާ ކުރާއިރު އިނާޔަތް ދިނުމުގައި ބަލަނީ މިހާރު ލިބޭ މުސާރައިގެ ބަދަލުގައި ކުރިން ލިބުނު މުސާރައަށް ކަމަށް ވެސް ޕެޓިޝަންގައި ބުނެފައިވެއެވެ.
އެހެންކަމުން ރައީސް ވަޢުދުވެވަޑައިގެން ގޮތަށް ތައުލީމީ ދާއިރާގެ މުއައްޒަފުންގެ މުސާރަ ބޮޑުވި ނަމަވެސް ޕެންޝަން ފައިސާއާއި އެހެނިހެން ބައެއްކަންކަން އެ ވަޢުދާ އެއްގޮތަށް ހިނގަމުން ނުދާ ކަމަށް އެ ޕެޓިޝަންގައި ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުން ބައެއް މުވައްޒަފުންނަކީ 40 އަހަރު ނުވަތަ އެއަށްވުރެ ދިގު މުއްދަތެއްގައި ވަޒީފާ އަދާކޮށްފައި ތިބި ބަޔަކަށް ވީއިރު، އިނާޔަތް ދޭއިރު އެ މުވައްޒަފުންގެ ޚިދުމަތް 30 އަހަރަށް ބަދަލުވާގޮތަށް އާ އޮނިގަނޑުގައި އޮންނަ އޮތުމަކީ ވެސް ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް މި ޕެޓިޝަންގައި ފާހަގަކޮށްފައި ވެއެވެ.
ދައުލަތުގެ ޕޭ ފްރޭމް ވޯކްގެ ގޮތުގައި މި އޮނިގަނޑުގައި ވަކިބަޔަކު ހިމަނައި އޮނިގަނޑު ތަންފީޒު ކުރަން ފެށުމަކީ އޮނިގަނޑަށް ކިޔާ ނަމާއި ތަންފީޒުކުރާ ގޮތާ ފުށުއަރާ ކަމެއް ކަމަށް މި ޕެޓިޝަނުގައި ބުނެއެވެ. އޮނިގަނޑުގައި ސިވިލް ސާވިސްގެ ވަކި ބަޔަކު ހިމަނައި އެބަޔަކަށް އެކަނި އޮނިގަނޑު ތަންފީޒު ކުރަން ފެށުމަކީ ބޭއިންސާފެއްކަމާއި އޮނިގަނޑު ތަންފީޒު ކުރަން ވާނީ ސިވިލް ސާވިސް ހުރިހާ މުވައްޒަފުންނަށްކަމުގައި ދެކޭ ކަމަށް ޕެޓިޝަންގައި ވަނީ ފާހަގަކޮށްފައެވެ.
ގިނަ ކަންބޮޑުވުންތަކެއް ހިމެނޭ މި އޮނިގަނޑުގައި އިންސާފުވެރި ނޫން އެތައް ކަމެއް ހިމެނިފައިވާތީ މިކަންކަމަށް އިންސާފު ހޯދުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުން ގެންދާނެ ކަމަށް މި ޕެޓިޝަން ހެދުމުގައި އިސްކޮށް އުޅޭ ބޭފުޅުން ވިދާޅުވިއެވެ.
ޓީޗަރުންގެ މުސާރަ ބޮޑުކުރުމަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ވައުދެކެވެ. އެ ވައުދު ފުއްދުމަށް ޓީޗަރުންގެ އޮނިގަނޑަށް ގެނައި ބަދަލާއެކު ގިނަ ޓީޗަރުންތަކެއްގެ މުސާރަ ވަރަށް ބޮޑުތަން އިތުރުވެގެން ދިޔައެވެ.