އަލަމްގީރާއެކު އެއްޖިންސުން ގުޅުން ހިންގި އިތުރު މީހަކު ޖަލަށް ލާން ހުކުމްކޮށްފި

ކްރިމިނަލް ކޯޓު: އަލަމްގީރުއާ އެކު އެއްޖިންސުން ޖިންސީ ގުޅުން ހިންގި އިތުރު މީހަކަށް ވަނީ މިއަދު ހުކުމް ކޮށްފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަލަމްގީރާ އެކު އެއްޖިންސުން ޖިންސީ ގުޅުން ހިންގި އިތުރު މީހަކު ތިން މަހަށް ޖަލަށް ލައި ހަތް މަހު ގޭބަންދުކޮށްފައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފިއެވެ.

އެ މައްސަލައާ ގުޅިގެން އެއްޖިންސުން ގުޅުން ހިންގި ކަމުގެ ދައުވާ ސާބިތުވެފައި ވަނީ ދަފްތަރު ނަންބަރު ރސ 4549، މަޙްމޫދު ރިޔާޟްގެ މައްޗަށެވެ.

އިބްތިދާއީ މަރުހަލާގައި މަޙްމޫދު ވަނީ އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާއަށް އިއުތިރާފްވެފައެވެ. އެހެންކަމުން ކްރިމިނަލް ކޯޓުގައި ބޭއްވި އަވަސްނިޔާގެ އަޑުއެހުމުގައި ޝަރީއަތުން ވަނީ މަޙްމޫދުގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅާފައެވެ.

އެ ކުށުގެ އަދަބެއްގެ ގޮތުން ޝަރީއަތުން ވަނީ މަޙްމޫދު ރިޔާޟް ހަތް މަހާއި ހަ ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފައެވެ. އެ މައްސަލައިގައި އޭނާ ބަންދުގައި ހޭދަކުރި މުއްދަތު ކެނޑުމަށްފަހު ހުކުމް ވަނީ ގޭ ބަންދަށާއި ޖަލު ހުކުމަށް ބަދަލުކޮށްފައެވެ.

އެހެންކަމުން އޭނާ ޖަލުގައި ހޭދަކުރަން ޖެހޭނީ ތިން މަހާއި ދިހަ ދުވަހެވެ. އަދި ބާކީ ހަ މަހާއި 20 ދުވަސް ހޭދަކުރަން ޖެހޭނީ ގޭ ބަންދުގައި ކަމަށް ވެސް ހުކުމުގައި ވަނީ ބުނެފައެވެ.

ގިނަ އަދަދެއްގެ ފިރިހެނުންނާ އެކު އެއް ޖިންސުން ޖިންސީ ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯތަކެއް ލީކްވެފައިވާ އަލަމްގީރުގެ މައްޗަށް އުފުލި އެއް ޖިންސުން ޖިންސީ ގުޅުން ހިންގި ކަމުގެ ތިން ދައުވާއަށް ވެސް އޭނާ ވަނީ އިއުތިރާފުވެފައެވެ. އެ ކުށުގެ އުގޫބާތެއްގެ ގޮތުން އޭނާއަށް ވަނީ ހަތް މަހުގެ ޖަލު ހުކުމެއް އިއްވާފައެވެ. އަދިި އޭނާގެ މައްޗަށް އުފުލި އޮރިޔާން ކާޑު ހެދުމުގެ 40 ދައުވާ ސާބިތުވުމުން ދެ އަހަރާއި ނުވަ މަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.

comment ކޮމެންޓް