އެންމެ ބޮޑު ކޮރަޕްޝަނަކީ ކޮރަޕްޝަނަށް ރުހުން: ރައީސް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް -- ފޮޓޯ/ ރައީސް އޮފީސް

ހޯދުނު ގޮތަކުން ފައިސާ ހޯދުމަކީ ޖާއިޒް ކަމެއްގެ ގޮތުގައި ގަބޫލުކޮށް، އެކަމަށް ހިތްވަރު ދިނުމަށްވުރެ ބޮޑު ނުބައެއް ނޯންނާނެ ކަމަށާއި އެންމެ ބޮޑު ކޮރަޕްޝަނަކީ ކޮރަޕްޝަނަށް ރުހުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް އެހެން ވިދާޅުވީ ޓްރާންސްޕޭރެންސީ މޯލްޑިވްސް އާއި އެންޓި ކޮރަޕްޝަން ކޮމިޝަން ގުޅިގެން މިއަދު ބަނޑޮހުގައި ފެށި "އެންޓި ކޮރަޕްޝަން ކޮންފަރެންސް 2022" ފައްޓަވައިދެއްވުމުގެ ގޮތުން ދެއްކެވި ވާހަކަފުޅުގައެވެ.

އެ ޖަލްސާގައި ރައީސް ވިދާޅުވީ ދައުލަތުގެ ތިންބާރާއި، ސިވިލް ސޮސައިޓީގެ ތެރޭގައިވެސް ކޮރަޕްޝަންގެ އަމަލުތައް ހިނގާކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، ދައުރެއް ބަދަލުވެ ވެރިކަން ފުރޮޅުނަސް، އެއަންނަ ކުއްލި ބަދަލާއެކު ހުރިހާކަމެއް ވަގުތުން ރަނގަޅުވެ އިސްލާހުވެގެން ނުދާނެ ކަމަށެވެ. އަދި އެ ކަންކަމަށް ހުޅުވިފައި ހުންނަ ދޮރުތަކާއި، ވެފައި އޮންނަ ޒަމާންވީ އާދަވެސް ހަމަ އެވަގުތު ބަދަލު ނުވާކަމަށެވެ.

ވަކިން ޚާއްސަކޮށް، ކަމެއް މާގިނަ ދުވަހު ދެމި އާދައަކަށް ވުމުން، ނުރަނގަޅު އޮންނަނީ ރަނގަޅެއްގެ ގޮތުގައި ބެލެވިފައިކަމަށާއި ގޯސް އޮންނަނީ އެއްގޯސްވެފައި ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކޮރަޕްޝަނާއި ފަސާދައާއި ނާޖާއިޒް ފައިދާ ނެގުމަކީ، ދައުލަތުގެ ތެރޭގައި އިންތިޒާމްވެފައި އޮންނަ ރީތިކަމެއްގެ ގޮތުގައި ވެރިން ދެކި އެ ނަމޫނާ ދެއްކުމަށްވުރެ ބޮޑު ގޯހެއް އެއްވެސް ގައުމަކަށް ނޯންނާނެ ކަމަށެވެ.

"އެންޓި ކޮރަޕްޝަން ކޮންފަރެންސް 2022"ގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް

އެމަނިކުފާނު ވިދާޅުވީ ކޮރަޕްޝަނާ ދެކޮޅަށް މިސަރުކާރުން ކުރެއްވި މަސައްކަތުގެ އެންމެ މުހިންމު ބަޔަކީ، ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރުމުގެ މިނިވަން މާހައުލެއް ގާއިމުކޮށްދިނުން ކަމަށެވެ. އަދި ކޮރަޕްޝަންގެ މައްސަލަތައް ބަލައި އެފަދަ އަމަލުތައް ހުއްޓުވުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ކުރާ އެއްވެސް ކަމަކަށް، އަދި ކުރާ ތަހުގީގަކަށް ވެސް ސަރުކާރުގެ އެއްވެސް ނުފޫޒެއް މިހާރު ނޯންނާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައިސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ، މި ސަރުކާރަށް ހަތަރު އަހަރު ފުރެންދާއިރު، ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްތަކެއް ކުރެވިފައިވާ ކަން ފާހަގަކުރައްވައި އެކަންކަމުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާފައެވެ. ރައީސް ވިދާޅުވީ ސަރުކާރުން ކޮރަޕްޝަނާ ދެކޮޅަށް ގެންގުޅޭ ސިޔާސަތުތައް ބައިނަލްއަގުވާމީ މުޖްތަމައުން މިއަދު ބަލައިގަންނަ ކަމަށެވެ.

ކޮރަޕްޝަނަކީ މުޅި ދުނިޔެއަށް ފެތުރިފައި އޮތް، ފަރުވާ ބޭނުންވެފައިވާ އެންމެބޮޑު ބަލިކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ، އެބައްޔަށް އޮތް ޝިފާއަކީ ހާމަކުރުމާއި، ކޮރަޕްޝަންގެ އަމަލުތައް ހިންގާ ސަބަބުތައް ދެނެގަތުން ކަމަށެވެ.

ޓްރާންސްޕޭރެންސީ މޯލްޑިވްސް އާއި އެންޓި-ކޮރަޕްޝަން ކޮމިޝަން ގުޅިގެން މިއަދު ފެށި އެ މަހާސިންތާއާ ގުޅޭ ގޮތުން ރައީސް ވިދާޅުވީ، ދައުލަތުގެ ކުންފުނިތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތައް ހިންގުމުގައި ހުރި ކޮރަޕްޝަނުގެ ހިރާސްތައް ދެނެގަނެ، ނަޒާހަތްތެރިކަމާއެކު ހިންގުމުގެ ނިޒާމް ބައްޓަން ކުރުމުގެ މައްޗަށް މިފަހަރުގެ މަހާސިންތާ އަމާޒުކޮށްފައިވުމީ، އެ މަހާސިންތާގެ މުހިންމުކަން އިތުރުވެގެންދާ ކަމެއް ކަމަށެވެ. މީގެ އިތުރުން އެ މަހާސިންތާއިން ފުރޭނިގެން އަންނަ ޚިޔާލުތަކާއި ހުށަހެޅުންތަކަށް ސަރުކާރުން މަރުހަބާ ކިޔާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"އެންޓި ކޮރަޕްޝަން ކޮންފަރެންސް 2022" ބާއްވަން ހަމަޖެހިފައި ވަނީ ދެ ދުވަހުގެ މުއްދަތަކަށެވެ. އެ މަހާސިންތާގައި ދައުލަތުގެ ކަމާ ގުޅުންހުރި އިދާރާތަކުންނާއި، ސަަރުކާރުގެ ކުންފުނިތަކުން ބައިވެރިވެއެވެ.

comment ކޮމެންޓް