ޕާކިސްތާން ހައި ކޮމިޝަނުން ކަޝްމީރު ބްލެކް ޑޭ ފާހަގަކޮށްފި

ޕާކިސްތާނުގެ ހައި ކޮމިޝަނުގައި ކަޝްމީރު ބްލެކް ޑޭ ފާހަގަ ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ހައި ކޮމިޝަނަރު ވައިސް އެޑްމިރަލް ރިޓަޔާޑް އަތަރު މުޚުތާރު -- ފޮޓޯ/ ޕާކިސްތާން ހައި ކޮމިޝަން

އިންޑިއާއިން 1947ގައި ޖައްމޫ އެންޑް ކަޝްމީރު އެގައުމުގެ ބާރުގެ ދަށަށް ގެންދިޔަ ގެންދިޔުން ކުށްވެރިކުރުމުގެ ގޮތުން ފާހަގަ ކުރާ 'ކަޝްމީރު ބްލެކް ޑޭ' ރާއްޖޭގައި ހުންނަ ޕާކިސްތާން ހައި ކޮމިޝަނުން އިއްޔެ ފާހަގަކޮށްފިއެވެ.

ޖައްމޫ އެންޑް ކަޝްމީރުގެ ރައްޔިތުންނަށް އެ ސަރަހައްދުގެ ވެރިކަމާ ބެހޭ ގޮތުން އަމިއްލައަށް ގޮތް ނިންމުމުގެ ބާރު ދިނުމަށް ގޮވާލައި އެ ސަރަހައްދުގެ ރައްޔިތުން ކުރަމުންދާ މަސައްކަތުގައި ކަޝްމީރުގެ ރައްޔިތުންނާއެކު ތިބިކަން ހާމަކޮށް، ކޮންމެ އަހަރެއްގެ އޮކްޓޯބަރު 27ގައި ކަޝްމީރު ބްލެކް ޑޭ ފާހަގަކުރާ މިއީ 75 ވަނަ އަހަރެވެ.

މާލޭގައި ހުންނަ ޕާކިސްތާން ހައި ކޮމިޝަނުގައި ކަޝްމީރު ބްލެކް ޑޭ ފާހަގަ ކުރަނީ -- ފޮޓޯ/ ޕާކިސްތާން ހައި ކޮމިޝަން

ޕާކިސްތާން ހައި ކޮމިޝަނުން ބުނީ މި ދުވަހަކީ އިންޑިއާގެ އިސްތިއުމާރީ ފައުޖުތަކާ ދެކޮޅަށް ކަޝްމީރުގެ ރައްޔިތުން ދައްކަމުންދާ ހިތްވަރާއި ކެތްތެރިކަން ސާބިތުކޮށްދޭ ދުވަހެއް ކަމަށެވެ.

އިއްޔެ ޕާކިސްތާން ހައި ކޮމިޝަނުގައި ބޭއްވި ރަސްމިއްޔާތުގައި ހައި ކޮމިޝަނަރުގެ ނައިބު ޒުލްގަރުނައިން އަހުމަދު ވަނީ ކަޝްމީރު މައްސަލައިގެ ތާރީޚަށް އަލިއަޅުވާލައްވައި، އެ މައްސަލައާ ބެހޭ ގޮތުން އދ.އިން ނެރެފައިވާ ގަރާރުތައް ފާހަގަކުރައްވާފައެވެ.

މާލޭގައި ހުންނަ ޕާކިސްތާން ހައި ކޮމިޝަންގައި ކަޝްމީރު ބްލެކް ޑޭ ފާހަގަ ކުރަނީ -- ފޮޓޯ/ ޕާކިސްތާން ހައި ކޮމިޝަން

ހަމައެއާއެކު، އިންޑިއާއިން އޮގަސްޓު ފަހެއް، 2019ގައި އެގައުމުގެ ގާނޫނު އަސާސީން މާއްދާ 370 އާއި 35އޭ އުނިކުރުން ވެސް ޒުލްގަރުނައިން ކުށްވެރިކުރެއްވިއެވެ. އެ މާއްދާތަކުން، ބޭރު މީހުން ކަޝްމީރުގެ ބިން މިލްކު ކުރުމާއި ވަޒީފާތައް ހޯދުމާއި އެ ސަރަހައްދުގައި ވަޒަންވެރި ވުން ހުއްޓުވިކަން އޭނާ ފާހަގަކުރެއްވިއެވެ.

ޒުލްގަރުނައިން ތުހުމަތު ކުރެއްވީ އެ މާއްދާތައް އުވާލީ ކަޝްމީރުގައި ހިންދޫ ދީނުގެ މީހުން ވަޒަންވެރިވުމަށް ފުރުސަތު ދީ، އެ ސަރަހައްދުން މުސްލިމުންގެ އަޣުލަބިއްޔަތު އުވާލުމަށެވެ.

ޕާކިސްތާނުގެ ހައި ކޮމިޝަނުގައި ކަޝްމީރު ބްލެކް ޑޭ ފާހަގަ ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ހައި ކޮމިޝަނަރުގެ ނައިބު ޒުލްގަރުނައިން އަހުމަދު -- ފޮޓޯ/ ޕާކިސްތާން ހައި ކޮމިޝަން

އެ މާއްދާތައް އުވާލީ ބައިނަލްއަގުވާމީ ގާނޫނުތަކާއި ޖެނީވާ ކޮންވެންޝަނާ ޚިލާފަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ހަމައެއާއެކު، ޒުލްގަރުނައިން ވަނީ ކަޝްމީރުގައި އަމިއްލައަށް ގޮތް ނިންމުމުގެ ހައްގު ދިނުމަށް ގޮވާލައި ކުރާ މަސައްކަތުގެ ތެރެއިން މަރުވި މީހުންގެ ހަނދާން އާ ކުރައްވާފައެވެ.

"އަނިޔާވެރިކަމުގެ ކުރިމަތީގައި ކަޝްމީރުގެ އަޚުންނާއި އުޚުތުން ވަނީ ލާމަސީލު ހިތްވަރާއި ކެތްތެރިކަން ދައްކާފަ. އެ ބުރަ މަސައްކަތާއި ގުރުބާނީ ބޭކާރު ވެގެން ނުދާނެ،" އޭނާ ވިދާޅުވިއެވެ.

އެ ރަސްމިއްޔާތުގައި ހައި ކޮމިޝަނަރު ވައިސް އެޑްމިރަލް ރިޓަޔާޑް އަތަރު މުޚުތާރު ވިދާޅުވީ ކަޝްމީރުގެ ރައްޔިތުންގެ ހިތްވަރާއި ގުރުބާނީގެ ސަބަބުން، އިންޑިއާއިން އެ ސަރަހައްދު ކޮންޓްރޯލްކޮށް ގަދަ ބާރުން ވެރިކަން ކުރުމަށް ކުރާ މަސައްކަތް ނާކާމިޔާބު ވެފައިވާ ކަމަށެވެ. އަދި ކަޝްމީރުގެ ރައްޔިތުންގެ ހިތްވަރަށް އަދިވެސް ބަދަލެއް ނާންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

މާލޭގައި ހުންނަ ޕާކިސްތާން ހައި ކޮމިޝަނުގައި ކަޝްމީރު ބްލެކް ޑޭ ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ބޭނުންކުރި ޕޯސްޓަރެއް -- ފޮޓޯ/ ޕާކިސްތާން ހައި ކޮމިޝަން

މީގެ އިތުރުން، ކަޝްމީރާ ބެހޭ ގޮތުން އިންޑިއާ ސަރުކާރުން ގާނޫނާ ޚިލާފަށް ނިންމާފައިވާ ނިންމުންތައް އުވާލުމަށް ޕާކިސްތާނުން ގޮވާލާ ކަމަށް ހައި ކޮމިޝަނަރު ވިދާޅުވިއެވެ. އަދި ބައިނަލްއަގުވާމީ މުޖުތަމައުން ކަޝްމީރުގެ ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދަން ފިޔަވަޅުތައް އެޅުމަށް ވެސް އޭނާ ގޮވާލެއްވިއެވެ.

ހައި ކޮމިޝަނަރު ވިދާޅުވީ އދ.ގެ ސަލާމަތީ މަޖިލީހުން ފާސްކޮށްފައިވާ ގަރާރުތަކުގައި ކަޝްމީރުގެ މައްސަލަ ހައްލު ކުރެވޭނެ ގޮތް ބުނެދީފައިވާ ކަމަށެވެ.

"ދެކުނު އޭޝިއާގައި ދެމެހެއްޓެނެވި ގޮތެއްގައި ސުލްހަ ގާއިމު ކުރެވޭނީ ސަލާމަތީ މަޖިލީހުގެ ގަރާރުތަކާ އެއްގޮތަށާއި ކަޝްމީރުގެ ރައްޔިތުން ބޭނުންވާ ގޮތަށް ކަޝްމީރު މައްސަލަ ހައްލު ކުރެވިގެން،" ހައި ކޮމިޝަނަރު ވިދާޅުވިއެވެ.

comment ކޮމެންޓް