ލަންޑަން (26 އޮކްޓޯބަރު 2022) : އިނގިރޭސިވިލާތަށް ކުރިމަތިވެފައިވާ އިގްތިސާދީ މައްސަލަތައް ވަރަށް ބޮޑުކަމަށާއި އާ ބޮޑުވަޒީރު ރިޝީ ސްނަކްއަށް ވެސް މި މައްސަލަތައް ހައްލުކުރުމުގައި ކާމިޔާބު ނުހޯއްދެވޭނެ ކަމަށް ލަންޑަންގައި ނުކުންނަ "ދަ ގަޑިއަން" ނޫހުން ބުނެފިއެވެ.
އެ ނޫސް ބުނާގޮތުން އިނގިރޭސި އިގްތިސާދަށް ކުރިމަތިވެފައިވާ މައިގަނޑު މައްސަލަތަކަކީ ޔޫރަޕްގެ އިއްތިޙާދުން އިނގިރޭސިވިލާތް ވަކިވުމުގެ ސަބަބުން ކުރިމަތިވެފައިވާ މައްސަލަތަކެކެވެ. މިކަން ހައްލުވާނީ އަނެއްކާ ވެސް އިނގިރޭސިވިލާތް ޔޫރަޕްގެ އިއްތިހާދުގައި ބައިވެރިވެގެންނެވެ.
އިނގިރޭސިވިލާތަށް ކުރިމަތިވެފައިވާ އިގްތިސާދީ މައިގަނޑު މައްސަލަތަކަކީ ތަކެތީގެ އަގުތައް ބޮޑުވެ އިންފްލޭޝަން މައްޗަށް ދިޔުމާއި ވަޒީފާ ނެތް މީހުންގެ އަދަދު މަތިވުމާއި އުފެއްދުންތެރިކަން ދަށަށް ދާ މައްސަލައެވެ. މި މައްސަލަ އިތުރަށް ގޯސް ވީ ޔުކްރެއިން ހަނގުރާމައާ ގުޅިގެން ޔޫރަޕާއި އެމެރިކާއިން ރަޝިއާއާ ދެކޮޅަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތަކާއެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މައްޗަށް ދިޔުމާ ގުޅިގެންނެވެ.
މިހާރު އިނގިރޭސިވިލާތުގައި ތެލުގެ އަގު ވަނީ މިދިޔަ އަހަރާ އަޅާބަލާއިރު ދެގުނަ މައްޗަށް ގޮސްފައެވެ. އަދި އިންފްލޭޝަންގެ މިންވަރު ވަނީ 12 ޕަސެންޓަށް އަރާފައެވެ. ނަތީޖާއެއްގެ ގޮތުން އާންމުންގެ އަތްމަތި ވަނީ ދަތިވެފައެވެ.
މެދުފަންތީގެ ރައްޔިތުންގެ ގިނަ ބަޔަކު ވަނީ ފަގީރުންގެ ހާލަތަށް ގޮސްފައެވެ. "ދަ ގަޑިއަން" ނޫހުގައިވާ ރިޕޯޓެއް ބުނާގޮތުން އިނގިރޭސި އިގްތިސާދަށް ކުރިމަތިވެފައިވާ މައިގަނޑު މައްސަލަތައް ގުޅިފައިވަނީ ޔޫރަޕްގެ އިއްތިޙާދުން އިނގިރޭސިވިލާތް ވަކިވުމާއެކު ކުރިން ލިބިފައިވާ ޔޫރަޕްގެ ބާޒާރުތައް އިނގިރޭސިވިލާތަށް ގެއްލިގެން ދިޔުމުންނެވެ.
އިނގިރޭސިވިލާތުގެ އިގްތިސާދަކީ މިހާރު އިންޑިއާގެ އިގްތިސާދަށް ވުރެ ވެސް ދަށް އިގްތިސާދަކަށްވާއިރު, އެ އިގްތިސާދަކީ ޔޫރަޕްގެ އިއްތިހާދުގެ 27 ގައުމު ގުޅިގެން އުފައްދާފައިވާ ބިޔަ ބާޒާރާ ދުރަސްގޮސްގެން އަމިއްލަ ފައިމައްޗަށް ތެދުވުމުގެ ގާބިލުކަން ނެތް ބަލިކަށި އިގްތިސާދެއް ކަމަށް ވެސް މި ރިޕޯޓް ބުނެއެވެ.
މި ރިޕޯޓް ބުނާގޮތުން އިނގިރޭސިވިލާތުގެ އާންމުންނަށް ވެސް މިހާރު ވަނީ މި ހަގީގަތް ރޭކާލަން ފަށާފައެވެ. އިނގިރޭސިވިލާތް ޔޫރަޕްގެ އިއްތިޙާދުން ވަކިވުން (ބްރެކްސިޓް) އަށް ވަކާލާތުކޮށް އެކަމަށް ކޭންޕޭން ކުރެއްވި ބޭފުޅުން ކަމަށްވާ ކުރީގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ފަދަ ބޭފުޅުން ދެކެ އިނގިރޭސި އާންމުންގެ ގިނަ ބަޔަކު މިހާރު ވަރަށް ބޮޑަށް ނަފްރަތު ކުރެއެވެ. އެބޭފުޅުން ބްރެކްސިޓަށް އާންމުންގެ ތާއީދު ހޯދުމަށް ހެދި ބޮޑެތި ދޮގުތައް އާންމުންނަށް ހާމަވުމުން މިހާރު އިނގިރޭސި އާންމު ރައްޔިތުން އެބޭފުޅުން ދެކެ އަރަނީ އަމަށަކު ރުޅިއެއް ނޫން ކަމަށް ވެސް މި ރިޕޯޓް ބުނެއެވެ.
އިނގިރޭސިވިލާތް ޔޫރަޕްގެ އިއްތިޙާދުން ވަކިވީ އެ އިއްތިހާދުގައި އޮވެގެން އިނގިރޭސިވިލާތުގެ ހައިބަތު ކުޑަވެ، އިނގިރޭސިވިލާތުގެ އަމިއްލަވަންތަކަން ގެއްލި އަދި އިނގިރޭސީންނަށް މާލީގޮތުން ވެސް ގެއްލުން ބޮޑުވާކަމަށް ބުނެ ކުރީގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން އާއި ނައިޖަލް ފަރަޖް ފަދަ އިނގިރޭސި ވަތަނީ ފިކުރުގެ ސިޔާސީ ބޭފުޅުން ދެއްކެވި ވާހަކަތަކާއި އެކަމަށް އާންމުންގެ ތާއީދު ހޯދުމަށް ހެއްދެވި ދޮގުތަކާއި އޮޅުވާލުންތަކާއެކު އެކަމަށް އާންމުން ހެއްލި އެކަމަށް ތާއީދުކޮށް އިނގިރޭސި އާންމުން ވޯޓު ދީގެންނެވެ.